ނޯޓް: މިއީ މީގެ ދެ އަހަރު ކުރިން އަޅުގަނޑު މި ނޫހުގައި ގެނެސްދިން ވާހަކަ "ކިނބުލެއްގެ ހިތުގެ އެންމެ ފުންމިނުން" ގެ އިތުރު ބައެކެވެ.
ބުނާތީ އަހަމެވެ. މި ރާއްޖެއަކަށް ކިނބޫ މޫސުން ވެސް އާދެ އެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އޮޔާއި ވައިގައި އަހަރެން މި ޖަޒީރާ ގައުމަކަށް ލެއްގީ އެވެ. އެއްގޮތަކަށް ވެސް ދުނިޔެ މަތީގެ ސުވަރުގެއޭ ކިޔައި، އެމްއެމްއާރްޕީސީއެކޭ ކިނބުލެކޭ ކިޔައިގެން ބުރުވި އަޅިއެއްގައި ޖެހިގެން އަހަރެން މިތަނަކަށް އައީކީއެއް ނޫނެވެ.
މިއީ ގުދުރަތުގެ ފްރީ ޓިކެޓެކެވެ. އެކަމަކު މަ ކުށްވެރިއަކަށްވެ، ހިފައި ހައްޔަރުކޮށް، ޗަކަސް ބިމުގެ ކުޑަގޮޅީގައި އަނދަގޮނޑި ޖަހާނެ ކަމަކަށް އުއްމީދެއް ނުކުރަމެވެ. ނަމަވެސް، ދުނިޔެ މަތީގެ ސުވަރުގެ މިބައިމީހުން މަށަށް ދެއްކީ މިހެންނެވެ. ދިވެހިން އެންމެ ގަޔާވާ ކަމަށް ބުނެވޭ "ކިނބޫ ހިނިގަނޑަކުން" ވެސް މަށަށް ކުރި ފައިދާއެއް ނެތެވެ.
އެކަމަކު މިއަދު އެއީ މާ ކުރީގެ ހަނދާނެކެވެ. މިއަދު ނުވަތަ މިހާރު، އަހަރެމެން ރާއްޖެ އަންނަނީ އެ ބުނާ ކިނބޫ މޫސުމެއްގައެއް ނޫނެވެ. އޮޔާއި ވައިގައި ޖެހި، ބެހި، މަގުއޮޅި ގެއްލިގެނެއް ވެސް ނޫނެވެ.
އެހެން ނަމަވެސް މި އުފާވެރިކަމެއްގެ ވާހަކަ ކިޔައިދިނުމުގެ ކުރިން ތިޔަ އެންމެހާ ދިވެހިންގެ އިޒުނައާ އެކު ވަރަށް މުހިންމު އެހެން ވާހަކައެއް ކިޔައިދޭނަމެވެ. އެ ވާހަކައެއް ފަށަން ޖެހެނީ ތި އެންމެން ކުޑަކުދިންގެ ބަގީޗާއެކޭ ކިޔައި، ކުދިވެރިންތައް ގޮވައިގެން ހަފުތާ ބަންދަށް ޒިޔާރަތްކޮށް އުޅުނު، އަލްކަޓުރާސް އަދި ގުއަންޓަނަމޯ އަށް ވުރެ ވެސް އަނިޔާވެރި މި ޖަލުގެ ކުޑަގޮޅީގައި އޮތް ބްރޯއެއްގެ ވާހަކައިންނެވެ.
އަހަރެމެންގެ ފަހުރުވެރިވި ބްރޯއެވެ. ތި އެންމެންގެ ވެސް ބްރޯއެކެވެ.
އެކަމަކު އެހެން އޮތްވައި، ހަމަ ކުއްލިއަކަށް ބްރޯ ޖަލުން ގެއްލުނީ އެވެ. އެ ޚަބަރެއް ލިބުނުއިރު އަހަރެން އޮތީ ކުރިން މި ބުނި ޗަކަސް ޖަލުގެ ކުޑަގޮޅިއެއްގައި އަނދަގޮނޑި ޖަހައިފަ އެވެ. އަނދަގޮނޑި ޖެހީ، ހައިވެފައި އޮތް ބަނޑަށް ލާނެ އެއްޗެއް ފެނިގެން ފުންމައިގެން ދެވުނު ކަމަށްޓަކަ އެވެ. ބަލަ މަ މިއީ ޖަނަވާރެއް ނޫން ހެއްޔެވެ؟ ޖަނަވާރުންގެ ގޮތަކީ އެއީއެއް ނޫން ހެއްޔެވެ؟ އަނެއްކޮޅުން ކާ އެއްޗެއް ނުލިބި އެތައް ދުވަހެއް ވެފައި އޮތްވައި ކުކުޅު މަސްބުރިއެއް ދައްކައި ދަހިކޮށްލީމަ ދާނީ ފުންމައިގެނެއް ނޫން ހެއްޔެވެ.
