މެދު ރާއްޖެއަށް އަދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެފައިވާ ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ. މަސްވެރިކަން އެންމެ ރަނގަޅީ މ އަތޮޅަކީ ޅ އަތޮޅާ ދެމެދަށެވެ.
މިފްކޯއިން ބުނީ އެ ސަރަހައްދަށް މަސްވެރިކަން އަދާޔާ ހިލާފަށް ރަނގަޅުވުމާއެކު މިފްކޯގައި ބޭނުންކުރާ މަސްގަންނަ ހުރިހާ ބޯޓުފަހަރުތައް މިހާރު ދަނީ މަސް ގަތުމުގެ އޮޕަރޭޝަނުގައި އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.
މ އަތޮޅަކީ މިފްކޯގެ އޮޕަރޭޝަން ހިންގަމުންދާ ސަރަހައްދަކަށް ނުވާއިރު، މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމާއި ގަޑިން ގަޑިއަށް ބީޓު ފަހަރުތައް މަސް ގަންނަ ބަނދަރުތަކަށް ފޮނުވުމުގައި ކޮންމެ ވެސް ވަރެއްގެ ދަތިކަމެއް ހުރި ކަމަށް މިފްކޯއިން ބުންޏެވެ. ނަމަވެސް މަސްވެރިން ބާނާ މަސް އެއްކޮށް ނެގުމަށްޓަކާ ކުރެވެން ހުރިހާ މަސައްކަތެއް އެ ކުންފުނިން ކުރަމުންދާ ކަމަށް ބުންޏެވެ.
"މިވަގުތު އެ ސަރަހައްދުގައި މަސްވެރިކަން ހުރި ގޮތުން އެވެރެޖް ގޮތެއްގައި ދޯންޏަކުން ހަތަރު ޓަނާއި ހަޓަނާއި ދެމެދުގެ އަދަދަކަށް މަސް ކިރަމުން އައި ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށް ލެފާކުރެވޭ،" މިފްކޯއިން ބުންޏެވެ.
މިފްކޯއިން ވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ ބޮޑެތި ގިނަ ދޯނިފަހަރުތައް މެދު ރާއްޖެތެރެއަށް މަސްވެރިކަން ކުރުމަށް ގޮސް، މަސްވެރިކަމުގެ މޫވްމަންޓް ދުވަހުން ދުވަހަށް ދެނެގަތުމަށްޓަކާ މިފްކޯއަށް މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.