ފިނިޕޭޖް

"ވާށޭ މަށާ އެކީ"ގެ ހާއްސަ ޝޯތަކެއް ޝުވެކްގައި

Aug 13, 2016

ޑާކްރެއިން އެންޓަޓެއިންމެންޓުން އުފެއްދި، ވާށޭ މަށާއެކީގެ ހާއްސަ ޝޯތަކެއް މިމަހު 25 އިން ފެށިގެން ޝުވެކް ސިނަމާގައި އަޅުވަން ނިންމައިފި އެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓުން ބުނީ 25 އިން ފެށިގެން ޝޯތައް ފަށާއިރު ބެލުންތެރިންގެ ސަޕޯޓު ލިބޭވަރަކުން ޝޯތައް ކުރިއަށް ގެންދާނެ ކަމަށެވެ. އިއްޔެއިން ފެށިގެން ޝުވެކް ސިނަމާއިން ޓިކެޓް ވިއްކަން ފަށާފައިވާއިރު ޓިކެޓެއްގެ އަގު އުޅެނީ 100 ރުފިޔާ އަށެވެ. ވާށޭ މަށާ އެކީ ރިލީޒްކޮށްފައިވަނީ މިމަހު ފަސް ވަނަ ދުވަހު އެވެ.

ދަރިން ހޯދަން ބޭނުން ނުވާ ޒުވާން ފިރިއަކާއި ކުޑަކުދިން ދެކެ އިންތިހާ އަށް ލޯބިވާ އަންބެއްގެ ވާހަކަ ދައްކުވައިދޭ މި ފިލްމުގައި މައިގަނޑު ދެ ތަރިންގެ ގޮތުގައި ހަރަކާތްތެރިވަނީ ޑާކްރެއިން އެންޓަޓެއިންމެންޓްގެ "އެންމެފަހު ވިންދާ ޖެހެންދެން" އިން ވެސް ފެނިގެންދިޔަ އަދި ކުރިއަރަމުން އަންނަ އުއްމީދީ ދެ ތަރިން ކަމަށްވާ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ. އަދި މީގެ އިތުރުން މަޝްހޫރު މިއުޒިކް ބޭންޑް ސްކޯސް އޮފް ފްލެއާޒްގެ ލަވަ ކިއުންތެރިޔާ ފުބޫ އާއި ކޮމޭޑިއަން އަހުމަދު ސުނީ އަދި ބޭރުގެ ދެ ބަތަލާ އިން ވެސް ފިލްމުން ފެނިގެން ގޮސްފައިވެ އެވެ.

ޑާކްރެއިންގެ މަޝްހޫރު ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ފަހަތުގައި ހުރި، މި ފިލްމަށް ސްކްރީން ޕްލޭ ތައްޔާރުކޮށްފައި ވަނީ މަހުދީ އަހުމަދެވެ. އަދި ޑައިރެކްޓްކޮށްފައި ވަނީ އަލީ ޝިފާއު (ޗިއްޕެ) އެވެ. މި ފިލްމު ޝޫޓްކޮށްފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިނގިލީގަ އެވެ. މި ފިލްމުގައި ހަ ލަވަ ހިމެނޭއިރު އެ ހަ ލަވަ އަކީވެސް އަމިއްލަ ރާގުގެ ލަވަތަކެވެ.