ކޮންމެއަކަސް އެ ވާހަކައެއް ނޫނެވެ. ބްރޯގެ ވާހަކައެވެ.
ބްރޯ ޖަލުން ގެއްލުން ޚަބަރު ލިބުމުން އެންމެ ފުރަތަމަ އަހަރެން ހީކުރީ އެއީ "ދަ ގްރޭޓް އެސްކޭޕް" ކަމަށެވެ. އިންސާނުން ހަދައިގެން އުޅޭ ޖަލުތަކުން އިންސާނުން ފިލާ ގޮތް ދައްކުވައިދޭ ފިލްމުތައް މަވެސް ބެލީމެ އެވެ. ބްރޯ ވެސް ބަލާނެއެއް ނޫން ހެއްޔެވެ؟ އެއީ އަހަރެމެންގެ ސަގާފަތެއް ކަމަށްވީތީ އެވެ. ހިއްކަޑުވާ ބީޗުގެ "އެސްކޭޕް ކްލާސްތަކަށް" އަމާމެން އަހަރެމެން ފޮނުވިއިރު ވެސް ނަގައިދޭ ހަމައެކަނި ފިލާވަޅަކީ އެއީވިއްޔާށެވެ.
އެހެންކަމުން މި ބްރޯއެއް ޖަލުން ގެއްލުނު ޚަބަރު ލިބުމުން އަހަރެން ހީކުރީ، އިންސާނީ މޮޅު އުކުޅުތަކާއި ވިސްނުން ބޭނުންކޮށްގެން ބްރޯ ފިލީ ކަމަށެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ ބްރޯ ޖަލުން ފިލީ ކަމަށް ގަބޫލުކޮށް އަހަރެމެން ޗަކަސް ޕާޓީއަކަށް ރެޑީވަނިކޮށް އަހަރެމެންގެ ގޮޅިއަށް މަތިން އެއޮތް ވައްޓާލީ ބްރޯ އެވެ.
އެ މަންޒަރު ފެނި އަހަރެންގެ އަނގަ ހުޅުވުނީ ތަންމިނަކަށް ނޫނެވެ. އެ އަނގަ އިރައިގެން ދިޔައީ އެވެ. ވާނީވެސް އެހެނެއް ނޫން ހެއްޔެވެ؟ -- ބްރޯ އަކީ ލެޖެންޑެކެވެ. ޖަލުން ނުފިލުނަސް އަހަރެމެންގެ ކުރިމަތީގައި އެއޮތީ ލެޖެންޑެކެވެ.
އެކަމަކު ދޭން އޮތީ ހިތާމަވެރި ޚަބަރެކެވެ. ކުޑަކުދިންގެ ބަގީޗާގެ ކިނބުލޭ ކިޔުނު މި ބްރޯއެއްގެ ފޭނުން ދިވެހިންގެ ތެރޭގައި ވެސް ތިބިކަން އަހަންނަށް އެނގެ އެވެ. ބްރޯ އަށް ޖެހުނު ހާލާ މެދު ކަންބޮޑުވެ ރުއީ އަހަރެމެން އެކަނި ނޫންކަން ވެސް އެނގެ އެވެ. ބައެއް ދިވެހިންނަކީ ކޫލު ބައެކެވެ.
އެކަމަކު ހަރުހިލައީ ކިނބުލުގެ ހިތޭ ކިޔައި އަޑުގަދަކުރި ހިތްހެޔޮ ދިވެހިންގެ ބަޔަކު އަހަރެމެންގެ ބްރޯ ފުނޑައިލީ އެވެ. ހަފުތާއެއްވީއިރު ވެސް ބްރޯ އޮތީ ގޮޅިއަށް ވެއްޓުނުގޮތަށް ގުޑިވެސް ނުލަ އެވެ. އަހަރެމެން ތިބީ ބިރުން ޗަކަސް ފެނުގެ އަޑީގައި ފިލަ އެވެ.
