ފިނިޕޭޖް

އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރާނެ އެމްބެސެޑާއަކަށް ޖެކްއަލީން؟!

އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރާނެ އެމްބެސެޑާއަކަށް ބޮލީވުޑްގައި އަރަމުން އަންނަ އެކްޓްރެސްއެއް ކަމަށްވާ ޖެކުއަލީން ފެނާންޑޭޒް ހަމަޖައްސަން ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފި އެވެ.

ޖެކުއަލީން އަކީ މިހާރު ބޮލީވުޑްގައި ނަން ހިނގާ ތަރިއެކެވެ. މި އަހަރު ކާމިޔާބު ދެ ފިލްމަކުން އޭނާ ވަނީ ފެނިފަ އެވެ. "ހައުސްފުލް 3" އަދި "ދިޝޫމް" ގައި ޖެކުއަލީން ދައްކާލި ރޯލުން އޭނާއަށް ހިތްކިޔާފައި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ. ރާއްޖޭގައި ވެސް ޖެކުއަލީން ފޭނުން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

އަވަށްޓެރި ސްރީލަންކާއަށް އުފަން، އަދި އެ ގައުމުގެ ރީތީގެ ރާނީއެއް ކަމަށްވ ޖެކުއަލީން ވަނީ "ދިޝޫމް" ރިލީޒްވުމާއެކު ލިބުނު ޗުއްޓީގައި ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އޭނާ ރާއްޖެ އައީ މަންމައާއެކު އެވެ. އެ ދަތުރުގައި ޖެކުއަލީންއަށް ރާއްޖެއަށް ވަރަށް ރީތިވި އެވެ. ކަމުދިޔަ އެވެ. އެތައް ގިނަ ތައުރީފެއް ރާއްޖެއަށް އޮއްސި އެވެ. އޭނާ ހުރީ ރާއްޖޭގެ ރީތިކަން ފެނި އަންތަރީސްވެފަ އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ޖެކުއަލީން ރާއްޖޭގައި ހޭދަކުރި ވަގުތު އޭނާގެ އިހުސާސްތައް ހާމަކޮށްފައިވާ ގޮތަށް ބަލާފައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީން ވަނީ ރާއްޖެ އިންޑިއާގައި ޕްރޮމޯޓްކުރުމަށް އެންމެ ރަނގަޅު މީހަކީ ޖެކުއަލީން ފެނާންޑޭޒް ކަމަށް ނިންމާފަ އެވެ. އިންޑިއާ ނޫސްތަކުގައި މިހެން ރިޕޯޓްކޮށްފައިވީ ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މިކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުނެފައެއް ނެތެވެ.

މިފަހުން އިންޑިއާގެ މުމްބައިގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ރާއްޖޭގެ ގުޑްވިލް އެމްބެސެޑާ ފޯ ޓޫރިޒަމް އަށް ޖާނެތޫޔާ ޖާނެނާ" އިން ބޮލީވުޑަށް ތައާރަފުވި ޒުވާން އެކްޓަރު ޕްރަތީކް ބައްބަރު ވެސް ވަނީ ހަމަޖައްސާފަ އެވެ. ނަމަވެސް ޕްރަތީކަކީ އެހާ ކާމިޔާބު އަދި މަޝްހޫރު ތަރިއެއް ނޫނެވެ. އެމްބެސެޑާއަކަށް ހަމަޖެއްސުމާއެކު އޭނާ ރާއްޖެއަށް ވެސް ވަނީ ޒިޔާރަތްކޮށް، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.

ބޮލީވުޑްގެ ބައެއް ތަރިން މިހާރު ވެސް ބައެއް ގައުމުތައް އިންޑިއާގައި ޕްރޮމޯޓްކުރަމުން ދެ އެވެ. އެގޮތުން ސިއްދާތު މަލޯތްރާއަކީ ނިއު ޒިލެންޑް ޕްރޮމޯޓްކުރުމަށް އެ ގައުމުން އިންޑިއާއަށް ހަމަޖައްސާފަ ހުންނަ އެމްބެސެޑާ އެވެ. މީގެއިތުރުން ގުޖުރާތުގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތް އަމީތާބު ބަޗަން ވެސް ދަނީ ކުރަމުންނެވެ.