ހޮލީވުޑް

އޮސްކާ ހަފުލާގެ ކުރިން: އެންމެ މޮޅު ފިލްމާއި ތަރިން

މި ރެއަކީ އޮސްކާގެ ރެއެވެ. ހޮލީވުޑްގެ މަޝްހޫރު ޑޮލްބީ ތިއޭޓަރުގައި މިރޭ ކުރިއަށް ދާނީ އޮސްކާގެ 87 ވަނަ އެވޯޑް ހަފުލާ އެވެ. މިފަހަރުގެ ހަފުލާ ހުށަހަޅައި ދޭނީ ނީލް ޕެޓްރިކް ހެރިސް އެވެ.

އެހެންވީމަ އޮސްކާގެ ވާހަކަ، އޭގެ ހޯސްޓުން ފަށައިގަންނަމާ ހިނގާށެވެ. އަހަރެމެން އެންމެނަށް ވެސް އޭނާ އެންމެ މަޝްހޫރީ ބާނީ ޝްޓިންސަންގެ ނަމުންނެވެ. އެއީ "ހައު އައި މެޓް ޔުއާ މަދާ" ގައި މިދިޔަ އަހަރާ ހަމަ އަށް ކުޅުނު ރޯލުގެ މަގްބޫލުކަމުންނެވެ.

ހެރިސް މިރޭ އޮސްކާގެ ސްޓޭޖަށް އަރާއިރު މިއީ ހޯސްޓެއްގެ ގޮތުގައި އޭނާ އޮސްކާގެ މި ކުލަގަދަ ރަސްމިއްޔާތުން ފެނިގެންދާ ފުރަތަމަ ފަހަރެވެ. މީގެ އޭނާ ހުށަހަޅާފައިވާ މި ފެންވަރުގެ އެވޯޑް ހަފުލާތަކަކީ އެމީ އާއި ޓޯނީ އެވޯޑްސް އެވެ. އެ ދެ ފަހަރު ވެސް އޭނާ އަށް ތައުރީފު އޮހުނެވެ.

އެހެންވީމަ އެންމެން ވެސް ބުނަނީ ނީލް ޕެޓްރިކް ހެރިސްއާ އެކު މިރޭ ފޯރިގަދަ އޮސްކާ ހަފުލާއެއް ބޭއްވޭނެ ކަމަށެވެ.

މިރޭގެ ހަފުލާގައި ލަވަކިޔުންތެރިއެއްގެ ގޮތުގައި ވެސް ހެރިސް ފެނިގެންދާނެ އެވެ. އޭނާގެ އިތުރުން ދެން ޕާފޯމްކުރަން ހަމަޖެހިފައިވާ މަޝްހޫރު ތަރިންތަކުގެ ތެރެއިން ފާހަގަކޮށްލެވެނީ އާދައިގެ މަތިން އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑަށް ވާދަކުރާ ފަންނާނުންނެވެ. މިފަހަރުގެ ލިސްޓްގައި އެޑަމް ލެވީން އާއި ޖޯން ލެޖެންޑް އަދި ރީޓާ އޯރާ ހިމެނެ އެވެ.

ހާއްސަ ފެނިލުންތަކެއްގައި ސްޓޭޖަށް އަރައި ޕާފޯމްކުރާ ފަންނާނުންގެ ތެރޭގައި ލޭޑީ ގާގާ އާއި ޖެކް ބްލެކް އަދި ޖެނިފާ ހަޑްސަން އާއި އެނާ ކެންޑްރިކް ފަދަ ފަންނާނުން ހިމެނެ އެވެ.

ދެން މި އޮތީ ހަފުލާގެ އެންމެ ޝަރަފްވެރި ވަނަތަކަށް ވާދަކުރާ ފަރާތްތަކުގެ ވާހަކަ އެވެ. އެންމެން ވެސް ބުނަނީ މިއީ ބޯއިހުޑް އާއި ބާޑްމޭންގެ ކުރިމަތިލުމެއް ކަމަށެވެ.

މި ދެ ފިލްމުގެ އިތުރުން ޝަރަފްވެރި، އެންމެ މޮޅު ފިލްމުގެ އެވޯޑަށް ވާދަކުރަނީ އެމެރިކަން ސްނައިޕާ އާއި ދަ ގްރޭންޑް ބުދަޕެސްޓް ހޮޓެލް އަދި ދަ އިމިޓޭޝަން ގޭމް އާއި ސެލްމާގެ އިތުރުން ދަ ތިއަރީ އޮފް އެވްރިތިން އަދި ވިޕްލޭޝް އެވެ.

