ލައިފްސްޓައިލް

ރުޅިގަދަ މީހުންގެ މުސާރަ ބޮޑު، އުމުރު ވެސް ދިގު!

Aug 14, 2016
2

މިހާތަނަށް އަޅުގަނޑާ އެކު މަސައްކަތްކުރި ހުރިހާ ބޮހުން ވެސް ވަރަށް ރުޅިގަދަ އެވެ. އެހެންވީމަ އެ އެންމެންގެ މުސާރަ ވެސް ވަަރަށް ބޮޑުވާނެއެއް ނޫން ހެއްޔެވެ؟ މާތް ރަސްކަލާނގެ އިރާދަފުޅާއި ރަހުމަތުން، އެ އެންމެން އަދި ދުނިޔޭގައި ވެސް އެބަތިއްބެވެ.

މި ވާހަކައެއް ފަހަރެއްގައި މަޖާވެދާނެ އެވެ. އެކަމަކު ހަގީގަތަކީ މިއީ އެވެ. ރުޅިގަދަ މީހުން ނުވަތަ ހަރުކަށި އެޓިޓިއުޑްގެ މީހުންގެ މުސާރަ، އާދައިގެ މަޑުމައިތިރި މީހުންނަށް ވުރެން ބޮޑެވެ. އަދި ސައިންސްގެ ދިރާސާތަކުންނާއި ދުނިޔަކީ ހެއްކާއި ނަމޫނާ އަށް ބަލަނީ ނަމަ އެބައި މީހުންގެ އުމުރު ވެސް ދިގެވެ.

އެކަމަކު ރުޅިގަދަ މީހުންގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ، އެމީހުންގެ ކާމިޔާބު ދިރިއުޅުމެވެ.

މިސާލަކަށް ނަގަނީ ނަމަ، ދުނިޔެ އަށް މަޝްހޫރު އިނގިރޭސި އެކްޓަރު، ހިއު ގްރާންޓް އެވެ. އޭނާގެ ކާމިޔާބު ފިލްމީ ހަޔާތުގެ ސިއްރަކީ ރުޅިގަދަ އަހުލާގު ކަމަށް ބުނެވެ އެވެ. ސްޓޭޖު މަތީގައި ނުވަތަ ފިލްމުތަކުގައި ޕްރިންސް ޗާމިންއެއްގެ ގޮތުގައި ފެނުނަސް އަސްލު ދިރިއުޅުމުގައި ގްރާންޓަކީ ރުޅިގަދަ އަދި އޭނާގެ މަސައްކަތުގެ މާހައުލުގައި ވެސް ނިކަން ފުއްޕާލާފައި އުޅޭ ފަންނާނެކެވެ.

އަނެއްކޮޅުން ސެލެބްރިޓީއަކަށް ވުމަކީ އޭނާ ދެން އެންމެ ރުޅި އަންނަ ކަންތަކެވެ. އެކްޓަރަކަށް ވެވުނީތީ ވެސް ރުޅިއާދެވެ އެވެ. މިހާތަނަށް ކުޅުނު ފިލްމުތަކުން ގާތްގަނޑަކަށް 100 މިލިއަނެއްހާ ޑޮލަރު ލިބިފައި ވިޔަސް އޭނާ އަށް ކަމުދާ ފިލްމުގަނޑެއް ވެސް އޭގެ ތެރެއަކު ނުހިމެނެ އެވެ.

ހިއު ގްރާންޓަކީ އެހާ ވެސް ރުޅިގަދަ މީހެކެވެ. އެކަމަކު އެހާމެ ކާމިޔާބު ސެލެބްރިޓީ އެކެވެ.

ދުނިޔެ އަށް މަޝްހޫރު، ރުޅިގަދަ އަނެއް މަހުޖަނަކީ އެމޭޒަންގެ ފައުންޑާ ޖެފް ބީޒޮސް އެވެ. އޭނާގެ ކުންފުނި 300 ބިލިއަން ޑޮލަރުގެ ކުންފުންޏަކަށް ބަދަލުވުމުގެ ފަހަތުގައި އޭނާގެ ރުޅިގަދަ އެޓިޓިއުޑް ކުޅެފައިވާ ރޯލު ވަރަށް ވެސް ބޮޑެވެ.

ދީލަތި ބިލިއަނަރު އަދި މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސް އަކީ ވެސް ފަސޭހައިން ރުޅިގަދަވާ އިންސާނެކެވެ. އެޕަލް ދުނިޔޭގެ އެއް ވަނަ އަށް ހެދި ސްޓީވް ޖޮބްސްގެ ރުޅިގަދަ އެޓިޓިއުޑްގެ ތައާރަފެއް ވެސް އަހަރެމެންނަށް ބޭނުމެއް ނުވެ އެވެ.

ނަމަވެސް ވަރަށް ފަހަކާ ޖެހެން ދެން ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮތީ، ރުޅިގަދަވުމަކީ އެއިން ހަމައެކަނި ނޭދެވޭ އަސަރުތަކެއް ތިމާގެ ސިއްހަތަށް ކުރާ ކަމެއް ކަމަށެވެ. އެކަމަކު 2009 ވަނަ އަހަރުގެ ދިރާސާއަކުން، ޔުނިވާސިޓީ އޮފް އެމްސްޓެޑަމްގެ ޕްރޮފެސަރަކު ވަނީ އެއީ އެންމެ ރަނގަޅު ވިސްނުން ނޫން ކަމަށް ސާބިތުކޮށްދީފަ އެވެ.

