ބާސެލޯނާ

ބްރާވޯ ސިޓީއަށް، ސިލެސަން ބާސެލޯނާއަށް ދަނީ

މެންޗެސްޓާ ސިޓީ އަށް ކީޕަރު ކްލައުޑިއޯ ބްރާވޯ ވިއްކާލުމަށްފަހު އެ މަގާމަށް ނެދަލޭންޑްސްގެ ގައުމީ ކީޕަރު ޔެސްޕާ ސިލެސަން ގެނައުމަށް ބާސެލޯނާއިން ނިންމައިފި އެވެ.

އުމުރުން މިހާރު 33 އަހަރުގެ ބްރާވޯ އަކީ ދެކުނު އެމެރިކާގެ އެންމެ މޮޅު ކީޕަރެވެ. އޭނާ ވަނީ މިދިޔަ ދެ އަހަރު ކޮޕާ އެމެރިކާ ޗިލީ އަށް ކާމިޔާބުކޮަށްދީ ބާސެލޯނާގެ ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ. ސްޕެނިޝް ލީގު އަލުން ފަށަން ރޭ ކުޅުނު މެޗުގައި ރެއާލް ބެޓިސް އަތުން ބާސެލޯނާ 6-3 އިން މޮޅުވި މެޗަށް ފަހު ބްރާވޯ ވަނީ ސަޕޯޓަރުންނަށް އަލްވަދާއު ކިޔާފަ އެވެ.

ޖުމުލަ 17 މިލިއަން ޕައުންޑަށް ބްރާވޯ ދޫކޮށްލަން ބާސެލޯނާއިން މިހާރު ވަނީ އެއްބަސްވެފަ އެވެ. އޭނާގެ ބަދަލުގައި އެ ޓީމަށް ސިލެސަން ގަންނަނީ 12 މިލިއަން ޕައުންޑަށެވެ. އޭނާ ގެނައި ނަމަވެސް ފުރަތަމަ 11 އަށް އަރަން ވާދަކުރަން ޖެހޭނީ ޖަރުމަނުގެ ކީޕަރު މާކް އަންދްރޭ ޓާސްޓެގަންއާ އެވެ.

ޓާސްޓެގަން މިވަގުތު ހުރީ އަނިޔާގަ އެވެ. އޭނާ އަށް ކުޅެވޭނީ އަދި ދެ ހަފުތާ ފަހުންނެވެ. ޓާސްޓެގަން އަކީ ބްރާވޯ ހުރިއިރު ވެސް މިދިޔަ ދެ އަހަރު ޗެމްޕިއަންސް ލީގާއި ސްޕެނިޝް ކަޕުގެ މެޗުތަކުގައި ބާސެލޯނާގެ އެއްވަނަ ކީޕަރެވެ. ސިޓީ އަށް ބްރާވޯ ދޫކޮށްލަން ބާސެލޯނާ ނިންމީ އެ ޓީމުން ޓާސްޓެގަން ގަތުމަށް ވެސް މަސައްކަތް ފެށުމުންނެވެ.

އަޔެކްސްއިން އެ ޓީމުގެ ކީޕަރު ސިލެސަން ބާސެލޯނާ އަށް ދޫކޮށްލުމަށްފަހު އެ މަގާމަށް ގެނައުމަށް މަސައްކަތް ކުރަނީ ނިއުކާސަލް އަށް ކުޅޭ ނެދަލޭންޑްސްގެ ކީޕަރު ޓިމް ކްރުލް އެވެ.

ސިޓީން ތަޖުރިބާކާރު މޮޅު ކީޕަރަކު ހޯދަން މަސައްކަތް ފެށީ އެ ޓީމުގެ އެއްވަނަ ކީޕަރު ޖޯހާޓަށް އާކޯޗު ޕެޕް ގާޑިއޯލާގެ އިތުބާރު ނެތުމުންނެވެ.