ވިޔަފާރި

ސައިންސަށް ހޭލުންތެރި ކުރަން އުރީދޫއިން ކުޑަކުދިންގެ ހަވީރެއް

Aug 19, 2016

ކުޑަކުދިން ސައިންސާއި ޓެކްނޮލޮޖީއަށް ހޭލުންތެރި ކުރުވަން އުރީދޫން މިއަދު ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

އުރީދޫން ބުނީ އެ ކުންފުނިން ކުޑަކުދިންގެ ބަގީޗާގައި ބާއްވާ "ސައިޓެކް ކިޑްސް" އިވެންޓަކީ، ކުޑަކުދިންނަށް ހާއްސަ ކުރެވިފައިވާ އެކްސްޕެރިމަންޓްތަކާއި، ކުޅިވަރުތައް މެދުވެރިކޮށް، ސައިންސާއި ޓެކްނޮލޮޖީއަށް އެކުދިން އަހުލުވެރިކޮށް، އެކަންކަމާއި މެދު ކުދިންގެ ޝައުގުވެރިކަން އިތުރުކުރުމުގެ އަމާޒުގައި ބާއްވާ ހަރަކާތެއް ކަމަށެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖާ ޕީއާރް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ ޑިޖިޓަލް ރާއްޖެއެއް ބިނާ ކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތަކެއް ކުރަމުންދާ ކަމަށެވެ.

"ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތައް މެދުވެރިކޮށް، އުރީދޫ އިން ދަނީ ޑިޖިޓަލް މޯލްޑިވްސް އެއް ގާއިމް ކުރުމުގެ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެމުން. މިއަދުގެ ޑިޖިޓަލް ދުނިޔޭގައި، ފަހި މުސްތަގްބަލެއް ބިނާ ކުރުމުގައި،" ނޫރާ ވިދާޅުވި އެވެ.

"ސައިންސް އަދި ޓެކްނޮލޮޖީގެ ދައުރު ވަނީ ލާޒިމްވެފައި. މިގޮތުން، ކުރިއަށް އޮތް ޖީލަކީ އުފެއްދުންތެރި އަދި ޑިޖިޓަލް ޓެކްނޮލޮޖީތަކާއި ވިސްނުންތަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމަށްޓަކައި، ސައިންސް އަދި ޓެކްނޮލޮޖީ އަށް ކުޑަކުދިންގެ ޝައުގުވެރިކަން އިތުރު ކުރާނެ ފަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުން މުހިއްމު. އަޅުގަނޑުމެންގެ އުއްމީދަކީ ސައިޓެކް ކިޑްސް އަކީ ކުދިންނަށް މަޖާ އަދި ފައިދާ ހުރި ތަޖުރިބާ އަކަށް ވުން،"

ސައިޓެކް ކިޑްސް އިވެންޓް އޮންނާނީ މިއަދު ހަވީރު 4.00 އިން ފެށިގެން، ކުޑަކުދިންގެ ބަގީޗާގަ އެވެ.