މި ރޭހުގެ ކުރީގައި ބޯއިހުޑް އާއި ބާޑްމޭން އޮތްއިރު މި ދެ ފިލްމަކީ ޑައިރެކްޓަރުންގެ ކެޓަގަރީގައި ވެސް ވަނަ ގެންދާނެ ކަމަށް ބެލެވޭ ދެ ފަންނާނުންނެވެ. ބޯއިހުޑް އަކީ އާދަޔާހިލާފު ފިލްމުތަކަށް މަޝްހޫރު ރިޗަޑް ލިންކްލޭޓާ އެވެ. އޭނާ މިފަހަރު ގެނެސްދީފައިވާ ފިލްމަކީ 12 އަހަރު ދުވަހުގެ މަސައްކަތެވެ.

"ބާޑްމޭން" އަކީ މެކްސިކޯގެ މަޝްހޫރު ޑައިރެކްޓަރު އަލެހަންޑްރޯ ގޮންޒާލޭޒް އެވެ. އޭނާގެ ފިލްމުތަކަކީ އަބަދުވެސް އޮސްކާގެ ރޭހުގައި ވާދަކުރާ ފިލްމުތަކެވެ.

ހޮލީވުޑްގެ ތަޖުރިބާކާރުން ބުނަނީ އެންމެ މޮޅު ފިލްމާއި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަކީ ލިންކްލޭޓާ އާއި ގޮންޒާލޭޒްގެ މަސައްކަތަށް ބެހިގެންދާނެ ދެ އެވޯޑް ކަމަށެވެ.

މި ނަމަށް ފަހު ދެން އެންމެ ފުރުސަތު ބޮޑީ ދަ ގްރޭންޑް ބުދަޕެސްޓް ހޮޓަލް އަށެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ އެންމެ މޮޅު ފިލްމުގެ އެވޯޑްގެ ރޭހުގައި ބޯއިހުޑް އާއި ބާޑްމޭން ފިޔަވައި އިތުރު އެހެން ފިލްމަކަށް ފުރުސަތު ނެތް ކަމަށެވެ.

އެވޯޑް ރޭހަށް ބަލާލާއިރު އެންމެ ގިނަ ނޮމިނޭޝަންސް ލިބިފައިވާ އެއް ފިލްމަކީ ވެސް ބާޑްމޭން އެވެ.

އެ ފިލްމު ނުވަ ކެޓަގަރީއަކަށް ވާދަކުރާއިރު ޑައިރެކްޓަރު ވެސް އެންޑަސަންގެ "ބުދަޕެސްޓް ހޮޓެލް" ވެސް ނުވަ ކެޓަގަރީއަކުން އެވޯޑަށް ވާދަކުރެ އެވެ.

ބޯއިހުޑް އާއި ކްލިންޓް އީސްޓްވުޑްގެ ދަ އެމެރިކަން ސްނައިޕާ އަށް ލިބިފައި ވަނީ ހަ ނޮމިނޭޝަނެވެ.

މި ލިސްޓަށް ބަލާއިރު ބައެއް ފަރާތްތަކުން ބުނަނީ ހަފުލާގެ ޑާކްހޯސްއަކަށް ވުމުގެ ފުރުސަތު އެންމެ ބޮޑީ އެމެރިކަން ސްނައިޕާ ކަމަށެވެ. މިއީ އިރާގު ހަނގުރާމައާ އެއްކޮޅު، އަދި އެމެރިކާގެ ގައުމީވަންތަކަމާ ވެސް ނިކަން ބޮޑަށް ގުޅިފައި އޮތް ފިލްމެކެވެ.

އަނެއްކޮޅުން ބޮކްސް އޮފީހުގައި މާ ބޮޑު ތަރުހީބެއް ނުލިބޭނެ ކަމަށް ބެލި މި ފިލްމަކީ އޮސްކާގެ ރަން ވަނަ އަށް ވާދަކުރާ ފިލްމުތަކުގެ ތެރެއިން ވެސް އެންމެ ވިޔަފާރި ރަނގަޅު ފިލްމެވެ. ބޮކްސް އޮފީހުގައި އެމެރިކަން ސްނައިޕާ ވަނީ 400 މިލިއަން ޑޮލަރު ނަގައިފަ އެވެ.

އެކްޓިން ކެޓަގަރީއަށް ބަލާއިރު އެންމެ މޮޅު އެކްޓަރުގެ ރޭހުގެ ކުރީގައި އުޅެނީ އިނގިރޭސި އެކްޓަރު އެޑީ ރެޑްމެއިން އެވެ. އޭނާ ވަނީ ޕްރޮފެސާ ސްޓީވެން ހޯކިންގެ ރޯލު ކުޅެގެން ދަ ތިއަރީ އޮފް އެވްރިތިން އިން ބަފްޓާގެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ހޯދައިފަ އެވެ.

އެންމެ މޮޅު އެކްޓްރެސްގެ ރޭހުގެ ކުރީގައި އުޅެނީ ޖޫލިއޭން މޯ އެވެ.