މިއީ ވަރަށް ގިނައިން ދިމާވާ ކަމެކެވެ. ގިނަ ފަހަރަށް ފިރިހެނުންނަށެވެ. ލޯބިވެގެން ހިތާވެ ފުރަތަމަ އެކުވެރިއަކަށްވެ އެންމެ ފަހުން ރަނގަޅަށް ވެސް "ފްރެންޑް ޒޯން" އަށް ވައްޓާލަނީ އެވެ. ހިތް އަތުލަން ކުރި ހުރިހާ މަސައްކަތެއް ބޭކާރުވީ އެވެ. މިހާ ހިސާބުން ބައެއް މީހުން ގޮތް ހުސްވެ އެވެ. ދެ ވަނަ ފަހަރަށް އަންހެން ކުއްޖާއާ ކުރިމަތިލާކަށް ނުކެރެ އެވެ. ވެދާނެ އެވެ. އުންމީދު ކަނޑާލެވެނީ އެވެ. ނުވަތަ ދެ ވަނަ ފަހަރަށް "ޓްރައި" ކޮށްލަން ބިރުގަންނަނީ އެވެ.
ފްރެންޑް ޒޯން ކޮށްލީ ކީއްވެކަން އެނގޭތަ؟
ފްރެންޑް ޒޯން ކޮށްލީ ލޯބިވާ ވާހަކަ ނުބުނަނީސް ހެއްޔެވެ؟ އެހެން އެވީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އަމިއްލަ ކުށުންކަން ގަބޫލުކުރަން ހެއްޔެވެ؟ މައިގަނޑު ތިން ސަބަބެކެވެ. ފުރަތަމަ ސަބަބަކީ ހިތުލައިގެން ހުރީ ކޮން ކަމެއް ކަމެއް އަންހެން ކުއްޖާއަކަށް ނޭނގޭނެ އެވެ. އެނގޭނެ ކަމަށް ހީކުރުމަކީވެސް މޮޔަ ކަމެކެވެ.
"މަށާ އޭނަ އާ ވަރަށް ކްލޯޒް. މިހާރު އަހަރެއް ވެއްޖެ ދެ މީހުން މިހެން އުޅޭތާ. ބެސްޓްފްރެންޑްސް ކަހަލަ. ދެ މީހުންވެސް ހުރިހާ ވާހަކައެއްވެސް އެކަކު އަނެކަކަށް ޝެއާ ކުރަން. އެކަމަކު ކުރިން ދުވަހު ބުނެފި ދުވަހަކުވެސް މި ފްރެންޑްޝިޕް ބަދަލެއް ނުވާނެޔޯ. ތިޔޯ އެންމެ ރަނގަޅު ރައްޓެއްސަކީ. އަބަދުވެސް ތިހެން ރައްޓެއްސެއްގެ ގޮތުގައި ހުންނައްޗޯ. ތިމަންނަ ވަރަށް ބޭނުމޯ އެގޮތް." މިއީ ލޯބިވާ ވާހަކަ ނުބުނެވި އުޅެނިކޮށް ފްރެންޑް ޒޯނަށް އަންހެން ކުއްޖަކު ވައްޓާލުމުން ހަލާކުވެފައިވާ ހިތަކާއެކު ޒުވާން ފިރިހެން ކުއްޖަކު ބުނި ވާހަކަ އެކެވެ.
ދެ މީހުންނަށް ހުރިހާ ވާހަކައެއް ކިޔައިދީ ހެދި އެވެ. ދެ މީހުންނަށް ކަމުދާ ހުރިހާ ކަމެއްގެ ވާހަކަ އެވެ. ހަޔާތަށް ގެންނަން ބޭނުންވާ ބައިވެރިޔާގެ ގައިގައި ހުންނަން ޖެހޭ ސިފަތަކަށް ދާން ދެންނެވެ. އެކަމަކު އެއް ފަހަރުވެސް ލޯބިވާ ވާހަކައެއް ނުބުނެ އެވެ. ލައިކް ވެޔެކޭ ނުވަތަ ކަމުދެ އެކޭވެސް ނުބުނެ އެވެ. އެންމެ ބޮޑު މައްސަލައަކީ އެއީ އެވެ. ލޯބިވާނަމަ އެ ވާހަކަ ބުނާށެވެ. ކިތަންމެ ގިނަ ވަގުތެއް އެކީގައި ހޭދަކުރިޔަސް ހިތުގައި އޮންނަ އެއްޗެއް ނުބުނަންޏަކާ ނޭނގޭނެ އެވެ.
ހިތް އޮތްގޮތް އެނގޭނީ ނަގައި ދެއްކީމައެއް ނޫން ހެއްޔެވެ؟
ފްލާޓެއް ވެސް ނުކުރާނެ އެވެ. މިއީ ފްރެންޑް ޒޯން ކޮށްލާ ދެވަނަ ސަބަބެވެ. އޭނަ ކައިރީގައި ހުރެ އެހެން އަންހެން ކުދިންނާ ފްލާޓް ކުރީ އެވެ. އަންހެނުން ބޮޑަށް ބަރޯސާވަނީ ބުނާ އެއްޗަކަށްވުރެ ލޮލަށް ފެންނަ މަންޒަރަށެވެ. އެހެން ވީމަ ބުނަން ނުކެރެންޏާ އަމަލުންވެސް ލޯބިވާކަން ހާމަކޮށްދެވިދާނެ އެވެ. މެސެޖް ދެވިދާނެ އެވެ. ސުވާލުތަކެއްގެ ތެރެއަށް އޭނާ ވައްޓާލާފައި ނުބަހައްޓައްޗެވެ. އޭރަށް ކަންތައްތައް ދާނީ ގޯހުން ހޯހަށެވެ.
ދެން އޮތީ މައިގަނޑު ތިން ވަނަ ސަބަބެވެ. އޭނަގެ ހިތުގައި އޮތް އެއްޗެއް ނޭނގޭތީ ބިރުގަތީ އެވެ. އެކަމާ ޖެހިލުންވީ އެވެ. ލޯބިވާ ވާހަކަ ބުނާ ހިސާބުން ވާހަކަވެސް ނުދައްކާ ފާނެތީ ހާސްވީ އެވެ. މާބޮޑަށް ވިސްނާނެ ކަމެއް ނެތެވެ. ލޯބިވާ ވާހަކަ ބުނާށެވެ. އޭނަ ދޭނެ ޖަވާބެއްވެސް އެނގޭނީ ބުނީމައެއް ނޫން ހެއްޔެވެ؟ ފަހަރުގައި އޭނަގެ ހިތުގައިވެސް ލޯބި އޮވެދާނެ އެވެ. އެކަމަކު އެއްވެސް އިޝާރާތެއް ނުލިބޭތީ އަޅާނުލާ ހުރެދާނެ އެވެ.
ލޯބިވާ ވާހަކަ ބުނާށެވެ. މަޑުމަޑުން އަމަލުތަކުންވެސް ދައްކާށެވެ. ފްރެންޑް ޒޯން ކޮށްލުމުން މާޔޫސް ނުވާށެވެ. ދެވަނަ ފަހަރަށްވެސް މަސައްކަތް ކޮށްލާށެވެ. ލޯބިވޭތޯ ޔަގީންކުރަންވެސް ފުރަތަމަ ފަހަރު ނޫނެކޭ ބުނެފާނެ އެވެ. އެހާ އަވަހަށް ހަތިޔާރު ބަހައްޓާ އެއްޗެއް ނޫނެވެ.