ރާއްޖެ ކުޅިވަރު

10 ކުޅުންތެރިންނާއެކު އީގަލްސް، ޓީސީ ހިފަހައްޓައިފި

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިއަދު 10 ކުޅުންތެރިންނާއެކު އީގަލްސް އިން ޓީސީ ލަނޑެއް ޖެހިޔަނުދީ 0-0އިން މެޗު އެއްވަރުކޮށްފި އެވެ.

ޓޭބަލުގެ އެއްވަނާގައި އޮތް އީގަލްސް 10 ކުޅުންތެރިންނާއެކު މެޗު ފުރިހަމަ ކުރަން ޖެހުނީ 70 ވަނަ މިނިޓްގައި އެ ޓީމުގެ ކެޕްޓަން އަދި ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓް)ގެ ކަކުލަށް އަނިޔާވެ އަށިގަނޑުގައި ބާލައި ހޮސްޕިޓަލަށް ގެންދަން ޖެހުމުންނެވެ. އޭނާ ބާލަން ޖެހުނުއިރު އީގަލްސްގެ ތިން ބަދަލުވަނީ ހަމަވެފަ އެވެ.

މި މެޗުގައި ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ހުސް ފުރުސަތު ލިބުނެވެ. އީގަލްސްގެ މެސެޑޯނިއާ ފޯވަޑް ރިސްޓޭ ނައުމޯ ހުސްކޮށް ޖަހަން އުޅުނު ބޯޅަ ބްލޮކް ކުރީ ޓީސީގެ ޑިފެންޑަރު އަހުމަދު އަބުދުﷲ (ލިލީ) އެވެ. އޭގެ ފަހުން ޓީސީގެ ހަސަން ނާއިޒް (ދާދު) ދެ ކުޅުންތެރިން ގައިން ނައްޓާފައި ޖެހި ބާރު ބޯޅަ ބޭރަށް ދިޔައީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.

މުޅި މެޗުގައި ވެސް އީގަލްސް އަށްވުރެ ރަނގަޅަށް ކުޅުނީ ޓީސީ އެވެ. އަދި ލަނޑު ޖަހަން ގިނަ ފުރުސަތުތައް ހޯދީ ވެސް އެ ޓީމުންނެވެ. ނަމަވެސް އީގަލްސް ސަލާމަތްކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ އެ ޓީމުގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ އެވެ.

މި މެޗުން މޮޅުވުމުން އީގަލްސް އެއްވަނާގައިވަނީ 27 ޕޮއިންޓާއެކުގަ އެވެ. ޓީސީ ތިން ވަނާގައިވަނީ 24 ޕޮއިންޓާއެކުގަ އެވެ. މިހެންވުމުން މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން ދެ ވަނާގައިވާ މާޒިޔާ މޮޅުވެއްޖެނަމަ 28 ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނަ ލިބޭނެ އެވެ. ޔުނައިޓެޑް ވިކްޓަރީ އޮތީ 15 ޕޮއިންޓާއެކު ފަސް ވަނާގަ އެވެ.