އެހެން ތިއްބައި މަތިން ވައްޓާލި ދާގަނޑެއްގައި ބަންދުވެ މަރަށް ތެޅިގަނެވުނީ އެވެ. އެކަމަކު އަހަރެމެންގެ ބްރޯއެއްގެ މި ވާހަކައެއްގައި ޓްވިސްޓް އަންނަ ހިސާބަކީ މިއީ އެވެ.
ބްރޯ މަރެއް ނުވެ އެވެ. ބްރޯ އެމީހުންނާ ކުޅެލީ އެވެ. ކިނބުލުގެ ހިތްވަރަކީ އެވެ. އެއަށް ފަހު ލޯކުރިމަތީގައި ތަމްސީލުވެގެން ދިޔައީ އަހަރެންގެ އަމާ އަހަންނަށް ނަގައިދިން ފިލާވަޅެވެ. އެއީ ޝިކާރައިގެ އެންމެ މޮޅު އުކުޅެވެ.
ބްރޯ މަރުވީ ކަމަށް ނިންމައި، އަހަރެމެން ދަލުގައި ބަންދުކޮށް ގޮޅިތެރެއަށް ވަދެ ބްރޯގެ ނަގުލުގައި ހިފި މީހާ ފޮޅާލާފައި ގޮސް އޭނާގެ އަތުގެ މެދުހުޅުން ބުރިކޮށް ކާލީ އެވެ.
އެއަށްފަހު ދެންވީގޮތަކީ، އަހަރެމެން ގޮވައިގެން ބްރޯ ޗަކަސް ބިމުގެ އެ ޖަލުން ފިލީ ކަމަށް ގަބޫލުކުރެވެނީ ކަމުގައި ވަނީ ނަމަ ތިޔައީ މުޅިން ކުށްހީއެކެވެ. އަދި ބޮލަށް ބަޑިޖަހައި އަހަރެމެން އެންމެން މަރައިލީ ކަމަށް ގަބޫލުކުރެވޭ ނަމަ އެއީ ވެސް ކުށްހީއެކެވެ.
އަހަރެމެން މެރުން އޮތީ މާ ކުރިން ވެސް މަނާކޮށްފަ އެވެ. މި ރާއްޖެ އަށް އެރި ނުވަތަ ލެއްގި އެއްވެސް ކިނބުލެއް އެމީހުން ނުމަރަ އެވެ. އެއެންމެން ވެސް ބަންދުކޮށްފައި ތިބީ މިބުނާ ޗަކަސް ޖަލުގަ އެވެ. އަހަރެމެންގެ ގޮޅީގައި ބޮޑު މަންމަ ކިނބުލަކާ އެކު ހައެއްކަ އިތުރު ކިނބޫ ވެސް އޮތެވެ. އޭގެ ތެރޭގައި ބިޓުން ވެސް ތިއްބެވެ. މި ދިވެހިންނަށް އަހަރެމެންގެ ޖިންސު ވަކިކުރަން ނޭނގޭކަމަކީ ހަމަ ނަސީބެކެވެ.
ކޮންމެއަކަސް ޖަލުގައި އޮތް އަހަރެމެންގެ އާބާދީ އެއްގޮތަކަށް ވެސް ކުޑައެއް ނޫނެވެ. މަޖާކުރި ބަޔަކު މަޖާކުރީ އެވެ. އެއަށް ފަހު ބިސް އަޅަން ޖެހުނު ބަޔަކު ބިސް ވެސް އެޅި އެވެ. އެކަމަކު އަހަރެން އެއްވެސް އިރެއްގައި އެކަހަލަ ކަމެއް ނުކުރަމެވެ. އަހަރެން އެ ޖަލުގައި އަބަދުވެސް ޝައުގުވެރިވީ އަހަރެމެން އެގޮތަށް ބަންދުކޮށްގެން ސިއްރުގައި ގެންގުޅުމުގެ ސިއްރަށެވެ.
އެ ސިއްރު އަހަރެންގެ މި ކިނބޫ ސިކުނޑިއަށް ވިސްނުނީ ބްރޯ ގެނެސް ވައްޓާލި ހިސާބުންނެވެ. އަހަރެން މިއީ ޖަލުގެ 99 ވަނަ ގައިދީ އެވެ. ބްރޯގެނައީ 100 ވަނަ ގައިދީ ހަމަކުރުމަށެވެ. އެ ދުވަސްވަރަކީ މޯޑިސްގެ މީހުން އެކިޔާ ކިނބުލުގެ މޫސުމެއް ނޫނެވެ. އެހެންކަމުން 100 ވަނަ ކިނބުލެއް ހިފަން ބޭނުން ނަމަ އެމީހުން ޖެހޭނީ އާދައިގެ މަތިން އިތުރު އެއް އަހަރު މަޑުކުރާށެވެ.
