ވާހަކަ

ކުރު ވާހަކަ: ނޯޖަވާން

އަހަންނާ އެމީހުން އެންމެ ފުރަތަމަ ބައްދަލުވީ ސީރިއާގެ ހަލަބް ސިޓީގެ ރަށްބޭރުގައި އެތައް އަކަކިލޯ މީޓަރުގެ ރާސްތާއަކަށް ފެތުރިގެން އޮތް ޒައިތޫނި ދަނޑުބިމެއްގެ ހިޔަލުންނެވެ. އެއީ ހައެއްކަ ޒުވާނުންނެވެ. އެމީހުންގެ އަތުގައި ހަތިޔާރާއި ފެނާއި މޭވާ އާއި އަންހެނުން ވެސް ތިއްބެވެ.

ވަޒަން އަރައި ޒަޚަމްވެފައި އޮތް އަހަރެންގެ ހަތަރެސްފައިގައި ހިފައި އުފުއްލާލައިގެން ގެންދިޔައީ މާދުރު ނޫން ހިސާބެއްގައި އޮތް ފަރުބަދަ ވާދީއެއްގައި އެމީހުން ހަދައިފައިވާ ކޭންޕަކަށެވެ.

އެމީހުން ބުނެތެވެ.

"ތިބާ އަކީ ސުވަރުގޭގެ އަހުލުވެރިއެކެވެ."
"އަހަރެމެންގެ ހިތް ވެސް އެެދި ގޮވަނީ ސުވަރުގެއަށެވެ."
"ސުވަރުގެއަކަށް އުފަންވިޔަސް ދަހިވެތިވަނީ ސުވަރުގެއަށެވެ."

އެއަޑެއް އިވި، އަހަރެންގެ ހެއާ އެއްވަރަކަށް ހިނދެމުން ގޮސް ކެނޑިގެން ދިޔައީ އެވެ. އެކަމަކު އެއީ ކޮން ބައެއްކަން އަހަންނަށް އެނގިއްޖެ އެވެ. އެއީ ސުވަރުގޭގެ ހަ ބަދަވިންނެވެ. -- ސުވަރުގޭގެ ހަ ބަދަވިންގެ ގޮތުގައި ހަލަބް ސިޓީ އަށް މަޝްހޫރުވެފައިވާ ދިވެހިންގެ ހަ ބެއިންނެވެ.

މި ހަ ބަދަވިންގެ ހިތްވަރުގަދަކަމުގެ ވާހަކަ އަޑުނާހާ ހަނގުރާމަވެރިޔަކު ބޭރުގެ ގައުމަކުން ސީރިއާއަކަށް އެތެރެއް ނުވެ އެވެ. އަދި ހަލަބާއި ދާޚިލީ ހަނގުރާމައިގެ ލެއާއި ދުމުގެ އަސަރުކޮށްފައިވާ ސީރިއާގެ ކޮންމެ ރަށެއްގައި ވެސް މި ދިވެހި ހަ ނޯޖަވާނުންނަކީ ބަތަލުންނެވެ. އެންމެ ގަދަފަދަ ހަ ބެއިންނެވެ.

އަހަރެންގެ ކަންފަތްދޮށުގައި އެމީހުން ބުނެތެވެ.

"ތިބާ އަކީ އަހަރެމެންގެ ހަތް ވަނަ އަހެވެ."
"ތިބާ އަކީ އަހަރެމެންގެ ބަތަލެވެ."
"ތިބާ އަކީ އަހަރެމެންގެ ސުވަރުގެއަށް ދާނޭ ބަތަލެވެ."

އެހިސާބުން މި އަޅާ އިހްތިޔާރުކުރެވުނީ އެވެ. ހަ ބެއިންގެ ލޯތްބާއި އަޅާލުމާއި ފާރަވެރިކަމުގައި ފަރުވާ ލިބި ދެ ފައި މައްޗަށް ވެސް އަލުން ތެދުވުނީ އެވެ. ކުރިން ހިފަން ނޭނގުނު ހަތިޔާރުގައި ހިފާނޭ ގޮތާއި އަމާޒަށް ޖަހާނޭ ގޮތް ވެސް ދަސްކުރެވުނީ އެވެ.

