ލައިފްސްޓައިލް

މަޝްހޫރު މޮޑެލް އިންނާއި ފެޝަން ޑިޒައިނަރުންގެ ރާޑަރަށް ރާއްޖެ

Aug 15, 2016

ރާއްޖޭގެ ރީތިކަމާއި ހިތްގައިމު ގޮނޑުދޮއްތަށް މިވަނީ "މިލިއަނަރުން" ގެ މަންޒިލަކަށްވެފަ އެވެ. ހާއްސަކޮށް މަޝްހޫރު މޮޑެލުންނާއި ފެޝަން ޑިޒައިނަރުގެ މެދުގައި ރާއްޖެ މިވަނީ މަޝްހޫރު މަންޒިލަކަށްވެފަ އެވެ. މިގޮތުން ނިމިގެން ދިޔަ ތިން ހަފުތާ ތެރޭގައި ރާއްޖޭގައި މި ވަނީ މަޝްހޫރު ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްފަ އެވެ.

ނިމިގެން ދިޔަ ހަފުތާގައި ވިކްޓޯރިއާ ސީކްރެޓްގެ މޮޑެލް އިސަބެލީ ފޮންޓާނާ ރާއްޖޭގައި މި ވަނީ ކައިވެނިކޮށްފަ އެވެ. ބްރެޒިލްގެ މޮޑެލް އިސަބެލީ ކައިވެނިކޮށްފައިވަނީ ޑިއޭގޯ ފެރޭރޯއާ އެވެ. އެ ކައިވެނި އޮތީ ސޮނެވާ ފުށި ރިސޯޓުގަ އެވެ. މީގެ އިތުރުން އެމެރިކާގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ޕެރިސް ހިލްޓަން ވެސް ވަނީ ރާއްޖޭގައި ދާދިފަހުން ޗުއްޓީއެއް ހޭދަކޮށްފަ އެވެ.

ވޭތުވެދިޔަ ދެތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރި މަޝްހޫރު މޮޑެލް އިންގެ ތެރޭގައި މަޝްހޫރު މޮޑެލް އަލް-މަކްފިއަޝަން ހިމެނެ އެވެ. މީގެ އިތުރަށް މަޝްހޫރު މޭކަޕް އާޓިސްޓް ރޮޑެރިގޭސް ކޯސްޓާ ވެސް ހިމެނެ އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ ވިކްޓޯރިއާސް ސީކްރެޓްގެ މޮޑެލް އިސަބެލީ ފޮންޓާނާގެ ކައިވެނީގެ ރަސްމިއްޔާތުގައި އޭނާގެ މޭކަޕްގެ ކަންތައްތައް ކުރުމަށެވެ. އަދި މިދިޔަ މެއި މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރި އަނެއް މަޝްހޫރު މޮޑެލްއަކީ ރަޝިޔާގެ ސުޕަ މޮޑެލް ނަތާޝާ ޕޮލީ އެވެ.

ރާއްޖެއަށް އަންނަނީ ހަމައެކަނި މަޝްހޫރު މޮޑެލްއިންއެއް ނޫނެވެ. ދުނިޔޭގެ މަޝްހޫރު ފެޝަން ޑިޒައިނަރުން ވެސް މި އަހަރު ރާއްޖެ އައިސްފައިވެ އެވެ. ފެޝަން ޑިޒައިނަރުންގެ ތެރޭގައި ހިމެނެނީ 44 އަހަރުގެ މެތިއުވިލިއަމްސަން އެވެ. ރާއްޖެއަށް މަޝްހޫރު މީހުން އައުމަކީ ރާއްޖޭގެ ޓޫރިޒަމަށް ފައިދާ ކުރާނެ ކަމެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް އިތުރަށް އިޝްތިހާރު ވެގެން ދިޔުމަށް މިއީ ހުޅުވޭ ބޮޑު ފުރުސަތެކެވެ.