ލައިފްސްޓައިލް

ދުޅަހެޔޮވާނީ މިހެން! އެކަމަކު މިއީ އެކަކު ވެސް ކިޔައިނުދޭ ވާހަކަ!

ދުޅަހެޔޮ ވާނީ ކިހިނެތް ހެއްޔެވެ؟ ރަނގަޅަށް ކައިގެން، ގަވާއިދުން ކަސްރަތުކޮށް، ވީހާ ވެސް ރަނގަޅަކަށް ނިދައިގެންނެވެ. ހަގީގަތުގައި މިއީކީ، މިގޮތަށް މީހަކަށް ކިޔައިދޭން ޖެހޭ ވަރުގެ ވާހަކައެއް ވެސް ނޫނެވެ. ސަބަބަކީ އެންމެނަށް ވެސް ދުޅަހެޔޮކަމުގެ މި ސިއްރު އެނގޭތީ އެވެ.

އެހެންވީމަ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އަދި އެގޮތުގައި ދެމިހުރުމަށް ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން، އާންމުކޮށް މީހުން ނުދައްކާ ވާހަކަތަކަކުން ފަށައިގަންނަމާ ހިނގާށެވެ.

ބުއްދިވެރިޔަކު ބުނެފައިވެ އެވެ. ތިމާ މީހާގެ ފުރަތަމަ އަދި އެންމެ ފަހުރުވެރިވަނިވި މުއްސަނދިކަމަކީ ސިއްހަތެވެ. ދުޅަހެޔޮ ސިއްހަތެކެވެ. ދުނިޔޭގެ ކުޅަދާނަ އިކޮނޮމިސްޓުން ވެސް ބުނަނީ ހަމަ މިހެންނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރެއްޖެ ނަމަ ލިބޭ މުސާރައިގެން ދެ ގުނަ ތިން ގުނަ ވެސް ޖެއްސިދާނެ އެވެ.

އެހެންވީމަ، ސިއްހަތާ ބެހޭ މި ވާހަކައިގެ ޝައުގުވެރިވަނިވި ބައިތައް އަދި ކުރިއަށް އޮތީ އެވެ. ފަހަރެއްގައި މި ލިޔުމެއް ކިޔައިނިމޭއިރު މަހުޖަނަކަށްވާނޭ ގޮތް ވެސް އެނގިދާނެ އެވެ. އެހެންވީމަ ވިދާޅުވަމުން ކުރިއަށް ގެންދަވާށެވެ.

ވާނުވާއެއް ނޫނެވެ! ވާނުވާ އެނގޭ ހާލުގައި ހުންނާށެވެ!

ދުޅަހެޔޮ ސިއްހަތެއްގެ އެންމެ މުހިންމު އެއް ބައިވެރިޔަކީ މިއީ އެވެ. ދުޅަހެޔޮ، ދިގު އުމުރަކަށް ވެސް ވަރަށް މުހިންމު ސިފައަކީ މިއީ އެވެ. ހަމަހޭގައިހުރުން ނުވަތަ ވާނުވާ އޭގެ އެންމެ ފުރިހަމަ އަށް އެނގޭ ފަދަ ހާލަތެއްގައި ތިމާގެ ނަފުސު ބެހެއްޓުމެވެ. ތަރުތީބުވުމެވެ. އެއްވެސް ކަމެއްގައި ބޭކާރުނުކޮށް، ފައިދާހިފަން އެނގުމެވެ. ސާފު ސީދާ ނަލަ އުސޫލޫތަކަކަށް ނުވަތަ ގަބޫލުކުރުންތަކަކަށް ކިޔަމަންގަތުމެވެ.

ކުރުގޮތަކަށް ނުވަތަ ތަންކޮޅެއް ސާފުކޮށް ބުނަނީ ނަމަ، ޖާހިލުކަމުން އަރައިގަތުމެވެ. އާނއެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަމާއި ހުންނާނޭގޮތް ކިޔައިދޭއިރު މިއީ ދުވަހަކު ވެސް ތަޖުރިބާކާރުން ދިން ނަސޭހަތްތަކެއް ނުވަތަ ޓިޕްސްތަކެއް ނޫނެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ ވާނުވާ އެނގޭ ހިސާބުގައި ތިމާގެ ނަފުސު ބެހެއްޓުމަކީ ހަމައެކަނި އުމުރު ދިގުކޮށްދޭ ކަމެއް ނޫނެވެ. މުސާރަވެސް ބޮޑުކޮށްދޭ ކަމެކެވެ. ވަޒީފާގެ މާހައުލުގެ އުފާވެރިކަން ވެސް އުނގަށް ބަންޑުންވެދާނެ އެވެ. ޒަވާޖީ ހަޔާތުގެ އުފާވެރިކަން ބޮޑުވެ އެ ހަޔާތުގެ އުމުރު ވެސް ދިގުކޮށްދެ އެވެ.

