ހަބަރު

ޝަކުވާއާ ގުޅިގެން އެމްބީއޭ އިންތިހާބު ނުބާއްވަން އަންގައިފި

މިމަހު 20 ވަނަ ދުވަހު ބާއްވަން ޝެޑިއުލް ކުރި ބާސްކެޓްބޯޅަ އެސޯސިއޭޝަން (އެމްބީއޭ) ގެ އިންތިހާބު އެ ތާރީހުގައި ނުބޭއްވުމަށް ހޯމް މިނިސްޓްރީން މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއަށް މިއަދު އަންގައިފި އެވެ. މިހެން އެންގި އިރު އެ އިންތިހާބާ ބެހޭ އެއްވެސް ކަމެއް އަދި ކުރިއަށް ނުގެންދިޔުމަށް ވެސް އަންގާފައި ވެއެވެ.

ހޯމް މިނިސްޓްރީން މިއަދު އޮލިމްޕިކް ކޮމެޓީއަށް ފޮނުވި ސިޓީއެއްގައި ބުނަނީ އެމްބީއޭގެ އިންތިހާބުގެ ކަންކަމުގައި އެހީތެރުވުމަށް މިދިޔަ މަހުގެ 13 ވަަނަ ދުވަހު އޮލިމްޕިކް ކޮމެޓީގައި އެމްބީއޭއިން އެދިފައިވީ ނަމަވެސް އޮލިމްޕިކް ކޮމެޓީއާއެކު މަޝްވަރާކޮށްފައިވާ ގޮތާ ހިލާފަށް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާ ކަމުގެ ޝަކުވާ މިދިޔަ އާދިއްތަ ދުވަހު އެމްބީއޭއިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން އިންތިހާބުގެ ކަންކަން އެމްބީއޭގެ ހިންގާ ގަވައިދާ އެއްގޮތަށް ކުރިއަށް ނުދާ ކަމަށް އެމްބީއޭއިން މިއަދު ބުނެފައިވާ ކަމަށެވެ.

އިންތިހާބާ ގުޅޭ ޝަކުވާތަކެއް ހުށަހެޅިފައިވާތީ އިންތިހާބު ނުބޭއްވުމަށް މިނިސްޓްރީން އަންގާފައިވާއިރު މި އިންތިހާބުގައި އެ ޖަމިއްޔާގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމާފައިވަނީ އެމްއާރްޑީސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓާ އަހްމަދު މަމްދޫހް (މަންޑޭ) އާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާނާއި އަހުމަދު އާދަމެވެ.

އިންތިހާބު ނުބާއްވަން އެންގި އިރު ނައިބު ރައީސް ކަމަށް މިހާރުގެ ސެކްރެޓަރީ ޖެނަރަލް އާރިފް ރިޒާ އާއި ހޭންޑްބޯލް އެސޯސިއޭޝަންގެ ރައީސް އަހްމަދު އިސްމާއިލްގެ ކޮއްކޮ ހަސަން އިސްމާއިލް ވެސް ވަނީ ކުރިމަތިލައްވައިފައި ވެއެވެ.

ވޭތުވެދިޔަ 21 އަހަރު އެމްބީއޭގެ ރައީސް ކަމުގެ މަގާމު ފުރުއްވި އަހްމަދު ހާފިޒު ވަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް އިއުލާން ކޮށްފަ އެވެ.

އެމްބީއޭގެ ދައުރު މިދިޔަ މަހުގެ 15 ގައި ހަމަވި ނަމަވެސް، ހޯމް މިނިސްޓްރީން ވަނީ އިންތިހާބު ބޭއްވުން ތިން މަސް ދުވަހަށް ފަސްކޮށް، އެމްބީއޭގެ ދައުރު އިތުރުކޮށްދީފަ އެވެ.

އޭގެ ފަހުން އެމްބީއޭއިން ވަނީ އިންތިހާބު ބޭއްވުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ މެދުވެރިކޮށް ދުނިޔޭގެ ބާސްކެޓްބޯލް ފެޑްރޭޝަން (ފީބާ) ގެ ލަފައަކަށް އެދިފަ އެވެ. ފީބާއިން އަންގާފައިވަނީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމަށެވެ. އެއަށްފަހު މޯލްޑިވެސް އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކޮމިޝަންގެ އޮފީހުން ވަނީ އިންތިހާބު ބޭއްވުމަށް 21 ދުވަސް ކަނޑައަޅައި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ތިން މެންބަރުންގެ ކޮމިޓީީއެއް އެކުލަވާލާފަ އެވެ.