އެކަމަކު އަހަރެމެން ފަށާނީ، އަބަދުވެސް އެންމެ ފުރަތަމަ އަނގަޔަށް އަންނަ ސުވާލުންނެވެ. ނުވަތަ ތިމާއާ ބައްދަލުވާ ކޮންމެ މީހަކު ދެ ލޯ ބޮޑުވެ ހައިރާންވެފައި ކުރާ ސުވާލުންނެވެ.
"ކައިވެނިކުރީ؟ ކޮންއިރަކު؟ އަޅޭ... ކިހިނެތް؟"
އެންމެން ވެސް ކުރާ ސުވާލަކީ މިއީ އެވެ. ދެން ދައްކާނީ ކޮންމެވެސް ދެ މީހަކަށް ނޫޅެވިގެން ވަރިވި ވާހަކަ އެވެ. އެހިސާބުން މަސްކެވި ކޮފީސް ބަނޑުފުރުނީ އެވެ.
ދުވަހަކު ވެސް ނުކުރާ ސުވާލަކީ މިއީ އެވެ.
"އެ ދެމަފިރިން އެހާ އުފަލުގައި އުޅެނީ ކިހިނެތް ހެއްޔެވެ؟"
ފަހަރެއްގައި މި ސުވާލެއްގެ ޖަވާބު ހޯދަން ޝައުގުވެރިނުވަނީ، ކައިވެނި ނުވަތަ ޒަވާޖީ ހަޔާތް ހަމައެކަނި "ލޯތްބެއް" ގެ ގޮތުގައި ސިފަކުރާ މީހުންނެވެ. އާނއެކެވެ. އެއީ ވެސް ލޯތްބެވެ. އެކަމަކު ކައިވެންޏަކީ، ނުވަތަ ޒަވާޖީ ހަޔާތަކީ ނިކަން ބުރަ މަސައްކަތެއް ވެސްމެ އެވެ.
އެހެންވީމަ، ލޯބީގައި އެ ފޮޅުނު މާ މޯޅިވިޔަ ނުދީ ހިފަހައްޓަން ކިޔަވާނީ ކޮން "ސަލަވާތެއް" ހެއްޔެވެ؟ ލޯބީގެ އަސަރުގަދަ ވާހަކަ އާއި ފިލްމުތަކުން ކޮޕީކުރާ ރޮމޭންޓިކް ޑައިލޮގްތަކަކުންނެއް ނޫނެވެ. ބުރަ މަސައްކަތުންނެވެ.
މިޒާޖު އެއްގޮތް ނުވިޔަސް ދެ މީހުންނަށް އުފަލުގައި އުޅެވިދާނެ
އެކަމަކު ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮންނަނީ ނުވަތަ ވިސްނިފައި އޮންނަނީ، ދެ މީހަކު ހިތާވުމަށް ބަލާއިރު ނުވަތަ ހިތާވުމަށް މެދުވެރިވާ ސަބަބުތަކަށް ބަލާއިރު އޭގެ ތެރެއިން އެންމެ މުހިންމު އެއް ސަބަބަކީ ދެ މީހުންނަށް އެކައްޗެއް ކަމުދިއުން ކަމެވެ. ދެ މީހުންގެ މިޒާޖު އެއްގޮތް ނަމަ އެ ދެ މީހަކަށް އެކުގައި ފަސޭހައިން އުޅެވިދާނެ ކަމަށް ނުވަތަ ކައިވެނިކޮށްގެން 100 އަހަރު ވެސް އެކުގައި ފޫހިކަމެއް ނެތި އުޅެވިދާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ.
އެކަމަކު އެއީ ހަމަ ކުށްހީއެކެވެ.
ކޯލްޑްޕްލޭގެ ލަވަތައް އޭނާ އަށް ކަމުދެއޭ، ތިމަންނަ އަށް ވެސް ވަރަށް ކަމުދެއޭ ކިޔާފައި ގޮސް މީހަކާ ހިތާވުމަކީ މޮޔަކަމެކެވެ. ނުވަތަ ކޯލްޑްޕްލޭގެ ލަވަތައް އޭނާ އަށް ކަމުގޮސްފައި ރޭޑިއޯހެޑްގެ އާދަޔާހިލާފު ހުނަރުވެރިކަން އޭނާ އަށް ކަމުނުދިޔުމަކީ ތިމަންނައާ އެކު އޭނާ އަށް ނޫޅެވިދާނެ ކަމެއް ކަމަށް ނިންމުމަކީ ވެސް ގޯހެކެވެ.
