ރާއްޖެ ކުޅިވަރު

ގައްބެ، ދުނިޔޭގެ ތަރިންނާ ވާދަ ކުރަން ތައްޔާރު!

މި މަހުގެ 27 އިން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ކްރޮއޭޝިއާގައި ބާއްވާ މަޝްހޫރު ސެއިލިން ޗެމްޕިއަން މުބާރާތެއް ކަމަށްވާ " ޓޮޕްކެޓް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕަށް" އަބްދުލްޣަފޫރު އަލީ (ގައްބެ) ތައްޔާރުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތު ކުންފުނި ކަމަށްވާ ދިރާގު ބްރޭންޑް އެމްބެސެޑަރު ގައްބެ، ޓޮޕްކެޓް ވޯލްޑް ސެއިލިން ޗެމްޕިއަންޝިޕަށް ވެފައިވާ އެންމެ ފަހުގެ ތައްޔާރީތަކުގެ މައުލޫމާތު ދިނުމަށް ދިރާގުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނީ ދުނިޔޭގެ ޗެމްޕިއަނުންނާ ވާދަކުރާ މުބާރާތަކަށް ތައްޔާރުވުމަށް އެންމެ އެކަށީގެންވާ ވަގުތު ނުލިބުނު ނަމަވެސް މުބާރާތައް ތައްޔާރުވެފައިވާ ކަމަށެވެ.

ރާއްޖެ ވަށައި ކަޓަމަރާންއެއްގައި ބުރު ޖަހައިގެން ދިވެހިންގެ ހިތްތައް ފަތަހަ ކޮށްފައިވާ ގައްބެ ބުނި ގޮތުގައި ކުޑަ ދުވަސްކޮޅުތެރޭގައި ކުރި މަސަތްކަތުން ދަތުރުގެ ހުރިހާ ހަރަދެއް ހަމަޖެހިފައިވާ ކަމަށާއި، މި ދަތުރައް ދިރާގާއި ތިލަފުށި ކޯޕަރޭޝަން، ޓާކިޝް އެއާލައިންސް އާއި ޔޫތު މިނިސްޓްރީ ވޯޓާ ސްޕޯޓްސް ވޯލްޑާއި ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުންގެ އިތުރުން ފޮރިން މިނިސްޓްރީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށެވެ.

މި ނިއުސް ކޮންފަރެންސުގައި ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ވިދާޅުވީ ރާއްޖެ ތަމްސީލްކުރާ ދިވެހި އެތުލީޓުންނަށް އެހީވުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެއް ކަމަށާއ، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ދިވެހި އެތުލީޓުން ރަނގަޅު ނަތީޖާތަކެއް ހޯދަމުންދާ ކަމަށެވެ.