- ދިވެހި އުފެއްދުމަކީ ހަމަ އެކަނި ލިޔެލާޖެހުމެއް ނޫން
- މޮޅު ފަސް އެޕްލިކޭޝަން ބޭރުގައި މާކެޓް ކޮށްދޭން
- އެޕްލިކޭޝަން އުފެއްދުމުގެ ބޮޑު މުބާރާތެއް ބާއްވާނެ
ރާއްޖޭގައި އުފައްދާ އެންމެ މޮޅު ފަސް އެޕްލިކޭޝަން ހޮވަން މުބާރާތެއް ބާއްވަން ނިންމާފައިވާ ކަމަށާއި އެ މުބާރާތުގެ އުފެއްދުންތައް ބޭރު ގައުމުތަކުގައި މާކެޓް ކުރަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ގެޓްސެޓް ލޯންގައި ބައިވެރިވެ އެ ފަރާތްތަކުން ހިންގި ވިޔަފާރީގެ ކާމިޔާބު ހިއްސާ ކުރަން މިއަދު އައިޖީއެމްއެޗްގެ އޯކިޑް މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ގިނަ ފަހަރަށް ރާއްޖޭގެ އުފެއްދުންތަކުގެ ގޮތުގައި ބޭރުގައި މާކެޓުކޮށް ވިއްކަން ޖެހެނީ ގެސްޓް ހައުސް ނޫނީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ޕްރޮޑަކްޓްސްތައް ކަމަށެވެ.
ނަމަވެސް ސަރުކާރުން ބޭނުންވަނީ ދިވެހި އުފެއްދުންތަކަކީ ހަމައެކަނި ސަގާފަތައި އެއީ ނޫން ކަންމުގެ އިތުރުން އައިޓީ ދާއިރާގައި ވެސް ޒުވާނުންގެ ހުނަރު ދައްކާލުމަށް މަސައްކަތްތަކެއް ކުރަން ކަމަށެވެ. އެގޮތަށް ގެންދަން ސަރުކާރުން ރާވައިފަވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން ދިވެހިން އުފައްދާފައިވާ މޮޅު ފަސް އެޕްލިކޭޝަން ބޭރުގެ މާކެޓަށް ނެރެ ވިއްކުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ ފަސް އެޕްލިކޭޝަން ހޮވުމަށް ވަރަށް ކައިރި މުސްތަގުބަލެއްގައި މުބާރާތެއް ބާއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދިވެހި ޕްރޮޑަކްޓްސް އަކީ ހަމައެކަނި ލިޔެލާ ޖެހި އެއްޗެއްސެއް ނޫން. އެހެންވީމަ ރާއްޖެ މިހާރު ބަދަލުވަމުން މިދާ ދިޔުމުގައި ޒުވާނުން ހަމައެކަނި ލިޔެލާ ޖެހުން އެއީ ރާއްޖޭގެ އުފެއްދުމަށް ހަދައިފަ އެކަން ޕްރޮމޯޓް ކުރުމުގެ ބަދަލުގައި އައިޓީ ދާއިރާ ވެސް ކުރިޔަށް ނެރެން ޖެހޭ،" ސައީދު ވިދާޅުވި އެވެ. "އަސްލު އެބަޖެހޭ ވިސްނާލަން. ރާއްޖޭގައި ވަރަށް ގިނަ ޒުވާނުންނަކީ އައިޓީއަށް މޮޅު މީހުން. އެހެންވެ މިހާރު އަޅުގަނޑުމެން މިބަލަނީ ރާއްޖެއިން މި އެޕްލިކޭޝަންތައް އުފައްދައި ބޭރުގެ މާކެޓުތަކަށް ވިއްކަން. އެހެން ހަދައިގެން ކަންނޭންގެ މީތި ރަނގަޅަށް ވައިގަ ހިފާނީ. އެހެންވެ ސަރުކާރުގެ ހުރި ވަސީލަތްތައް ބޭނުންކޮށްގެން ބޭރަށް ލިންކު ކޮށްދެވިދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މިހާރުވެސް ހޮންކޮން ނޫނީ ސިންގަޕޫރު ފަދަ ގައުމުތަކުގައި ތަފާތު އެގްޒިބިޝަންތައް ކުރިޔަށްދާ ކަމަށާއި އެފަދަ ތަންތަނުގައި ރާއްޖެ ފަރާތުން އައިޓީ ދާއިރާގައި އުޅުއްވައި ފަރާތްތަކަށް ދިވެހި ޕްރޮޑަކްޓްސް ގޮތުގައި އެޕްލިކޭޝަންތައް ދައްކާލުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. އަދި އެކަން ކުރަން ދައްކަން ޖެހޭ ހަރަދުތަކުގައި ސަރުކާރުން ހިފައި ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.