ބޭރު ކުޅިވަރު

ފަލްކާއޯ އަށް ވަރުގަދަ ކްލަބްތަކަކުން ޝައުގުވެރިވޭ: މޮނާކޯ

ފްރާންސްގެ އޭއެސް މޮނާކޯ އިން ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުންދާ ކޮލަމްބިއާގެ ފޯވަޑް ރަޑަމެލް ފަލްކާއޯ މި ސީޒަނަށް ފަހު ޔުނައިޓެޑް އިން ދޫކޮށްލައިފި ނަމަ، އޭނާ ގެންދަން ވަރުގަދަ ކްލަބުތަކަކުން މަސައްކަތްކުރާނެ ކަމަށް މޮނާކޯ އިން ބުނެފި އެވެ.

މި ސީޒަންގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުން ޔުނައިޓެޑަށް ބަދަލުވި ފަލްކާއޯ ،29، މި ސީޒަނަށް ފަހު 43.2 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި ގެންދިއުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ. ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 19 މެޗުގައި ހަތަރު ލަނޑު ޖަހާފައިވާ ފަލްކާއޯ ޔުނައިޓެޑް އިން މި ސީޒަނަށް ފަހު ބަހައްޓާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ކުރިން ޕޯޓޯ އާއި އެތުލެޓިކޯ މެޑްރިޑަށް ކުޅުނު ފަލްކާއޯގެ ފަރާތުން ޔުނައިޓެޑް އިން އުންމީދުކުރާ ފެންވަރުގެ ކުޅުމެއް އަދި ނުފެނެ އެވެ. ޔުނައިޓެޑް އިން ލޯނު ފީއެއްގެ ގޮތުގައި މޮނާކޯ އަށް ހަ މިލިއަން ޕައުންޑް ދިންއިރު، ފަލްކާއޯގެ މުސާރަ އަށް ހަފުތާއަކު 265،000 ޕައުންޑްގެ ހޭދަކުރެ އެވެ.

މޮނާކޯގެ ނައިބު ރައީސް ވަޑިމް ވަސިލްޔޭފް ވިދާޅުވީ ޔުނައިޓެޑް އިން ފަލްކާއޯ ދޫކޮށްލިޔަސް އެ ކްލަބުން ހާސްނުވާނެ ކަމަށާއި ފަލްކާއޯ އަށް ވަރުގަދަ ކްލަބުތަކަކުން ޝައުުގުވެރިވާ ކަމަށެވެ.

"ޔުނައިޓެޑް އިން ފަލްކާއޯ ދޫކޮށްލައިފި ނަމަ، ވަރުގަދަ ކްލަބުތަކަކުން އޭނާ ގެންދަން މަސައްކަތްކުރާނެ. އެހެންވީ އަހަރެން ކަންބޮޑެއްނުވޭ،" ވަސިލްޔޭފް ބުންޏެވެ. -- ބީބީސީ