ދެން އަނެއްކާވެސް މިހުރިހައި ކަމެއް ގޮސް ގުޅެނީ ހަމަ ސިއްހަތާ އެވެ. ދުޅަހެޔޮ ސިއްހަތާއެވެ!

އެނގޭ ހެއްޔެވެ؟ ވާނުވާ ނޭނގި ދުނިޔެއިން ގެއްލިގެން ދިއުމަކީ ހިތުގެ ބަލީގައި މަރުވުމުގެ ފުރުސަތު ވެސް ބޮޑުކޮށްދޭ ކަމެކެވެ. މިހުންނަނީ ސައިންސާއި ދިރާސާތަކާއި ދުނިޔަވީ ބޮޑެތި މިސާލުތަކުން ސާބިތުކޮށްފައިވާ ކަންކަމެވެ.

ބުއްދިވެރިން ބުނެ އުޅެއެއް ނޫން ހެއްޔެވެ؟ ހޭވައްޓާލާފައި އުޅޭ ތަރިންގެ އުމުރުކުރުވާނެ އެވެ. ދެން އެ ވާހަކައެއް ދައްކަން ވެއްޖެ ނަމަ މީގެ އަސްލު ޓޮޕިކް ގެއްލިދާނެ އެވެ. އެހެންވީމަ ދެން އެހެން ސުރުހީއެކެވެ.

ގުޅުން ނުވަތަ ބައިވެރިންގެ މުހިންމުކަން ވަރަށް ވެސް ބޮޑެވެ!

ދިރާސާއެއްގެ ވާހަކަ ބުނަން ހެއްޔެވެ؟ ހަޔާތުގައި އެކުވެރިން ނެތުމަކީ، ދުވާލަކަށް 15 ސިނގިރޭޓު ބޮއެގެން ސިއްހަތަށް ލިބޭ ގެއްލުވާ އެއްވަރުގެ ސިއްހީ މައްސަލަތަކެއްގެ ތެރެއަށް މީހާ ވައްޓާލަފާނެ ކަމެކެވެ. އަދި މިއީ ކަސްރަތުނުކުރުމަށް ވުރެން ވެސް ނުރައްކާތެރި ކަމެކެވެ.

ފަލަބައްޔަށް ވުރެން ވެސް ސިއްހަތަށް ނުރައްކަލީ އެކުވެރިން ނެތުމެވެ. މިއީ ސައިންސްވެރިންނާއި ތަންދޮރު ތަނެތިބި އިލްމުވެރިންގެ ބަހެވެ.

ކައިވެންޏާއި ލޯބިކުރުން ވެސް ވަރަށް މުހިންމު!

އެހެންވީމަ މިވެނި ކުއްޖަކު އުޅެނީ ތިމަންނައާ މާ އަވަހަށް އިންނަންށޭ ކިޔައިގެން އެ ކުއްޖަކަށް ފުރައްސާރަކޮށް މީހުންގެ ކުރިމަތީގައި އެ ކުއްޖެއްގެ އަގު ވައްޓާލަން މަސައްކަތްކުރާނެ ކަމެއް ނެތެވެ. އެހެން ކަމުގައި ވަނީ ނަމަ ތިޔައީ ސައިންސްގެ ފޮތުން ނުކިޔަވާ މީހަކީ އެވެ.

ސައިންސްވެރިން ބުނަނީ ކީކޭކަން އެނގޭ ހެއްޔެވެ؟ ހިތުގެ ބޮޑު އޮޕަރޭޝަނަކަށް ފަހު އެންމެ އަވަހަށް ކުރަން ޖެހޭ ކަމަކީ ލޯބިވާ ބައިވެރިޔަކު ހޯދައި، އުފާވެރި ކައިވެންޏަކަށް ގޮށް ޖެހުމެވެ. އޭގެ ސަބަބުން ސިއްހީ މައްސަލަތަކުން ދުރުވެ، އުމުރު ދިގުވާ ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ.

ހިތުގެ ބަލިތަކުން ނުވަތަ ލޯބީގެ އެޕިސޯޑަކަށް ފަހު ވެސް ހިތްހަލާކުވިޔަ ނުދިނުމަށް އެދޭ ނަމަ ނުވަތަ ހިތުގެ ސިއްހީ މައްސަލަތަކަކާ ކުރިމަތިލާން ނޭތޭ ނަމަ ގިނަގިނައިން ކިސްކުރާށެވެ. އެއީ ކޮލެސްޓްރޯލް އަންދައިދޭ ކަމެކެވެ.

