ބޭރު ކުޅިވަރު

ހާޓް ބެންޗަށް، ދެން ވާނީ ކިހިނެތް؟

އިނގިރޭސި ޕްރެމިއާ ލީގުގެ ކުޅުން ރޭ ފެށިއިރު އެންމެ ގިނަ ބަޔަކު އަޅައިގަތީ މެންޗެސްޓާ ސިޓީގެ އިނގިރޭސި ގައުމީ ކީޕަރު ޖޯހާޓް ބެންޗުގައި އިނުމެވެ. ޓީމާ އަލަށް ހަވާލުވި ކޯޗު ޕެޕް ގާޑިއޯލާގެ އޭނާގެ ބަދަލުގައި ޖާގަ ދީފައިވަނީ އާޖެންޓީނާގެ ކީޕަރު ކަބަޔޭރޯ އަށެވެ. މިއާއެކު ހާޓްގެ ކުރިމަގާމެދު ވަނީ އެތައް ސުވާލެއް އުފެދިފަ އެވެ.

"ޑިސިޝަން ނަގާނީ އަހަރެން. އަހަރެން އެކަމާ ޖެހިލުމެއްނުވޭ. އަހަރެން ޓީމަށް ނަގާނީ ކުޅެން އެންމެ ބޮޑަށް ތައްޔާރުވެފައިތިބި ކަމަށް ގަބޫލުކުރާ ކުޅުންތެރިން. އަމިއްލަ ނަފްސުގެ އިތުބާރަކީ ވެސް ވަރަށް މުހިންމު އެއްޗެއް،" މި ނިންމުމާ ބެހޭ ގޮތުން ސުވާލުކުރުމުން ގާޑިއޯލާ ބުންޏެވެ.

ޔޫރޯގެ ދެ ވަނަ ބުރުން އިނގިރޭސީން ކެޓިއިރު ހާޓް ދެއްކީ އާދައިގެ ކުޅުމެކެވެ. މިސްޓޭކް ހެދި އެވެ. އަނެއްކޮޅުން ގާޑިއޯލާ ދަނީ މިވަގުތު އަނިޔާގައި ހުރި ބާސެލޯނާގެ ޖަރުމަނު ކީޕަރު މާކް އަންދްރޭ ޓާސްޓެގަން ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

މިއީ ވުން އެހާ ގާތްކަމެއްނޫނެވެ. ނަމަވެސް ސިޓީ އަށް ކުޅުންތެރިން ގެންނަ ގޮތަށް ތަޖުރިބާކާރު އިތުބާރު ހިފޭ ކީޕަރަކު ބޭނުންވާކަން ގާޑިއޯލާ ވަނީ ކުރިން ވެސް ފާހަގަކޮށްފަ އެވެ. ޓާސްޓެގަން ނުލިބިއްޖެނަމަ ޕޯޗުގަލަށް ޔޫރޯ ކާމިޔާބުކޮށްދިން ރުއި ޕެޓްރީސިއޯ އަކީ ގާޑިއޯލާ ބޭނުންވާ ކުޅުންތެރިއެކެވެ.

"ކުޅުންތެރިންނަށް އަހަރެން ފުރުސަތުދޭނީ އެމީހުން ސާބިތުކޮށްދޭ ކަންތައްތަކެއް މައްޗަށް. އަހަރެންގެ ޓީމުން އެއްވެސް މީހަކަށް ޖާގަ ނުގެއްލޭނެ ރަނގަޅަށް ކުޅޭނަމަ. އެކަމަކު އެއްވެސް މީހަކަށް ޖާގަ ޔަގީންކޮށްނުދޭނަން،" ގާޑިއޯލާ ބުންޏެވެ.