ދިރާގު

އޯޑަރުކުރި ފޯނެއް ނުދެވުމުން ބަދަލަށް ބޮޑު އަދަދެއް ދޭން ދިރާގަށް އަމުރުކޮށްފި

ދިރާގު މެދުވެރިކޮށް މީހަކު ފްރި އޯޑާކުރި ފޯނެއް އެ ފަރާތާ ހަވާލު ނުކުރެވުމުން، އޭގެ ބަދަލު ދޭން ދިރާގުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. ބަދަލުގެ ގޮތުގައި ދިރާގަށް ވަނީ 160،422.84 ރުފިޔާ ދައްކަން ޖެހިފައި ވެއެވެ.

ދިރާގުގެ މައްޗަށް މިގޮތަށް ސިވިލް ކޯޓުން އަމުރުކުރީ، އައިފޯނު އެސްއީއަށް ޕްރީ އޯޑާކުރާ ފަރާތްތަކަށް މި އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ފޯނު ހަވާލުކުރާނެ ކަމަށް ބުނެ، ފޯނު ހަވާލުނުކުރި ކަމަށް އެ ކޯޓަށް މީހަކު ހުށަހެޅި މައްސަލައި ހުކުމުގަ އެވެ.

އެމީހާ ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، އޭނާ ޕްރީ އޯޑާކޮށް، 5،828.94ރ. ދައްކާފައިވާނެ ކަމަށާއި ދިރާގުގެ ފަރާތުން އެއްބަސްވުމާ ހިލާފުވެ ފޯނު ހަވާލުކޮށްފައިނުވާ ކަމަށެވެ. ދިރާގުން އެއްބަސްވުމާ ހިލާފުވެފައިވާކަން ދެފަރާތުގެ ބަހުންނާއި ލިޔެކިޔުންތަކުން ޝަރީއަތަށް ސާބިތުވާ ކަމަށް ވެސް ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ.

މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ބަދަލުގެ ގޮތުގައި ފޯނު ޕްރީ އޯޑާކޮށް އޭނާ ދެއްކި 5828.94 ރުފިޔާ ނަގައިދިނުމަށާއި ދައުވާކުރި ފަރާތަށް މުޖުތަމައުގައި ކުރިމަތިވި ލަދުވެތިކަމާއި ނުތަނަވަސްކަމާއި އޭނާއަށް ކުރިމަތިވި ތަކުލީފުތަކާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެއްލައްކަ ރުފިޔާގެ ޖަޒާއީ ބަދަލު ދިނުމަށެވެ.

މީގެއިތުރުން ދިރާގުން އެއްބަސްވެފައިވާ ގޮތަށް ދައުވާކުރި ފަރާތުން އައިފޯނު އެސްއީ ނުދިނުމުގެ ސަބަބުން ދައުވާކުރާ ފަރާތަށް އެހެން ފޯނެއް ގަންނަންޖެހުމުގެ ސަބަބުން ދައުވާކުރާ ފަރާތަށް ކުރިމަތިވި މާލީ ދަތިކަމާއި ތަކުލީފަށް 4،593.90 ރުފިޔާ އެމީހާއަށް ލިބުނު ސީދާ ގެއްލުންގެ ބަދަލު ދިނުމަށް ވެސް ވަނީ އަމުރުކޮށްފައި ވެއެވެ.

ފޯނު ހަވާލު ނުކުރުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ހައްލެއް ހޯދުމަށް ދައުވާ ކުރި ފަރާތުން އައްޔަންކުރި ވަކީލަށް ހަރަދުކޮށްފައިވާ 50،000ރ. ވެސް ދައްކައިދިނުމަށް ވެސް ދިރާގަށް ވަނީ އަންގާފަ އެވެ. މި ފައިސާ އެއްކުރުމުން ޖުމްލަ އަރަނީ 160،422.84 ރުފިޔާ އެވެ.

މި އަދަދު ދައުވާކުރި މީހާއަށް ހަތް ދުވަސް ތެރޭގައި ދެއްކުމަށް ދިރާގަށް ވަނީ އަމުރުކޮށްފަ އެވެ.