ސްޕެނިޝް ލީގުގެ ފުރަތަމަ ދުވަހު ލުއިސް ސުއަރޭޒްގެ ހެޓްރިކާއެކު 6-2އިން ރެއާލް ބެޓިސްގެ މައްޗަށް ޗެމްޕިއަން ބާސެލޯނާ ކުރި ހޯދައިފި އެވެ.
އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޓީމަށް ފުރަތަމަ ލަނޑު ޖަހައިދިނީ ހަ ވަނަ މިނިޓްގައި އަރްދާ ތުރާން އެވެ. ނަމަވެސް 21 ވަނަ މިނިޓްގައި ރުބެން ކާސްޓްރޯ ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާގެ ލީޑް ނެގީ ކެޕްޓަން ލަޔޮނަލް މެސީ އާއި ސުއަރޭޒްގެ ދެ ގޯލުންނެވެ.
މެޗުގެ ފަހު ހާފުގައި މެސީ އިތުރު ގޯލެއް ޖެހިއިރު ފަހު ދެ ގޯލު ޖެހީ ސުއަރޭޒް އެވެ. ބެޓިސްގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ ނިމެން ހަތަރު މިނިޓަށްވީ ފަހުން ރުބެން ކާސްޓްރޯ އެވެ.
މި މެޗުގައި ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އާއި ނޭމާ ނުކުޅެ އެވެ. އިނިއެސްޓާ އަށް އަނިޔާވެފައިވާއިރު ނޭމާ ހުރީ އޮލިމްޕިކްސްގައި ވާދަކުރުމަށް ބްރެޒިލް ޓީމާއެކުގަ އެވެ. ނަމަވެސް މެޗުގެ ކުރިން ލީގުގެ ތަށި ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ބައިވެރިވި އެވެ.
މި މެޗަކީ ބާސެލޯނާގެ ޖާޒީގައި ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ފެނިގެންދާނެ ފަހު މެޗަށްވުން އެކަށީގެންވެ އެވެ. އޭނާ ގަތުމަށް އިނގިރޭސިވިލާތިުގެ މެންޗެސްޓާ ސިޓީން ވަނީ ތައްޔާރުވެފަ އެވެ.