ވިޔަފާރި

ބޯޓިން އެވޯޑްސްގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

  • މެއިން ސްޕޮންސަރަކީ ގަލްފް ކްރާފްޓް
  • އޮންލައިން މީޑިޔާ ޕާޓްނަރަކީ އަވަސް
  • ވޯޓުދޭން އަންނަ މަހު ހުޅުވާލާނެ

މި އަހަރު ބާއްވާ "މޯލްޑިވްސް ބޯޓިން އެވޯޑްސް 2016" ގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއެކު އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ (ލޭމް) ގެ ރަސްމީ އެވޯޑުގެ ގޮތުގައި ސަފާރީ ބޯޑު ފަހަރަށްދޭ މި އެވޯޑު އިންތިޒާމު ކުރަނީ ދިވެހި ކުންފުންޏެއް ކަމަށްވާ "ޔުނިކާ" އިންނެވެ. މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި ޔުނިކާގެ ޑިރެކްޓަރު ހަސަން ސާއިގް ޝަރީފް އެވެ. އަދި ޕާޓްނަރުންގެ ފަރާތުން ސޮއިކުރެއްވީ އިސް ފަރާތްތަކެވެ.

ބޯޓިން އެވޯޑުގެ ޕާޓްނަރުން

  • މެއިން ސްޕޮންސަރު: ގަލްފް ކްރާފްޓް
  • ކޯ-ސްޕޮންސަރު: އެލައިޑް އިންޝުއަރެންސް
  • ކޯ-ސްޕޮންސަރު: އެފްއެސްއެމް
  • ކޯ-ސްޕޮންސަރު: އެމްޓީސީސީ
  • އެސޯސިއޭޓް ސްޕޮންސަރު: ވީއޭއެމްކޯ
  • ހޮޓެލް ޕާޓްނަރު: ޗަމްޕާ ހޮޓެލްސް
  • ޕްރިންޓް ޕާޓްނަރު: އެމް އެކްސް ސައިން
  • މީޑިޔާ ޕާޓްނަރު: ސަންގު ޓީވީ
  • މީޑިޔާ ޕާޓްނަރު: އަވަސް އޮންލައިން

އެވޯޑު އިންތިޒާމުކުރާ ޔުނިކާއިން ބުނީ ބޯޓިން އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށާއި، އެވޯޑަށް ނޮމިނޭޝަންތައް ފޮނުވުމުގެ މުއްދަތު އިތުރުކުރީ ބައެއް ކެޓަގަރީތަކުން ނަން ފޮނުވުމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކަމަށާއި، މިހާތަނަށް ނޮމިނޭޓް ކޮށްފައިވާ ފަރާތްތަކުގެ ނަންތައް "ބޯޓިން އެވޯޑްސް ޑޮޓް އެމްވީ" ގެ ވެބްސައިޓުގައި އަޕްލޯޑް ކުރަން ވަނީ ފަށާފަ އެވެ.

ބޯޓިން އެވޯޑަކީ ރާއްޖޭގެ މެރިން އިންޑަސްޓްރީއަށް ހާއްސަކޮށް ސަފާރީ އިންޑަސްޓްރީއަށް ދޭ ހަމައެކަނި އެވޯޑެެވެ. މި އެވޯޑު 25 ކެޓަގަރީއަކުން ދޭނެ އެވެ. މި އެވޯޑަށް އޮންލައިންކޮށް ވޯޓު ދެވޭއިރު، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ފުރުސަތު ހުޅުވާލާނެ އެވެ. އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.