އޭސީސީ

އޭސީސީގައި ރަޖިސްޓްރީކުރި މައްސަލައިގެ އަދަދު ދަށަށް

މި އަހަރުގެ ދެވަނަ ކްއާޓާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ރަޖިސްޓްރީކޮށްފައިވާ މައްސަލަތައް މިދިޔަ އަހަރުގެ ދެވަނަ ކްއާޓާގައި ހުށަހެޅި މައްސަލައަށްއަށްވުރެ ހަތް ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ދެ ވަނަ ކްއާޓާގައި އޭސީސީއަށް 189 މައްސަލަ ރަޖިސްޓްރީކޮށްފައިވާއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވަނީ 204 މައްސަލަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ހަތް ޕަސެންޓް ދަށްވުމެއް ކަމަށް އޭސީސީ ގެ ހިސާބުތަކުން ދައްކަ އެވެ.

އެ ކޮމިޝަނުން ބުނީ ކޮމިޝަނުގައި ރަޖިސްޓްރީ ކުރި މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، މިއަހަރުގެ ދެވަނަ ކްއާޓާގައި ތަހުގީގް ކުރަން ނިންމީ 159 މައްސަލައެއް ކަމަށާއި މިދިޔަ އަހަރުގެ އެ މުއްދަތުގައި ތަހުގީގު ކުރަން ނިންމާފައިވަނީ 155 މައްސަލަ ކަމަށެވެ.

ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ އިހްތިސޯސަށް ނުފެތޭ މައްސަލަތައްދަނީ އެ އިހްތިސޯސް އޮތް އިދާރާއަކަށް ފޮނުވަމުންނެވެ. އެގޮތުން މިއަހަރުގެ ދެވަނަ ކްއާޓާގައި 11 މައްސަލައެއް ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު މިދިޔަ އަހަރުގެ ދެވަނަ ކްއާޓާގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް 17 މައްސަލައެއް ފޮނުވި އެވެ.

އެކަށީގެންވާ ވަރަށް މައުލޫމާތު ނެތިގެން މިއަހަރުގެ ދެވަނަ ކުއާޓާގައި 19 މައްސަލައެއް ނުބަލާ ދޫކޮށްލާފައިވާއިރު، މި އަހަރުގެ އެމުއްދަތުގައި 45 މައްސަލަ ނުބަލާ ދޫކޮށްލާފައިވެ އެވެ.

މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި 408 މައްސަލައެއް ކޮމިޝަނުގަ ރަޖިސްޓްރީ ކޮށްފައިވެ އެވެ.