މާތް ރަސްކަލާނގެ އަށް ޝުކުރު ހުއްޓެވެ. މި އަޅާ މިއީ ބާއްޖަވެރިއެކެވެ.

އެމީހުން ބުނެތެވެ.

"ތިބާ އަކީ ބާއްޖަވެރިއެކެވެ."
"ތިބާ އިހްތިޔާރުކުރެވިއްޖެތެވެ."
"މަރުން ދިރިގެން ތި ހޭލީ އެވެ."
"އަލުން ހެވިގެން ތި ތެދުވީ އެވެ."
"ބަހުން އަމަލުން ފަރިވެ ކަތިލާށެވެ."

އަހަރެން ވައުދުވީމެވެ. އެ ވައުދު ފުއްދަން ވައުދުވީމެވެ. ހަ ބެއިންގެ ހިތްވަރުން ލޭ ކެއްކުވީމެވެ. އެ ބަދަވިންގެ ނަމަށް ކަތިލަން ވައުދުވީމެވެ. އެއަށް ފަހު އަހަރެމެން ތައްޔާރުވީ އިހްތިޔާރުކުރެވުނު ދަތުރަށެވެ. އަނބިދަރިން ދޫކޮށްލާފައި އެމީހުން އަހަރެން ހިމާޔަތްކޮށްގެން ފަރުބަދައިގެ ވާދީ އިން ނުކުމެ ހަނގުރާމައިގެ ވާދީއަކަށް ހިނގައިގަތީ އެވެ.

ޒައިތޫނި އާއި ބަދަން ދަނޑުތަކުގެ ހިޔަލުގައި ހިނގަމުން، ޅެބަހުރުވައިގެ ހަމަލާއިން ސަމާސާކުރަމުން ގޮސް ދެން ނުކުމެވުނީ ދިލަ ހޫނާއި ވައި ކަފާލާފައި އައި ވަޒަނާއި ބަޑީގެ އަޑަށެވެ. ނަމަވެސް ތުރުކީ ވިލާތު ސިފައިންގެ ކޭންޕުން ދެމުން ދިޔަ ހަމަލާތައް އިހްސާސްކުރެވުނީ ފިނި މޫސުމެއްގެ ވާރޭ ތިކިތަކެއް ފަދައިންނެވެ.

އެމީހުންގެ ކޭމްޕަށް ހަމަލާ ދިނީ ހަ ބަދަވީންގެ ގައިގައި ހަރުކޮށްގެން ދިޔަ ބޮންތައް ގޮއްވާލައިގެންނެވެ. އެ ވަރުގެ ހަމަލާއެއް އަހަރެންގެ ހަޔާތުގައި ނުދެކެމެވެ. އެކަމަކު އެ މަންޒަރު ބަލަން ނޯވެ ވައުދުވިގޮތަށް އަދި އިރުޝާދު ދީފައިވާ ގޮތަށް ގޮސް އަހަރެން ތުރުކީ އަށް އެތެރެވެ ފިލީ އެވެ.

އަހަރެންގެ ނަމަކީ އަހުމަދު އުސްމާން ބިން މޫސާ އެވެ. އަހަރެންގެ އުފަން ރަށަކީ އޮސްޓްރޭލިއާގެ އެޑެލައިޑްއެވެ. އެކަމަކު އަހަރެންގެ ހަށިގަނޑުގައި ދެމެނީ ހަމަ ސާފު ދިވެހި ލެއެވެ. މަތީ ތައުލީމަށް ގޮސް ލޯތްބާއި ތަރައްގީގެ އަނދަވަޅަކަށް ވެއްޓި މަންމަ އާއި ބައްޕަ އެގައުމުގައި އަމިއްލަ އަށް ބަންދުވެގަތީމަ އެވެ. އެކަމަކު އަހަރެން ބޭނުންވީ އަބަދުވެސް އަހަރެންގެ އަސްލު ރަށަށް ދާށެވެ. އަސްލު ރަށުގެ އަހުލުވެރިންނާ ބައްދަލުކުރާށެވެ.

މަންމަ އާއި ބައްޕަ ފަދައިން ހަވާނަފުސަށް ހެއްލި ގެއްލޭ މީހަކަށް ނުވާށެވެ.