ތިމަންނައާ އެކުގައި ފުޓްބޯޅަ ބަލަން ނުދާ އަންހެން ކުއްޖާ ރަނގަޅު ލޯބިވެރިޔަކަށް ނުވަތަ އެ ކުއްޖަކާ އެކު ތިމަންނަ އަށް އުފަލުގައި ނޫޅެވިދާނެ ކަމަށް ގަބޫލުކުރުމަކީ ވެސް ގޯހެކެވެ. އެކަމަކު މި ހުންނަނީ އެއީ ރަނގަޅު ވާހަކައެކޭ ކިޔާފައި މީހުންގެ ބޮލަށް ބަޔަކު މީހުން ވިސްނައިދީފައި ހުންނަ ވާހަކަތަކެވެ.
ނުވަތަ ބައެއް މީހުން އެގޮތަށް ގަބޫލުކުރަނީ، ދެ މީހުންނަށް އެކައްޗެއް ކަމުދާ ނަމަ މައްސަލަ ނުޖެހި ދެ މީހުންނަށް އެކުގައި އުޅެވިދާނެ ކަމަށް ވިސްނޭތީ އެވެ. އެހެން ވިސްނޭ ނަމަ އަނެއްކާ އެއީ ވެސް ގޯހެކެވެ. ސަބަބަކީ، ކޮންމެ ދެ ލޯބިވެރިއެއްގެ ދެމެދުގައި ވެސް މައްސަލަ ޖެހޭތީ އެވެ. ޖެހޭނެތީ އެވެ. ކޮންމެ ދެމަފިރިއެއްގެ ދެމެދުގައި ވެސް މައްސަލަ ޖެހޭތީ އެވެ. މައްސަލަ އޮންނާތީ އެވެ.
ހަޔާތަށް ބައިވެރިޔަކު އިތުރުކުރުމަކީ ނުވަތަ ބައިވެރިޔަކު އިހްތިޔާރުކުރުމަކީ މައްސަލަ އަށް ވެސް ދައުވަތު ދިނުމެވެ. ފޫހިނުވާނެ، ރުޅިގަދަނުވާނެ، ޒުވާބުނުކުރާނެ ބައިވެރިޔަކު އެއްވެސް މީހެއްގެ ހަޔާތަކަށް ނާންނާނެ އެވެ.
ކުރުކޮށް ބުނަނީ ނަމަ މިއީ މުސްކުޅިވުން ނުވަތަ އުމުރުން ދުވަސްވުން ކަހަލަ ކަމެކެވެ. އެކަމެއް ނުހުއްޓުވޭނެ އެވެ. އެހެންވީމަ ބުއްދިވެރިން ނުކުރާ ސުވާލެއް އޮވެ އެވެ. ތާއަބަދަށް ތިމަންނަ ދިރިއުޅޭނީ ކިހިނެތް ހެއްޔެވެ؟ އެ ބުއްދިވެރިން ކުރާ ސުވާލަކީ، މި މައްސަލައެއް ހައްލުކުރާނެ އެންމެ މޮޅު ގޮތަކީ ކޮބައިތޯ އެވެ؟
ޒުވާބު ކުރުމަކީ މައްސަލައެއް ނޫން! ނުކުރުމަކީ މައްސަލައެއް!
މިއީ އާންމުކޮށް އަހަރެމެންނަށް އަޑުއިވޭ ވާހަކަތަކާ ދިމާއިދިކޮޅު ވާހަކަ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ހަމަ ރަނގަޅީ، ޒުވާބުކުރި ވަރެކެވެ. އެންމެ ކުދި، އާދައިގެ ނުވަތަ ކޫސަނި ކަންކަމާ މެދު ވެސް ހިތްހަމަނުޖެހިގެން ހިތުގައި އޮތް ރުޅިގަނޑު އަބަދުވެސް ބޭރުކޮށްލުމެވެ.
ކައިވެންޏަށް ތިން އަހަރުވެފައި، ދެ މީހުން ދުވަހަކު ވެސް ޒުވާބެއް ނުކުރާ ނަމަ، އޭގައި ވަރަށް ބޮޑު މައްސަލައެއް އެބައުޅެ އެވެ. އެ ދަނީ ވަރިއާ ދިމާލަށެވެ. ދެން ގޮސް ދެ މީހުން ޒުވާބުކުރާނީ ކޯޓުގެ ޝަރީއަތުގެ މަޖިލީހުގަ އެވެ.
