ވެނެޒުއޭލާގެ ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ގެންނަން އުޅުނު ކަމަށް ބުނެ އެ ގައުމުގެ ވެރިރަށުގެ މޭޔަރު ހައްޔަރުކޮށް، ދައުވާ އުފުލައިފި އެވެ.
ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްގެ މޭޔަރު އެންޓޯނިއޯ ލެޑެޒްމާ އިއްޔެ ހައްޔަރުކުރީ އޭނާގެ އޮފީހުގައި އިންނަވަނިކޮށް ވަރުގަދަ ސަލާމަތީ ބާރުތަކުން ގޮސްގެނެވެ. މިހާރު އަސްކަރީ ޖަލެއްގައި ބަންދުކޮށްފައި ހުރި ލެޑެޒްމާގެ ޝަރީއަތް ނިމެންދެން ބަންދުގައި ހުންނާނެ ކަމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.
ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ވިދާޅުވީ އެމެރިކާއާ ގުޅިގެން ބަޣާވާތެއް ގެންނަން ލެޑެޒްމާ މަސައްކަތް ކުރި ކަމަށެވެ. އަދި އެ ގައުމުގައި މިހާރު ހިނގަމުންދާ ހުރިހާ ކަމަކާ މެދު އިދިކޮޅު ލީޑަރުން ޖަވާބުދާރީވާންޖެހޭނެ ކަމަށް ވެސް މަޑޫރޯ ވިދާޅުވި އެވެ.
ލެޑެޒްމާ ހައްޔަރުކުރުމާ ގުޅިގެން އެ ގައުމުގެ އިދިކޮޅު ލީޑަރުން ވަނީ އޭނާ ދޫކޮށްލަން ގޮވާލަމުންނެވެ. އަދި އެކަމާ ދެކޮޅަށް މުޒާހަރާތައް ވެސް މިހާރު ދަނީ އެ ގައުމުގައި ކުރަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ބޭރު ގައުމުތަކާ ގުޅިގެން ބަޣާވާތެއް ގެންނަން އުޅޭ ކަމަށް ބުނެ ބައެއް މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ރައީސް މަޑޫރޯ ވަނީ ތައްޔާރުކޮށްފަ އެވެ. ލެޑެޒްމާއަކީ ވެސް އެ ލިސްޓުގައި ހިމެނޭ ބޭފުޅެއް ކަމަށްވެ އެވެ.