އެކަމަކު އެގޮތަކަށް ދެން އިތުރަކަށް މަޑުކުރެވޭކަށް ނެތެވެ. މިވެރިންގެ ތެރޭގައި އޮތް މާ ކުރީގެ ގަބޫލުކުރުމެއްގެ ވަގުތު ހަމަވާން ކައިރިވެފައި އޮތީމަ އެވެ. ރަތް ހަނދުގެ ގުރުބާން ބޯމަތިވެފައި އޮތީމަ އެވެ. އެއީ ނުބައިވެގެންވާ ސިހުރުވެރި ގުރުބާނީ އެކެވެ. އެކަމަކު އަހަރު ދުވަހަކަށް މަޑުކޮށްފި ނަމަ އެއް ހާސް އަހަރަށް ފަހުގައި ނޫނީ މި ރަތް ހަނދެއް ދެން ދައްކައެއް ނުލާނެ އެވެ. ސައްތަ ހަމަކޮށް ސިހުރުގެ ކިޔެވުމާއި ކެއްކުން އަވަސްކުރަން މަޖުބޫރުވީ އެހެންވެގެންނެވެ.
އަހަންނަށް އެކަން އެނގޭ ކަމަކީ ރަތް ހަނދުގެ ގުރުބާނީއަކީ ކޮބައިކަން އަމާ އަހަަންނަށް ކުޑައިރު ކިޔައިދީފައި އޮތީމަ އެވެ. ރަތް ހަނދުގެ ގުރުބާނީ އަކީ އަހަރެމެންގެ ރަށް ސްރީ ލަންކާގެ ރައްޔިތުންގެ މެދުގައި ވެސް ވަރަށް މަޝްހޫރު ސިހުރެކެވެ. މި ސިހުރެއް ހަދައިގެން މީހުންގެ އުމުރު ދިގުކޮށް ހާސިލުކުރަން ބޭނުންވާ ކަންކަން ކުރުމަށް މަގުފަހިވެ، ކުރާ ކަމެއްގައި އުމުރު ދުވަހު ދެމިހުރެވޭނެ ކަމަށް އެބައިމީހުން ގަބޫލުކުރެ އެވެ.
އެކަމަކު މަންމަ އަބަދުވެސް ބުނީ އެއީ އަހަރެމެންނަށް އަނިޔާވެރިވެ އަހަރެމެންގެ މި ނަލަނަލަ ހަންގަނޑުގެ ދަހިވެތިކަމުގައި އިންސާނުން ކޮށްއުޅޭ ކަމެއް ކަމަށެވެ. ކޮންމެގޮތެއްވިޔަސް ގޮޅީގެ ކަނެއްގައި އެކަނިވެރިވެލައިގެން ތަންމިނަށް އަނގަހުޅުވައިގެން އޮތްވައި ބޮލަށް ވަން މި ހިޔާލަކުން މަގޭ އަނގަ ލެއްޕިއްޖެ އެވެ.
އެރިއިރާ އެކު ކިޔެވެލިތަކުގެ އަޑުން މުޅި ރަށް ގުގުމާލައިފި އެވެ. އަހަންނަށް ރަނގަޅަށް ހޭލެވުނުއިރު ފަހަރަކު ކިނބުލެއް ނަގައި މިބައި މީހުން އަހަރެމެން ކަތިލަމުން ގެންދަނީ އެވެ.
ގަތްބިރާ އެކު އަހަންނަށް ދުއާކޮށްލެވުނީ ބްރޯގެ ކުއްލި ހަމަލާއަކަށެވެ. އެއަށް ފަހު ބްރޯ ދިނީ ވިންކެކެވެ. ދެން ފެނިގެން ދިޔައީ ކްއެންޓިން ޓެރެންޓީނޯގެ ފިލްމެއްގައި ވެސް ނުފެންނަ ވަރުގެ ބޮޑު ލޭއޮހޮރުވުމެކެވެ. އަނެއްކާވެސް އަހަރެންގެ އަނގަ ހަމަ އިރައިގެން ދިޔައީ އެވެ.
