ބޭރު ކުޅިވަރު

21 އަހަރަށް ފަހު ހާފިޒް ބާސްކެޓް އެސޯސިއޭޝަނާ ދުރަށް

މެދުކެނޑުމެއްނެތި 21 އަހަރު ވަންދެން ބާސްކެޓް އެެސޯސިއޭޝަންގެ ރައީސްކަން ކުރެއްވުމަށްފަހު އެ މަގާމުން ދުރަށް ވަޑައިގަތުމަށް އަހުމަދު ހާފިޒް ނިންމައިވައިފި އެވެ.

ބާސްކެޓްގެ ކަންކަމުގައި އަމަލީގޮތުން އުޅުއްވާ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ މިވަގުތު ބޭސްފަރުވާއަކަށް ރާއްޖޭގައި ބޭރުގައި ހުންނެވި ހާފިޒް ކުރިއަށް އޮތް ބާސްކެޓް އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށެވެ.

"ހާފިޒް އުޅުއްވަނީ ވަރަށް ބަލިކޮށް، މިފަހަރު ކުރިމަތިނުލައްވާނެ. ވަރަށް ގިނަ ދުވަސްކޮށްފަ ބާސްކެޓާ ދުރަށް އެދަނީ. ބަލިހާލަތު ހުރިގޮތުން ރާއްޖޭން ބޭރުގައި އެއުޅުއްވަނީ ވެސް މިހާރު،" އޭނާ ޔަގީންކޮށްދެއްވި އެވެ.

ބާސްކެޓް އެސޯސިއޭޝަނުގެ ރައީސް ކަމަށް ސަރުކާރުން ހާފިޒް ހަމަޖެއްސެވީ 1995 ވަނަ އަހަރު އެވެ. އޭގެ ފަހުން އެސޯސިއޭޝަންތައް އިންތިހާބުކޮށްގެން ހިންގުމަށް ނިންމުމުން ބޭއްވި ބާސްކެޓްގެ ފުރަތަމަ އިންތިހާބުކޮށް ރައީސް ކަމަށް ހާފިޒް ވަޑައިގެންނެވީ 2008ގަ އެވެ. އޭގެ ފަހުން 2012 ވަނަ އަހަރުގެ އިންތިހާބު ވެސް ފަސޭހަކަމާއެކު ކާމިޔާބުކުރެއްވި އެވެ.

ޑިފެންސް މިނިސްޓަރުގެ ނާއިބް ކަމާއި ފިޝަރީޒް މިނިސްޓަރުގެ ނާއިބް ކަން ފަދަ ސަރުކާރުގެ އިސްމަގާމުތައް ފުރުއްވާފައިވާ ހާފިޒް ވަނީ ކުލަބު ވެލެންސިއާގެ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ކުރައްވާފަ އެވެ.

ހާފިޒް ބާސްކެޓް އިންތިހާބުގައި ވާދަނުކުރައްވާއިރު މިހާރުގެ ވައިސް ޗެއާމަން އަބުދުﷲ އާމިރު (އައްލޯ އާމިރު)ވެސް ވަނީ މި މަހު ފަހުކޮޅު ބާއްވާ އިންތިހާބުގައި އޭނާ ވެސް ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.