އޭސީސީ

ޑަބްލިއުސީގެ މުވައްޒިފުންނަށް ކުރިއެރުން ދިނީ ރަނގަޅަށް: އޭސީސީ

ވޯކްސް ކޯޕަރޭޝަން ލިމިޓެޑް (ޑަބްލިޔުސީ) ގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ކޮރޮޕްޝަންގެ އަމަލު ހިންގާފައި ނުވާ ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ. އެކޮމިޝަނުން މިހެން ނިންމީ އެ ކުންފުނީގެ "އެމްޕްލޯއިމަންޓް ބެނެފިޓްސް އެންޑް ސެލަރީ ޕޮލިސީ" އާ ހިލާފަށް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިން ކަމަށް ޑަބްލިއުސީގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަ ތަހުގީގު ކުރުމަށް ފަހުގަ އެވެ.

އޭސީސީއިން ބުނީ އެކުންފުނީގެ ޕްރޮކިއުމަންޓް އޮފިސާ ލެވެލް ތިނެއް، ބޭންޑް ދޭއްގެ މަގާމުގައި ހުރި ފަރާތަށް ޑެޕިއުޓީ މެނޭޖާ ލެވްލް ހަތަރެއް، ބޭންޑް ހަތަރެއްގެ މަގާމަށް ދީފައިވަނީ ޑަބްލިއުސީގެ އެމްޕްލޯއިމަންޓް ބެނެފިޓްސް އެންޑް ސެލެރީ ޕޮލިސީގެ 2.8 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލުންނެއް ނޫން ކަމަށެވެ. ނަމަވެސް އެފަރާތް ޑެޕިއުޓީ މެނޭޖަރު ކަމުގެ މަގާމް ދިނީ އެކުންފުނީގެ ބޯޑުން ނިންމައިގެންކަމަށް ޑަބްލިއުސީގެ މެނޭޖިން ޑިރެކްޓާ އާއި، ބޯޑު މެންބަރު އަދި އެގްޒެކެޓިވް ޑިރެކްޓަރު ބުނެފައިވާ ކަމަށެވެ.

އަދި ޑަބްލިއުސީގެ އައު އޮނިގަނޑުގެ ދަށުން ޕްރޮޖެކްޓް މޮނިޓަރިން ޔުނިޓެއް އުފައްދާފައިވާތީ އާއި، އެކުންފުނީގެ އާޓިކަލްސް އޮފް އެސޯސިއޭޝަންގެ 37 ވަނަ މާއްދާގައި ކުންފުންޏަށް އެންމެ ފައިދާވާނެ ގޮތަކަށް ކުންފުނީގެ އެންމެހައި އުސޫލުތައް ކަނޑައަޅައި، ޑަބްލިއުސީ ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ހަދަންޖެހޭ ޕްރޮސީޖާތަކާއި، ޕޮލިސީތައް ހެދުމުގެ ބާރު ކުންފުނީގެ ބޯޑަށް ލިބިފައިވާތީ ޑެޕިއުޓީ މެނޭޖާގެ މަގާމަށް އެފަރާތް އައްޔަންކުރީ ތަޖްރިބާ އާއި މަސައްކަތުގެ ގާބިލްކަމަށް ބަލައި، ބޯޑުގައި މަޝްވަރާ ކޮށްގެންކަމަށް ޑަބްލިއުސީގެ ބޯޑާއި އެގްޒެކެޓިވް ޑިރެކްޓަރަކަށް ހުންނެވި ފަރާތް ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ޕްރޮކިއުމަންޓް އޮފިސާގެ މަގާމުގައި ހުރި ފަރާތް ޑެޕިއުޓީ މެނޭޖަރަށް ބަދަލުކޮށްފައިވަނީ އެ ކުންފުނީގެ އާ އޮނިގަނޑުގެ ދަށުން އުފެއްދި ޕްރޮޖެކްޓް މޮނިޓަރިން ޔުނިޓްގެ ޑެޕިއުޓީ މެނޭޖަރަކަށް އޭނާ އައްޔަންކުރުމަށް ކުންފުނީގެ ބޯޑުން ނިންމައިގެންކަން ތަހުގީގުން ފާހަގަކޮށްފައިވާތީ އެކަމުގައި ކޮރޮޕްޝަންގެ އަމަލެއް ނެތް އޭސީސީން ވަނީ ނިންމާފަ އެވެ.