ލައިފްސްޓައިލް

ދުވަން ދާންވީ ރޭގަނޑަކު ނޫން، ހެނދުނު

Aug 20, 2016

ކަސްރަތުކޮށް ދުވަން ދިއުމަކީ ގިނަ މީހުންނަށް ބޮޑުކަމަކަށްވެފައިވާ ކަމެކެވެ. ކަންނެތްކަން ފިލުވާލާ މޯޓިވޭޓްވެ ދުވަން ދާން ނުކުންނަ ގިނަ މީހުންވެސް އިހުތިޔާރު ކުރަނީ ރޭގަނޑުގެ ވަގުތެވެ. ދުވާލުވީމަ ގިނަ މީހުންނަށް ފެނިދާނެތީއެއް ނޫނެވެ. ހެނދުނު ހޭލަން މަސައްކަތަކަށެވެ. ހެނދުނު އެނދުން ތެދުވެވެނީ އޮފީހަށްދާ ގަޑި ޖެހެން 15 މިނެޓަށް ވީމަ އެވެ. ގިނަ ދިވެހިންގެވެސް ހާލަކީ މިއީ އެވެ.

އެންމެ ފަހުން ރޭގަނޑަށް ދުވަންދާން ނިންމަނީ އެވެ. ގަބޫލުކުރަނީ މިގޮތެވެ. ކޮންމެ ގަޑިއަކު ދުވިޔަސް ފައިދާވާނީ ހަމަ އެއްވަރަކަށެވެ. ތެދެކެވެ. އެއް ގޮތަކުން ބަލާނަމަ މިއީ ރަނގަޅު ވާހަކަ އެކެވެ. ކޮންމެ ވަގުތަކު ދުވިޔަސް ހަމަ ދުވަނީތާ އެވެ. އެކަމަކު ހަގީގަތަކީ ހެނދުނުވަގުތު ދުވަން ނުކުމުން ލިބޭ ފައިދާ ރޭގަނޑު ދުވުނީމަށްވުރެ ފައިދާ ބޮޑު ކަމެވެ.

ސިކުނޑި ހުޅުވި ފޯކަސް ކުރަން ފަސޭހަވާނެ

މިއީ އެތައް ޒަމާނެއް ވަންދެން ސައިންސްވެރިން ދިރާސާކުރުމަށްފަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ވާހަކަ އެކެވެ. އޭގައި ބުނެފައިވަނީ ހެނދުނު ހޭލައިގެން ދުވުން ނުވަތަ އެރޮބިކްސް ކަހަލަ ކަސްރަތެއް ކުރާނަމަ އެދުވަހު ކަންކަމަށް ފޯކަސްކޮށް ސަމާލުކަން ދޭން އެހީތެރިވެދޭ ކަމަށެވެ. އަދި މިކަމަކީ ހަނދާން ވަރުގަދަކޮށްދޭ ކަމެއް ކަމަށްވެސް ވެ އެވެ. އެހެން ވީމަ އޮފީހަށް ދިއުމުގެ ކުރިން ނުކުމެ ދުއްވައި ގަންނަންވީ އެވެ. މުޅި ދުވަހު ވާނުވާ ނޭނގި އިންނަން ޖެހޭ ނިމުމަށް އައިސް ކަންކަމަށް ސަމާލުކަންދެވޭ މިންވަރު އިތުރުވާނެ އެވެ.

ހެނދުނު ހޭލައިގެން ދުވަން ނުކުތުމަކީ ދުވަހުގެ މޫސުމަށް ތައްޔާރުވެލަންވެސް ލިބޭ ވަގުތެކެވެ. ތެޅިފޮޅެގަނެގެން އޮފީހަށް ދާން ނުކުންނަ އިރު ވާރޭ ވެހޭކަން އެނގުނީމަ ކުޑައެއް ހޯދަން ހަނދާންވަނީވެސް ހާސްވެގެން ދާހިއްލާ ފޯވާ ފަހުންނެވެ. އެވަގުތު ދެން ޓެކްސީއެއް ހޯދަން އުޅުމަށްވުރެ ބޮލަށް ފަސޭހަ ވާނީ ހޯދަން ނޫޅުމެވެ.

ހެނދުނު ހޭލައިގެން ފެންވެރުމުގެ ކުރިން ދުވަން ދާނަމަ އެކަމަކީ ހަންގަނޑުގައި މަރުވެފައި ހުންނަ ސެލްތައް ހަންގަނޑުގެ މައްޗަށް އަރައި ހަންގަނޑުން ބޭރު ކުރަން އެހީތެރިވެދެ އެވެ. މީހާގެ ތާޒާކަން އިތުރުކޮށްދެ އެވެ. ދުވަންދާއިރު އިރުގެ އަލިން ރައްކާތެރިވާން ބޭނުންނަމަ އެފަދަ ކްރީމެއް ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ހެނދުނު ގަޑީގައި ދޭ އަތްވަކީ ހަށީގަނޑަށް ފައިދާހުރި އަތްވެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވި އެވެ.

ހެނދުނު ގަޑީގައި ވެފައި ތިހުންނަ ކަންނެތްކަންވެސް ފިލައި މީހާ މުރާލިކޮށްލައިދެ އެވެ. ކޮފީއިން ހަށިގަނޑަށް ލިބޭ ފައިދާ އާ އެއް ވަރަކަށް ހެނދުނު ގަޑީގައި ދުވަން ނުކުތުމުން ހަށިގަނޑަށް ފައިދާ ލިބޭ ކަމަށް އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލްގެ ކުރީގެ ސީނިއާ މެޑިކަލް އޮފިސާ ޑރ. ޓީނާ ވިދާޅުވެ އެވެ.