އެއަށް ފަހު އެންމެން ބްރޯ ފަހަތުން ދުއްވައިގަތް މަންޒަރު ފެނިފައި އަނގަ ލައްޕައިގެން އަހަރެން ވެސް އެމީހުން ފަހަތުން ފޫކޮޅު އަނބުރަމުން ގޮސް މޫދަށް ފުންމާލައިފީމެވެ. ދެން އެ ލިބުނު އަރާމެއްގެ ވާހަކަ، ކުއްޔަށް ހިފާފައިވާ މިކަހަލަ ލިޔުންތެރިޔަކު ބޭނުންކޮށްގެން އަހަރެން ކިޔައިދޭނީ ކިހިނެތް ހެއްޔެވެ؟ އަސްލު އަހަރެން ބޭނުންވަނީ އަހަރެން އަމިއްލަ އަށް މި އަރާމެއްގެ ވާހަކަ މި ކީބޯޑަކުން ކިޔައިދޭށެވެ. އެކަމަކު އަމާ މަށަށް ދަސްކޮށް ނުދިން އެއްޗަކީ ކީބޯޑާ ކުޅޭނެ ގޮތެވެ.
އެކަމަކު ވެސް ވަރިހަމަ އެވެ. އެންމެފަހުން މިނިވަންކަން ލިބުނީ އެވެ. ޔުނީފޯމުގައި ތިބި ސިހުރުވެރިންނަށް ކެހި ލިބުނީ އެވެ.
ދެން މި އަންނަނީ އެއްކަލަ އުފާވެރިކަމުގެ ވާހަކަ އެވެ. ކުރިން ވެސް ބުނިހެން އަހަރެމެން މިއަދު މި ރާއްޖެއަކަށް އަރަނީ ނުވަތަ ބެހިގެން އައިސް ލައްގަނީ ވަކި މޫސުމެއްގައެއް ނޫނެވެ. ލައްގަނީކީއެއް ވެސް ނޫނެވެ. މޯޑިސް މިއީ މިއަދު އަހަރެމެންގެ ވެސް ގައުމެވެ. -- އޮންނާނީ ރަށެއް ހިފައިފަ އެވެ. ނިއުކްލިއާ އެޅިޔަސް ހުސްނުވާ ވަރަށް އޮންނާނީ ކިނބޫ ހަދައިފަ އެވެ.
ކޮންމެއަކަސް މި ރާއްޖެއަކުން އެންމެ ފުރަތަމަ ނުލިބުނު އަރާމާއި އުފާ އަދި މަޝްހޫރުކަން ވެސް އެންމެފަހުން އަހަރެމެންނަށް ލިބިއްޖެ އެވެ. އަނގައިގައި އަމިއްލަ އަށް ޓޭޕުއަޅައިގެން އުޅޭ ނޫސްވެރިން ވަނީ އަހަރެމެންގެ ރަށަށް ނަމެއް ވެސް ދީފަ އެވެ. -- ކިނބޫފުށްޓެވެ.
ލޮލްއެވެ.
ކިނބޫހިނިގަނޑެކެވެ.
އަޅާނުލާށެވެ. ދަރިންފަތި ގޮވައިގެން އަހަރެން މި ނުކުންނަނީ ޝިކާރައަށެވެ. ކިނބޫފުށްޓޭ ކިޔަސް ބަޔަކު މީހުންނަށް ހީވަނީ ސަމާސާއެއްހެނެވެ. އެހެންވީމަ ޕިކުނިކޭ ކިޔައިގެން ރަށަށް އަރައިގެން އުޅޭ މީހުންގެ ތެރެއިން އެކަކު ޖަހައިގެން ގެއްލުވާލީމަ އެ ވާހަކަ ޚަބަރަށް އަރާނެ ނޫން ހެއްޔެވެ؟
އަދި އެހެން ވާހަކައެކެވެ. ބްރޯ އެބަ އުޅެ އެވެ. ބްރޯ އަކީ ލެޖެންޑެކެވެ. ބްރޯ ފަތަމުން އެ ގެންދަނީ މީގެ ވިއްސަކަށް އަހަރު ކުރިން އެސޮރު ހިފައި ހައްޔަރުކުރި ރަށަށްދާށެވެ. ކުރީގެ ހަނދާނެއްގައި ބައްދައިގަތުމަށެވެ. އޮޅުލައި ރޮއިގަތުމަށެވެ.
އެހެންވީމަ އަހަރެމެންގެ މި ވާހަކަ އަދި ނިމުނީކީއެއް ނޫނެވެ. ނިންމާލަނީ އެވެ. ކުރިއަށް އޮތީ ބްރޯ އެޑްވެންޗާ އެވެ. މި ވާހަކައިގެ އަސްލު ބަތަލަކީ އެއީ ކަމަށްވާތީ އެވެ.