މެންޗެސްޓާ ސިޓީ

ސިޓީގެ ފެންވަރާމެދު ގާޑިއޯލާ ހައިރާންވެއްޖެ

މި ސީޒަނުގައި މެންޗެސްޓާ ސިޓީ ދައްކަމުން އަންނަ ކުޅުމާމެދު އޭނާ ހައިރާންވެއްޖެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ. އޭނާ މިހެން ބުނީ ރޭ ސްޓޯކް ސިޓީ އަތުން ރޭ 4-1 އިން މޮޅުވި މެޗަށް ފަހު އެވެ.

"މި ޓީމު ދާނީ ކިހާ ހިސާބަކަށް ކަމެއް އަދި އަހަރުމެންގެ ޓާގެޓަކީ ކޮބާކަން ބުނަން އަދި މާއަވަސް. އެކަމަކު މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ޓީމު ދައްކަމުން އަންނަ މޮޅު ކުޅުމާމެދު އަހަރެން މިހުރީ ހައިރާންވެފައި. މިދިޔަ ދެ މެޗުގައި އަހަރުމެން ނުވަ ގޯލު ޖަހައިފިން. މިއީ އަހަރުމެންނަށް ވަރަށް އުފާވެރި ހަފުތާއެއް،" ބާސެލޯނާ އާއި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ބުންޏެވެ.

އިނގިރޭސި ލީގު ސިޓީން ފެށީ ސަންޑަލޭންޑްގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. އޭގެ ފަހުން ޗެމްޕިއަންސް ލީގު ކޮލިފައިންގައި ސުޓުއާ ބުކަރެސްޓްގެ މައްޗަށް ކާމިޔާބު ހޯދީ 5-0 އިންނެވެ.

ގާޑިއޯލާ ބުނީ އޭނާގެ ޓީމުގައި އަދިވެސް ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ޓީމު ވަރުގަދަ ކުރުމަށް އޭނާ އާއި ކުޅުންތެރިން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ކަމަށެވެ.

ސިޓީ މިވަގުތު އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ އިނގިރޭސި ލީގުގެ އެއްވަނާގަ އެވެ.