އެޑެލައިޑުން ދިމާވެ ރައްޓެހިވި ދިވެއްސަކާ އެކު ތުރުކީގެ ތާރީޚާއި ހިތްގައިމުކަން ދެކިލުމަށް ކުރި ދަތުރަކުން ދިވެހިންގެ އެހެން ބަޔަކާ ދިމާވި ދުވަހަކީ އަހަރެންގެ ހަޔާތް ބަދަލުކޮށްލި ދުވަހެވެ. އަހަންނާއި އަހަރެންގެ އެކުވެރިޔާ ވެސް އެ ހިތްހެޔޮ ޒުވާނާގެ ފިޔަވަޅުމަތިން ގޮސް ސީރިއާގެ ދާޚިލީ ހަނގުރާމައިގެ އޮލަ ދުންގަނޑުގެ ތެރެއަށް ވަދެ ގެއްލުނީ އެވެ. އަހަރެމެން ދެ މީހުން ވެސް ހަމައެކަނި ތުރުކީގެ ތާރީޚާއި ހިތްގައިމުކަން ދެކިލުމުގެ ނަމުގައި ކުރި ދަތުރަކަށް އެ ދަތުރު ނުވީތީ އެވެ. -- ސުވަރުގެ އަށް ދާނޭ ސިފައިންގެ ޔުނީފޯމަށް ހިތްޖެހުނު ވަރުން ފެށި ދަތުރަކަށްވީތީ އެވެ.

މިއީ އޭގެ 15 އަހަރު ފަހެވެ.

ހަލަބުން އަހަރެން ސަލާމަތްކޮށް ގުރުބާންވި ހަ ބަދަވިން ފޯރުކޮށް ދިން އެހީތެރިކަމާ އެކު އަހަރެން ރާއްޖެ އައިއިރު އެކަން ދެނަހުރި ނަފުސެއް ނެތެވެ. މުޅި ގައުމުގެ ސަމާލުކަން ހުއްޓިފައި ވަނީ ވެއްޓިފައިވާ ސަރުކާރާއި އެ ސަރުކާރުގެ ވެރިންނަށެވެ.

"ތިބާ އަށް ތި އާދެވުނީ މޭވާ ދޮންވެ، ފައްކާވެގެން ވެއްޓުނުތަނަށެވެ."
"ތިބާގެ މަސައްކަތަށް އަވަސްވެގަންނާށެވެ."
"ވައުދާހިލާފު ވާ މީހަކަށް ތިބާ ނުވައްޗެވެ."

ދިވެހި ބިމުގައި ފުރަތަމަ ފަހަރަށް ފައި ޖެހުނު ވަގުތު ހީވީ ހަލަބުގައި ފިދާވި ހަބެއިން އެކުގައި އަހަރެންގެ ކަންފަތްދޮށުގައި ރާގުކުޅެގަތްހެންނެވެ. އެކަމަކު ހޭލެވުނީ ކަރުނަ ގޭހާއި އަނިޔާގެ ވެށްޓަކަށެވެ. ވެރިން ރައްޔިތުންނަށް އަނިޔާވެރިވެގަނެފައިވާ މާހައުލަކަށެވެ. ރައްޔިތުން ނުކުމެ އިންސާފު އަތަށް ލައިފައިވާ މުޖުތަމައަކަށެވެ.

"ސުވަރުގެއެއްގެ ގޮތުގައި މަޝްހޫރުވެފައިވިޔަސް މިއީ ސުވަރުގެއެއް ނޫނެވެ."

އަހަރެންގެ ހިތަށް އެރީ އެހެންނެވެ. އެކަމަކު ފުރައިގެން ދިޔައީ އަހަންނަށް ދީފައި އޮތް އެޑްރެހަށެވެ. އެއީ މާ ދެކުނު ބިތުގައި އޮތް ކުޑަކުޑަ ރަށެކެވެ. އެ ރަށުގެ އަހުލުވެރިން ބަދަލުވީ އާއިލާއަކަށެވެ. ވެއްޓުނު ސަރުކާރަށް ފަހު ދެން ރައްޔިތުން ހޮވި ސަރުކާރަށް އަހަރެން ފޮރުވީ އެ އާއިލާއެވެ.

