ބޮކްސިންގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު މެޗު ކަމަށް ބެލެވިފައިވާ ފްލޮއިޑް މޭވެދާ އާއި މެނުއެލް ޕަކިއާއޯގެ ކުރިމަތިލުން މޭ މަހުގެ ދެވަނަ ދުވަހު އެމެރިކާގެ ލަސް ވޭގަސްގެ އެމްޖީއެމް ގްރޭންޑްގައި ބޭއްވުމަށް ޝެޑިއުލްކޮށްފި އެވެ.
އެމެރިކާގެ މޭވެދާ ،37، އާއި ފިލިޕީންސްގެ ޕަކިއާއޯ ،36، އަކީ މި ވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ދެ ބޮކްސިން ތެޅުންތެރިން ކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ.
ޑަބްލިއުބީސީ އާއި ޑަބްލިއުބީއޭގެ ވެލްޓަވެއިޓް ޗެމްޕިއަން މޭވެދާ އާއި ޑަބްލިއުބީއޯގެ ޗެމްޕިއަން ޕަކިއާއޯގެ ކުރިމަތިލާ މެޗުން 162 މިިލިއަން ޕައުންޑް (250 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ. ބޮކްސިންގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު މެޗަކީ 2013 ވަނަ އަހަރު މޭވެދާ އާއި ސޯލް ސަލްވަރޭޒް ބައްދަލުކުރި މެޗެވެ. އެ މެޗަށް ގާތްގަނޑަކަށް 97 މިލިއަން ޕައުންޑްގެ އާމްދަނީއެއް ލިބުނު ކަމަށް ވަނީ ބެލެވިފަ އެވެ.
ޕްރޮފެޝަނަލް މެޗެެއްގައި މޭވެދާ އަދި ބަލިނުވެ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި އެތުލީޓު ކަމަށްވާ މޭވެދާ ވަނީ ބަލިނުވެ 47 މެޗު ހަމަކޮށްފަ އެވެ. ޕަކިއާއޯ މިހާތަނަށް ތެޅި 64 މެޗުގެ ތެރެއިން 57 މެޗުން އޭނާ ވަނީ މޮޅުވެފަ އެވެ. ބަލިވީ ފަސް މެޗުންނެވެ.
"މުޅި ދުނިޔެ އިންތިޒާރުކުރަމުން ދިޔަ މެޗު މި އޮތީ ހަމަޖެހިފައި،" މޭވެދާ އޭނާގެ ވެބްސައިޓްގައި ބުނެފައިވެ އެވެ. "މިއީ ބޮކްސިންގެ ތާރީހުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މެޗު. ޕަކިއާއޯގެ ކުރިން އަހަންނާ ކުރިމަތިލި 47 މީހުންނަށް ނުވި ކަމެއް ކުރަން އޭނާ އެ ނުކުންނަނީ. އެކަމަކު އޭނާ އަށް އެކަން ކާމިޔާބެއް ނުވާނެ. އޭނާ ވަނީ އަހަރެން އަތްދަށުވާ 48 ވަނަ މީހާ އަށް."
ޕަކިއާއޯގެ ބުނީ ބޮކްސިންގެ ސަޕޯޓަރުން އިންތިޒާރުކުރަމުންދިޔަ މެޗު އެންމެ ފަހުން ހަގީގަތަކަށް ވުމަކީ ވަަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ބޮކްސިންގެ ސަޕޯޓަރުން މި މެޗަށް ވަރަށް ދިގު އިންތިޒާރެއްކޮށްފި. މި ތާރީހީ މެޗުގައި ވާދަކުރުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" ޕަކިއާއޯ ބުންޏެވެ. -- ބީބީސީ