ވަޒީފާ އިން ލިބޭ ހިތްހަމަޖެހުމެއް ނެތް ނަމަ ހިތްހުއްޓިދާނެ!

ތިމަންނަ ލޯބިވާ ކަމެއް ކުރާށޭ ބުއްދިވެރިން ބުނަނީ މިހެންވެ އެވެ. ހަގީގަތުގައިވެސް، ވަޒީފާއާ އެކު ހިތްހަމަނުޖެހޭ ނަމަ ނުވަތަ ލިބޭ މުސާރަކޮޅާ މެދު ހިތްހަމަނުޖެހޭ ނަމަ ހިތްހުއްޓުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އޭގެ ސަބަބުން ފިކުރު ބޮޑުވެ މީހާގެ ސިއްހީ ނިޒާމްގެ ޓްރެފިކް ހަލަބޮލިކޮށްލާތީ އެވެ.

އެހެންވީމަ ވަޒީފާއާ މެދު ހިތްހަމަނުޖެހޭ ނަމަ ނުވަތަ ލިބޭ މުސާރައިން އުފަލެއް ނުލިބޭ ނަމަ އެ އުފާ ލިބޭ ތަނަކަށް ހަޔާތުގެ ގޮނޑީގައި ދަތުރުކުރާށެވެ. ތިބާ އަކީ އަބަދުވެސް މި ދުނިޔޭގައި މިނިވަނެކެވެ.

މި ލިޔުމެއް ކިޔަމުންދާއިރު ވެސް ފަހަރެއްގައި ތިބާ ތިހުރީ އަދާ ކުރާ ވަޒީފާއާ މެދު ނުވަތަ ވަޒީފާ އަދާކުރާ އޮފީހާ މެދު ހިތްހަމަނުޖެހިފައި ކަމަށް ވެދާނެ އެވެ. އެހެންކަމުގައި ވަނީ ނަމަ ހިތްއެދޭ މަންޒިިލަށް ދަތުރުކުރުމަށް ފިޔަގަނޑު ހުޅުވާލާށެވެ.

ސަބަބަކީ ތިގޮތުގައި ހުރެއްޖެ ނަމަ ސިއްހަތަށް ގެއްލުން ލިބި، ގެއްލުން އިތުރުވާ ކަންކަމަށާއި ފާފަތަކަށް އަރައިގަނެވިދާނެތީ އެވެ.

ފާފަތަކަށް އަރައިނުގަންނާށެވެ!

އެހެން ގޮތަކަށް ބުނަނީ ނަމަ، މީހުން ލޯބިވާން ޖެހޭ ނުވަތަ އެހެން މީހުންގެ އަޅާލުން ލިބެން ޖެހޭ މީހަކަށް ތިބާ ވެއްޖެ ނަމަ ހަޔާތުގެ ދަތުރު ފަސޭހައެއް ނުވާނެ އެވެ. ތިބާގެ ހަޔާތުގެ ދަތުރު ފަސޭހަކޮށްދެނީ ތިބާ އެހެން މީހުން ދެކެ ލޯބިވި މިންވަރަކުންނެވެ. އެހެން މީހުންނަށް ކަމޭހިތައި އަޅާލި މިންވަރަކުންނެވެ.

އެހެން ނޫޅޭ ނަމަ ތިބާ ދެކެ ލޯބިވާނެ ނުވަތަ ތިބާ އަށް އަޅާލާ މީހުންގެ ވާހަކަ ދައްކާކަށް ޖާގައެއް ވެސް ނުއުފެދޭނެ އެވެ.

އެހެންވީމަ ފާފައަށް އަރައިނުގަންނާށެވެ. މީހުންނަށް މައާފްކުރާށެވެ. އަމިއްލަ މީހާގެ ކުށް ގަބޫލުކޮށް އިސްލާހުކުރާށެވެ.

މީހަކު ތިމަންނައަށް ހެދީ މިހެންނޭ ކިޔާފައި ރުޅިގަދަވެ ހަމައިން ނެއްޓިގެން ދިއުމަކީ ތިމާ މީހާ ހަމައެކަނި، ރުޅިގަދަ މީހަކަށް ބަދަލުކޮށްލާ ކަމެއް ނޫނެވެ. ބަލި މީހަކަށް ވެސް ބަދަލުކޮށްލަފާނެ އެވެ.

މީހުންނަށް މައާފްކުރުމަކީ ވެސް ފަރުވާއެކެވެ.