އެކަމަކު އަބަދަކަށް ފިލައިގެނެއް ނޯވެވުނެވެ. އޮންނާކަށް ބޭނުމެއް ވެސް ނުވި އެވެ. ދީނީ ހަރުކަށި ފިކުރުތަކޭ ކިޔައި އަހަރެމެންގެ ހިޔާލު ހިފައި ހައްޔަރުކުރުމަށް ވަރުގަދަ ގައުމީ ހަރަކާތެއް އެމީހުން ފެށީމަ އެވެ.

އޭރު ވެސް މާލެއާ ދުރު އަތޮޅުތަކުގެ ރަށްތަކުގައި ސަރުކާރާ ދެކޮޅު ބައިބައިވުން އުފެދި ސަރުކާރާ ދެކޮޅު ޖަމާއަތްތަކާއި ހަތިޔާރު އެޅި މީހުން އެކި ނަންނަމުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

"މިއީ ތިބާ ވެސް ބޭނުންވި ގޮތެވެ."
"އަހަރެމެން އެންމެން ވެސް ބޭނުންވިގޮތެވެ."
އަހަރެމެން ގުރުބާންވި ސަބަބެވެ."

ހަލަބުން ދިމާވި ހަ ބަދަވިން އަހަރެންގެ ކަންފަތްދޮށުގައި ބުނީ އެހެންނެވެ. އެމީހުން ގޮވައިލީ މި ފަސްގަނޑުގައި ވިހުރޭ ދިދަ ބޭލުމަށް ފަހު އަހަރެމެންގެ ކުލައިން ފެތުރިގަތުމަށެވެ. އެއީ ކަޅުކުލަ އެވެ.

ވެރިރަށް މާލެ އަށް ކުދި ރަށްތަކާއި އަތޮޅުތަކުގެ ބާރު ގެއްލިގެން ދިޔަ ހިސާބުން އަހަރެމެންގެ ދިދަ ވަރަށް ގިނަ ރަށްރަށުގައި ވިހުރެން ފަށައިފި އެވެ. އެ ރަށްތަކުގައި ސަރުކާރާ ދެކޮޅު ލަޝްކަރުތައް އުފެދި ޖިހާދުގެ ސިފައިން ތަމްރީން ވެސް ކުރަން ފަށައިފި އެވެ.

"ހުވަފެން ހަގީގަތަކަށްވަނީ އެވެ."

އަނެއްކާވެސް ހަ ބަދަވިންގެ އަޑެވެ. އެއް ދުވަހެއްގެ ހެނދުނެވެ. އެ އަޑު ކެނޑުނުއިރު ރަށުގެ ހުޅަނގު ބިތާ ދިމާލު މަތިން ދެން އިވެން ފެށި އަޑާއެކު ހިތް ނިކަން ބާރަށް ތެޅިގަތެވެ. އިންޑިއާ ދިދަ ޖަހައިގެން ވައިކަފާލާއި ބޯ މަތިން ދިޔަ ހަނގުރާމަމަތީ ޖެޓުން މިސައިލެއް ފޮނުވާލި މަންޒަރު ފެނުނެވެ. އެކަމަކު އެއަށް ފަހު ދެންވީ ގޮތެއް ކިޔައިދޭކަށް ނޭނގެ އެވެ.

"ތިބާ އަކީ ހިތާމަވެރިއެއް ނޫނެވެ."
"ތިބާ އަކީ އަހަރެމެންގެ އަހެވެ."
"އަހަރެމެންގެ ބަތަލެވެ."
"އިންތިޒާރުކުރެވެނީ ތިބާއަށެވެ."

ދެން ފެނުނު މަންޒަރުގައި ވަނީ ފުސްކަމެކެވެ. އަހަރެން އޮތީ އަނެއްކާވެސް ލެއިން ތަތްތެޅިފަ އެވެ. ހަ ބެއިންގެ އަޑު އިވުނަސް އޭގެ އެކަކު ވެސް ފެންނާކަށް ނެތެވެ. އޭރު ވެސް ޖެޓު އިންޖީނުގެ އަޑާއި ބަޑީގެ އަޑު އިވެމުންދެ އެވެ. (ނިމުނީ)