ދެން މިހެން ބުނީމަ ބައެއް މީހުން ބުނެފާނެތެވެ. ރޯމިއޯ އާއި ޖޫލިއެޓެއް ވެސް ޒުވާބެއް ނުކުރެ އެވެ. އެމީހުންގެ ލޯބި ކިހާ ރޮމޭންޓިކް ހެއްޔެވެ!
އެކަމަކު އެނގޭ ހެއްޔެވެ؟ އެ ދެ ލޯބިވެރިން ޒުވާބުނުކުރީ، ވާހަކަ ލިޔުނު މީހާ އެ ހިސާބަށް ނުގޮސް އެ ދެ މީހުން މަރާލީމަ އެވެ.
ހަގީގަތަކީ އެއީ ލޯބީގެ ދަޅައެއް ކަމެކެވެ. ރޯމިއޯ އެންޑް ޖޫލިއެޓް ނުވަތަ އެފަދަ ލޯބީގެ ވައްތަރަކީ އަސްލު ދިރިއުޅުމުގެ ހާލަތު ނުވަތަ ލޯބީގެ އަސްލު ދަތުރަށް ކަނޑު ގަދަކޮށްލަފާނެ ވައްތަރެކެވެ. ލޯބީގެ އެ ވައްތަރަކީ، ފުރަތަމަ ނަޒަރެވެ. ދެ މީހުންނަކީ އެންމެ ޕާފެކްޓް ކަޕްލް ނުވަތަ ދެ މީހުން ހިތާވެއްޖެ ނަމަ ދުވަހަކު ވެސް ޒުވާބުކުރަން ނުޖެހޭނެ ކަމަށް ގަބޫލުކުރެވޭ ވައްތަރުގެ ލޯތްބެކެވެ.
މީގެ ނުރައްކާ ވަރަށް ވެސް ބޮޑެވެ. އެފަދަ ލޯބިން ކަނުގެ ހަޔާތް އަނދިރިކޮށްލަފާނެ އެވެ. ހަޔާތް ކަންނެތްކޮށްލަފާނެ އެވެ. އޭރުން ދެން ޖެހޭ މައްސަލަތައް މާ ބޮޑުވާނެ އެވެ.
ހަގީގަތަކީ މިއީ އެވެ. އެފަދަ ލޯތްބެއް އަބަދަކަށް ދިގުދެމިގެނެއް ނުދާނެ އެވެ. އެއީ ދަޅައަކަށްވީތީ އެވެ. ހަގީގީ ލޯބިކަމުގައި ނުވާތީ އެވެ.
ހަގީގީ ލޯތްބަށް އަންނަނީ އުފާވެރި ނިމުމެކެވެ!
އެކަމަކު ކިހިނެތް ހެއްޔެވެ؟ ދިރިއުޅުން ވެސް ކޮޅަށް ޖެހި ގޮތަށެވެ. އިމްތިހާނުގައި ފާސް ވެސް ވިގޮތަށެވެ. އަދި ވަޒީފާގައި ކާމިޔާބުވެ ޒިންމާދާރު ވެސްވިގޮތަށެވެ.
އެހުރިހާ ވެސް ކާމިޔާބީއެއްގެ ޝުކުރު ހައްގުވަނީ ހިތްވަރަށެވެ. ގަދަފަދަ އަޒުމަށެވެ. ލޯބި ނުވަތަ ގުޅުމެއް ނުވަތަ ޒަވާޖީ ހަޔާތެއް ވެސް އެގޮތުގައި ފައްކާގެ ދިގުދެމިގެން ދަނީ އެ ގަދަފަދަ އަޒުމާއި ހިތްވަރުންނެވެ.
އެ ހިތްވަރު ނެތް މީހުން ރުޅިވެ ވަރިވެގެންދާނީ އެވެ. އެ މީހުންގެ ލޯބީގެ ވާހަކަ އަށް އުފާވެރި ނިމުމެއް ނާންނާނެ އެވެ.
އެއްކަލަ "ހެޕީ އެންޑިން" އަންނަނީ ޒުވާބުކޮށްކޮށްފައިވެސް ލޯބިން އެކުގައި އުޅެން ފަށާ ދެ މީހުންގެ ހަޔާތަށެވެ.