ވިޔަފާރި

އެމްޓީޑީސީގެ އެނބޫދޫފުށި 23 މިލިއަން ޑޮލަރަށް ވިއްކާލައިފި

Aug 16, 2016
1
  • އެމްޓީޑީސީގެ ވިޔަފާރީގެ މޮޑެލް އެއްކޮށް ބަދަލުކުރަނީ
  • ސަރުކާރަށް ދައްކަން ޖެހޭ ކުލީގެ ބޮޑު ބައެއް ދައްކަނީ
  • ކުންފުނީގެ އަމިއްލަ ރިސޯޓެއް މިއަހަރު ހަދަނީ

"ޕާ އެކުއަމް ނިޔާމަ" ރިސޯޓް ހަދާފައިވާ، ދ. އެނބޫދޫފުށި-އޮޅުވެލި، އެ ރިސޯޓް އޮޕަރޭޓް ކުރާ ކުންފުންޏަށް 23.3 މިލިއަން ޑޮލަރަށް ވިއްކާލުމަށް ގައުމީ ޓޫރިޒަމް ކުންފުނިން އެމްޓީޑީސީ އިން ނިންމައިފި އެވެ. އެ ރިސޯޓް ހިންގާ ކުންފުނިން އެ ރަށުގައި ރިސޯޓް ތަރައްގީކޮށް ހިންގަން ފެށީ 2012 ވަނަ އަހަރުން ފެށިގެންނެވެ.

އެމްޓީޑީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެނބޫދޫފުށި ރިސޯޓް ތަރައްގީކޮށް ހިންގަމުން އަންނަ ކުންފުނި ކަމަށްވާ، "އޯ ޕްލަސް އީ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް" އެ ރަށް ވިއްކާލަން ނިންމީ، ކުންފުންޏަށް ރިސޯޓް ހަދަން ހަވާލުކޮށްފައިވާ ރަށްރަށުގެ ބިމު ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހިފައި ހުރި ފައިސާތައް މިއަހަރު ތެރޭ ދެއްކުމަށް ސަރުކާރުން އަންގާފައި ވާތީ އެ ފައިސާ ދައްކާ ހަލާސްކުރުމަށް ކަމަށެވެ. މީގެ އިތުރަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ އިތުރު ހަތަރު ރަށަކުން މިއަހަރު ސަރުކާރަށް ކުލި ދައްކަން ފަށަން ޖެހޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި އެހެން ފަރާތަކަށް ރައްތަށް ކުއްޔަށް ދީގެން، ލިބޭ ފައިސާއިން ކުންފުނި ހިންގުމަކީ ދިގު މުއްދަތެއްގައި ކުންފުންޏަށް ފައިދާ ވާނެ މޮޑެލްއެއް ނޫން ކަމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ދިރާސާތަކެއް ކޮށް އަދި އެކި ފަހަރު ކުރެވުނު މަޝްވަރާތަކުން ވަނީ ނިންމައިފަ އެވެ.

ސަރުކާރުން އެ ކުންފުންޏަށް ރަށް ހަވާލު ކުރި މުއްދަތު ނިމެން 15 އަހަރު ބާކީ އޮއްވައި އެ ރަށުގައި ރިސޯޓް އޮޕަރޭޓް ކުރާ ކުންފުންޏަށް ރަށްވިއްކާލި އަގަކީ، މާކެޓްގައި އެފަދަ ރަށެއް ވިއްކާލައިގެން ކުންފުންޏަށް އެންމެ ރަނގަޅަށް ފައިދާ ނެގޭނެ ގޮތަށް ނިންމި ނިންމުމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި އެ ކުންފުނިން އެ ރަށަށް ބޮދެތި އިންވެސްޓްކޮށް ރިސޯޓް ތަރައްގީކޮށް ހިންގަމުން އަންނާތީ ކުންފުންޏަށް ވެސް އެންމެ ފައިދާ ހުރި މަސްލަހަތު ހުރި ގޮތަކަށް ވާނީ ވެސް ރިސޯޓް އޮޕަރޭޓް ކުރާ ކުންފުންޏަށް ރަށް ވިއްކާލުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިއަހަރުގެ ތެރޭ އެމްޓީޑީސީގެ އިތުރު އެހެން ރަށެއް ވިއްކާލަން ވެސް ނިންމާފައިވާކަން އެ ކުންފުނިން މިހާރު ވަނީ ހާމަކޮށްފަ އެވެ.

"... ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށާއި އަދި ވިޔަފާރި މޮޑެލް ބަދަލު ކުރުމަށް ޑިރެކްޓަރުންގެ ބޯޑަށް ފެނުނީ، މިހާރު ސަބްލީޒް ކުރެވިފައިވާ ރަށްތަކުގެ ތެރެއިން ދެ ރަށެއްގެ ލީޒް ހޯލްޑް ރައިޓްސް ވިއްކާލުމަށެވެ. މިގޮތަށް ހެދުމުގެ ސަބަބުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ދެއްކި އަދި އެމްޓީޑީސީ އިން މިއަހަރުގެ ތެރޭގައި އަމިއްލ ރިސޯޓެއް ތަރައްގީ ކުރުމަށް މަގުފަހިވެގެންދާނެ އެވެ،" އެމްޓީޑީސީގެ ބަޔާނުގައިވެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި ދެމެހެއްޓެނިވި ގޮތެއްގައި ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް ލިބޭ ގޮތަށް ކުންފުނި ހިންގުމަށް ބޯޑުން މިހާރު ނިންމާފައި ވަނީ ރިސޯޓްތައް ކުންފުނިން އަމިއްލައަށް ތަރައްގީކޮށް އޮޕަރޭޓް ކުރާ ވިޔަފާރީގެ މޮޑެލްއަކަށް ބަދަލުވުމަށެވެ. އެގޮތުން ކުންފުނިން އަމިއްލައަށް މިއަހަރު ތެރޭގައި ފުރަތަމަ ރިސޯޓް ހަދަން ފަށާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިކަމުގެ ސަބަބުން ކުންފުނީގެ ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް ލިބި ކުންފުނީގެ ރައުސްމާލު އިތުރުވަމުން އަންނާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދެއެވެ.