އޮފްބީޓް

އިންޑިއާ ޓީވީ ޑްރާމާއެއް ކަމުނުގޮސްގެން ބަންގާޅުގައި ބޮޑު މާރާމާރީއެއް

Aug 19, 2016
2

މިފަހަރު ބަންގާޅުގައި ޖެހުނީ ދީނާ ހިލާފު ވާހަކަތައް ފަތުރާ ބްލޮގަރެއްގެ މައްސަލައެއް ނޫނެވެ. އިންޑިއާގެ ޓީވީ ޑްރާމާއެއްގެ ޕްލޮޓް ބަޔަކު މީހުންނަށް ކަމުނުގޮސްގެން މާރާމާރީ ހިންގައި ސަތޭކަ އެތައް ބަޔަކު ޒަޚަމްކޮށްލީ އެވެ.

ވެރިރަށް ޑާކާގެ ހުޅަނގު އުތުރު ބިތުން 176 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމުގައިވާ ދޯލްގެ ސައި ހޮޓަލެއްގައި ޒުވާބެއް ހޫނުވެ ލަޓިބުރިއާއި ވަޅިން ހަމަލާ ދީ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައި ވަނީ އިންޑިއާގެ ބެންގާލީ ފެންޓަސީ ޑްރާމާއެއް ކަމުގައިވާ "ކިރަންމަލާ" ބެލުމަށް ސައިހޮޓަލަށް ވަދެތިބި މީހުންގެ ތެރެއިން ދެ މީހަކު އޭގެ ޕްލޮޓާ މެދު ހިތްހަމަނުޖެހިގެން ފެށި އަރާރުމަކުންނެވެ. ޑްރާމާގައި ވާން ޖެހޭނެ ގޮތަކީ މިއީއޭ ކިޔާފައި ދެ މީހުން ފެށި ޒުވާބުގެ ތެރެއަށް އިތުރު މީހުން ވަދެ ކޮޅުކޮޅު ނަގައި އެންމެފަހުން ބޮޑު މާރާމާރީއަކަށް ބަދަލުވީ އެވެ.

އާޙިރުގައި ޑްރާމާއިން ވީގޮތެއް ވެސް އެމީހުންނަކަށް ނޭނގުނެވެ. ފުލުހުންނަށް އެ ސަރަހައްދަށް ދެވުނުއިރު 15 މީހަކު އޮތީ ޒަޚަމްކޮށް ސީރިއަސް ހާލަތުގަ އެވެ.

އެ މާރާމާރީ ފުލުހުންނަށް ރޫޅާލެވުނީ ރަބަރު އުންޑަ އާއި ގިނަ އަދަދަކަށް ކަރުނަ ގޭސް ވެސް ޖަހައިގެންނެވެ. މި މާރާމާރީއެއްގެ އެންމެ އާދަޔާހިލާފު ކަމަކީ، އެ ހަމަނުޖެހުމެއް ގާތްގަނޑަކަށް ދެ ދުވަހަށް ދިގުދެމިހެން ދިއުމެވެ. މިދިޔަ ބުދަ ދުވަހު ފެށުނު ހަމަނުޖެހުން ކޮންޓްރޯލްކުރެވުނީ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.

އިންޑިއާގެ ޑްރާމާއެއް ކަމަށްވިޔަސް "ކިރަންމަލާ" އަކީ ބަންގާޅުގައި އެންމެ މަޝްހޫރު ޓީވީ ޑްރާމާ އެވެ. މިއީ ސައިންސް ފިކްޝަން ފެންޓަސީ ޑްރާމާއެކެވެ. ޑްރާމާގައި ދައްކުވައިދޭނީ ކިރަންމަލާ ނަމަކަށް ކިޔާ ޕްރިންސަސް އަކާއި ނުބައި ނުލަފާ ސިހުރުވެރި އަންހެނެއްގެ ކުރިމަތިލުންތަކެވެ.

މި ޑްރާމާއެއްގެ މަގްބޫލުކަން ބަންގާޅުގައި އާދަޔާހިލާފަށް ބޮޑުވެފައިވާ މިންވަރަކީ އޭގެ ސަބަބުން މީގެ ކުރިން އެގައުމުގައި ބައެއްގެ ފުރާނަ ގެއްލިފައިވާ ކަމެވެ. ޑްރާމާގައި ދައްކުވައިދޭ ޕްރިންސަސް ލައިގެން ހުންނަ ކަހަލަ ހެދުންތަކެއް ނުލިބިގެން އެގައުމުގެ ދެ އަންހެން ކުއްޖަކު ދަންޖެހިގެން އަމިއްލަ އަށް މަރުވެފައި ވެސް އެބަހުއްޓެވެ.