ޕްރޮފެސަރު މާތިޖިސް ބާސްގެ މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ކުދިންތަކެއް ގްރޫޕްތަކަކަށް ބަހާލައިގެން އެއް ގްރޫޕެއްގެ ކުދިން ރުޅިގަދަވާނެ ފަދަ މަސައްކަތެއް ހަވާލުކޮށްގެންނާއި އަނެއް ގްރޫޕެއްގެ ކުދިން ދެރަ ހަނދާންތަކެއްގެ ތެރެއަށް ދަމައިގެންދާނޭ ފަދަ މަސައްކަތްތަކެއް އެމީހުންނާ ހަވާލުކޮށްގެންނެވެ. އެއަށް ފަހު އެމީހުންނަށް ދިން ޓާސްކަކީ ގޭމެކެވެ. އެއީ ކްރިއޭޓިވިޓީގެ މިންވަރު ދެނެގަތުމަށެވެ.

އެންމެފަހުން ދިސާރާގެ ނަތީޖާ ނެރެވުނުއިރު މޮޅުވީ ރުޅިގަދަވެފައި ކުދިންގެ ގްރޫޕެވެ. އެމީހުން އުފެއްދި ހިޔާލުތައް ގިނަވެފައި އޮރިޖިނަލް އެވެ.

ކަން މިހެން އޮތުމުން، ރުޅިގަދަވުމަކީ ނުވަތަ ހަރުކަށި އަހުލާގެއް ލިބިފައިވުމަކީ އެމީހެއްގެ ފަންނީ ވިސްނުން އިތުރަށް މުއްސަނދިކޮށްދޭ ކަމެއްކަން އެނގިގެންދެ އެވެ. އެހިޔާލާއި ފިކުރު މުއްސަނދިވުމާއި ގޮތްދޫނުކުރުމުގެ ހިތްވަރެއް ދިރިއުޅުމަށް ލެވިފައިވުމުގެ ނަތީޖާ އަށް ކާމިޔާބޭ ކިއިދާނެ އެވެ.

"ރުޅިގަދަވުމަކީ ލިބިފައިވާ މަދު ވަސީލަތެއް އޭގެ އެންމެ ފުރިހަމަ މިނުގައި ބޭނުންކުރުމަށް ބޮޑީ ތައްޔާރުކޮށްދޭ ކަމެއް. އެ ހާލަތުގައި ރުޅިގަދަވުމުން ސިކުނޑިއަށް ދޭ މެސެޖަކީ ހާލަތު ވަރަށް ގޯސްކަން. އެހެންވީމަ އެ ހާލަތުން އަރައިގަތުމަށް އިތުރު ހިތްވަރެއް ލިބެނީ،" ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ބާސް ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް ރުޅިގަދަވެގެން އެހެން މީހުންނާ ދިމާލަށް ހަޅޭފަޅޭޖެހުމަކީ ނުވަތަ ގޮސް ސިންގާއަކާ މާރަމާރީ ހިންގަން އުޅުމަކީ ތިމާގެ ކްރިއޭޓިވިޓީ އަށް އޭގެ ހެޔޮ އަސަރުތަކެއް ކޮށްފާނެ ކަމެއް ކަމަކަށް ތަޖުރިބާކާރުން ގަބޫލެއް ނުކުރެ އެވެ. އަނެއްކޮޅުން ރުޅިގަދަވާ ހިނދު އެ ރުޅިގަނޑު ހިފެހެއްޓުމަކީ ނުވަތަ އެ ޖަޒުބާތުތައް ނުނެރެ ފޮރުވައިގެން ގެންގުޅުމަކީ ވެސް ނިކަން ނުރައްކާ ބޮޑު ކަމެކެވެ.

ހަގީގަތުގައި ރުޅިގަދަ މީހަކަށް ވުމަށް ވުރެ ބޮޑު ނުރައްކަލަކީ ރުޅި އަޔަސް އެކަން ފޮރުވައިގެން އެ ޖަޒުބާތުތަކުގެ ތެރޭގައި ނިދާލާ މީހާ އެވެ. އޭރުން އެމީހާ އޮންނާނީ އަބަދުވެސް ނިދީގަ އެވެ.

ގަދަ ރުޅީގައި ފައިދާތަކެއް ހިމެނޭ ކަމަށް ބައެއް ތަޖުރިބާކާރުން ބުންޏަސް މި ހިޔާލާ ދެކޮޅު ސައިންސްވެރިން ވެސް އެބަތިއްބެވެ. ނަމަވެސް ގަދަ ރުޅީގައި ގެއްލުންތަކެއް ހިމެނުނަސް އޭގެ ސަބަބުން ކުރާ ފައިދާތައް ވެސް ވަރަށް ގިނަ ތަޖުރިބާކާރުން ވަނީ ބަލައިގަނެފަ އެވެ.

އެގޮތުން، ރުޅިގަދަ މީހުންގެ ވާހަކަ ދެއްކުމުގެ ހުނަރު މޮޅު ކަމަށާއި ހަނދާން ގަދަ ކަމަށް އަދި ލީޑަރެއްގެ ރޯލު ކުޅުމަށް އެފަދަ މީހުން މޮޅު ކަމަށް ތަޖުރިބާކާރުން އެއްބަސްވެ އެވެ.