ހަބަރު

ރާއްޖޭގެ ދާހިލީ ކަންކަމަށް އިންޑިއާ ނުވަންނާނެކަން ޔަގީން: ދުންޔާ

ރާއްޖޭގެ ދާހިލީ ކަންކަމާ އިންޑިއާއިން ނުބެހޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ފޮރިން މިނިސްޓްރީގެ ރަސްމީ ޓްވީޓްގައި ދުންޔާ ވިދާޅުވި ކަމަށް ބުނެފައި ވަނީ ދޭދޭ ގައުމުތަކާ ގުޅުން ބޭއްވުމުގެ އެގްރިމަންޓް، "ފައިވް ޕްރިންސިޕްލްސް އޮފް ޕީސްފުލް ކޯއެގްޒިސްޓެންސް" ނުވަތަ، "ޕާންޗްޝީލް" އެގްރިމަންޓަށް އިންޑިއާއިން އަމަލު ކުރާނެ ކަމާ މެދު ދިވެހި ސަރުކާރުން ޝައްކު ނުކުރާ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖޭގެ އެތެރޭގެ ސިޔާސީ ކަންކަމާ ނުބެހޭނެ ކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް ދުންޏާ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ޓްވީޓެއް މި ކުރެއްވީ، ރައީސް މުހައްމަދު ނަޝީދު އިކޮނޮމިކް ޓައިމްސަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ވެރިކަން ފުރޮޅާލުމަށް އިންޑިއާގެ އެހީތެރިކަމަށް ގޮވާލައްވާފައި ވަނިކޮށެވެ. ރައީސް ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީ އެކުވުމުން މަޖިލީހުގެ މެޖޯރިޓީ ލިބޭނެ ކަމަށާއި އޭރުން ރައީސް ޔާމީން ގައުމުގައި ކުއްލި ހާލަތު އިއުލާންކޮށް ވެރިކަން ހިންގެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އިންޑިއާގެ އެހީތެރިކަން އިދިކޮޅު ފަރާތްތަކަށް ބޭނުންވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.