އެމްއެމްއޭ

ލަފާކުރި ވަރަށް މިއަހަރު އިގްތިސޯދު ކުރި ނާރައިފާނެ: އެމްއެމްއޭ

Aug 14, 2016
1
  • ސަބަބަކީ ޓޫރިޒަމް ކުރި ނޭރުން
  • އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިއެރުން
  • ބޮއިކޮޓް ކެމްޕޭންގެ އަސަރު ޓޫރިޒަމަށް ކުރޭ

މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު 6.4 ޕަސެންޓްގައި ކުރިއަރާނެ ކަމަށް އަންދާޒާކުރި ނަމަވެސް، އިގްތިސާދީ ދުވެލި އެއަށް ވުރެ ދަށްވެދާނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފި އެވެ. އެ ބޭންކުން މަހަކު އެއްފަހަރު ނެރެމުން އަންނަ އިގްތިސޯދީ ރިވިއުގެ މިދިޔަ މަހުގެ އަދަދުގައި ބުނެފައި ވަނީ، މިއަހަރު ރާއްޖޭގެ އިގްތިސޯދު 6.4 ޕަސެންޓްގައި ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ ޓޫރިޒަމާއި އިމާރާތް ކުރުމުގެ ދާއިރާ ކުރިއަރާނެ ކަމަށް ލަފާކޮށް ކަމަށެވެ.

އެހެން ނަމަވެސް، މިއަހަރުގެ މިހާތަނަށް ޓޫރިޒަމްގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ އަދަދަށް ޓޫރިޒަމް ކުރިއަރާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްގައިވެ އެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދުވެލި މި އަހަރަށް އަންދާޒާކޮށްފައިވާ މިންވަރަށް ވުރެ ދަށްވުން އެކަށީގެންވާ ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އިގްތިސާދީ އަދި އުމްރާނީ މަޝްރޫއުތަކުގެ ސަބަބުން، އިމާރާތްކުރުމުގެ ދާއިރާ ކުރިއަރާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފަ އެވެ. އިމާރާތް ކުރުމުގެ ދާއިރާ އަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނުވަ ޕަސެންޓް ހިއްސާކުރާ ދާއިރާއެކެވެ.

ޓޫރިޒަމް ހީނަރުވާ ސަބަބުތައް

  • ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން
  • ޔޫރަޕްގެ ގައުމުތަކުގައި ދިން ޓެރަރިސްޓް ހަމަލާތައް
  • ރަޝިޔާ އާއި އީޔޫ ބައްރަށް ކުރިމަތިވާ އިގްތިސާދީ މައްސަލަތައް
  • ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކެމްޕޭންގެ އަސަރު

ދާދިފަހުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވެސް ވިދާޅުވެފައި ވަނީ މިއަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް އަމާޒު ކުރި ނަމަވެސް، ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުންތަކާ ހުރެ އެ އަދަދު ރިވައިޒް ކުރުމަށް މިހާރު ވިސްނަމުން އަންނަ ކަމަށެވެ.

އިގްތިސޯދީ ރިވިއުގައި ވެސް ބުނެފައި ވަނީ، ޖޫން މަހުގެ ތެރޭގައި އައި ޓޫރިސްޓުން މިދިޔަ އަހަރަށް ވުރެ ތިން ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. ސަބަބަކީ ޗައިނާއިން އައި ޓޫރިސްޓުން ދަށްވުމެވެ. އެ ރިޕޯޓްގައި ހުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި ޖޫން މަހުގެ ތެރޭގައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު ހަތަރު ޕަސެންޓް ދަށްވެފައިވެ އެވެ. އަދި އޮކިއުޕެންސީ ރޭޓް، 53 ޕަސެންޓުން 49 ޕަސެންޓަށް ވަނީ ދަށްވެފަ އެވެ. ނަމަވެސް ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރި މުއްދަތު، ވަނީ 5.3 ދުވަހަށް ހިފެހެއްޓިފަ އެވެ.

އިގްތިސާދީ ރިވިއުގައިވާ ގޮތުން، ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 6.622 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު، 2015 ވަނައަހަރާ އަޅާބަލާ އިރު، 15 ޕަސެންޓް ދަށް އަދަދެއް ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ. ރަސްމީ ރިޒާވްގެ ތެރެއިން ޔޫޒަބަލް ރިޒާވް ނޫނީ، ވަގުތުން ވަގުތަށް ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ، 4.2 މިލިއަން ޑޮލަރެވެ. މިއީ މަހުން މަހަށް ބަލާއިރު އެއް ޕަސެންޓްގެ ކުރިއެރުމެއް ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު މިއީ، 11 ޕަސެންޓް ދަށް އަދަދެކެވެ.

ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނީ، ބޭންކްތަކަށާއި ސަރުކާރުގެ ކުންފުނިތަކަށް ޑޮލަރު ވިއްކަން ޖެހުނު އަދަދު މިދިޔަ މުއްދަތުގެ ތެރޭގައި އިތުރުވުމެވެ.