މެންޗެސްޓާ ޔުނައިޓެޑްގެ ޕެނަލްޓީތައް މީގެ ކުރިން ޖަހަމުން އައީ ޓީމުގެ ކެޕްޓަން ވޭން ރޫނީ އެވެ. ނަމަވެސް މި ސީޒަނުގައި އެ ޒިންމާ ނަގަމުންދާތަން ފެންނަނީ ޓީމާ އަލަށް ކުޅުނު ސްވިޑްންގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗެވެ. މިވީ ކިހިނެތް ހެއްޔެވެ؟
ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޕެނަލްޓީ ޖެހުމުގެ ޒިންމާ އޭނާ ދީފައިވާނީ ތިން ކުޅުންތެރިއަކަށް ކަމަށެވެ.
"އެއީ އިބްރަހިމޮވިޗާއި ރޫނީ އާއި [ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕައުލް] ފޮގްބާ. އިބްރަހިމޮވިޗް ލައްވައި ޕެނަލްޓީ ޖަހަން ނިންމީ ކުޅުންތެރިން. މި ތިން ކުޅުންތެރިން ވާހަކަ ދައްކާފައި ނިންމީ އެންމެ ފުރަތަމަ ޕެނަލްޓީ ޖަހާނީ އިބްރަހިމޮވިޗް ކަމަށް. އަދި އޭނާ އެކަން ކުރަން ބޭނުން ނުވެއްޖެނަމަ އެމީހުން ތިބޭނެ ކަމަށް. ތިން ކުޅުންތެރިން ވާހަކަ ދައްކައިގެން ނިންމީ،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ޕެނަލްޓީ ޖަހާ ކުޅުންތެރިޔާ ނިންމުމުގައި އޭނާގެ ނުފޫޒެއް ނޯންނާނެ ކަމަށާއި ނަމަވެސް އަބަދު އެކަކު ޕެނަލްޓީ ޖެހުމުގެ ބަދަލުގައި ތަފާތު ކުޅުންތެރިން ޕެނަލްޓީ ޖަހާތަން ދެކެން ބޭނުންވާ ކަމަށެވެ.
"ބައެއް ފަހަރު މި ޕެނަލްޓީ ޖަހާނީ ތިމަންނައޭ ކުޅުންތެރިޔާ ހިތަށް އަރާތަން ދެކެން އަހަރެން ބޭނުންވޭ. އެއީ ޓީމެއް ވިއްޔާ އަންނަންޖެހޭ ކަންތައްތައް،" ޗެލްސީގެ ކުރީގެ ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ ޔުނައިޓެޑްގައި އޮތީ ބޮޑު ސްކޮޑެއް ކަމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ނުދެވޭތީވެ އޭނާ ހިތާމަ ކުރާ ކަމަށެވެ.
"އެކަމަކު ސެޕްޓެމްބަރުގައި އަހަރުމެން ކާލިން ކަޕާއި ޔޫރޮޕާ ލީގުގައި ވެސް ކުޅެން ޖެހޭނެ. އެހެންވީމާ ހުރިހާ ކުޅުންތެރިންނަށް ސެޕްޓެމްބަރުގައި ފުރުސަތު ދެވޭނެ ކަމަށް އުއްމީދު ކުރަން. އަހަރެން މެޗު ނިންމާފައި ޗޭންޖިން ރޫމަށް ދިޔައިރު ހުރިހާ ކުޅުންތެރިން ތިބީ ސޫޓްލައި ތައްޔާރުވެގެން. މިކަމުގައި ނުކުޅޭ ކުޅުންތެރިއެއްް ބެންޗުގައިއިން ކުޅުންތެރިއެއް ތަފާތެއްނެތް. މިއިން އަންގައިދެނީ މިޓީމުގައި އޮތް އެކުވެރިކަން. އަހަރެން އެކަމާ އުފާކުރަން. އެކަމަކު ހުރިހާ ކުޅުންތެރިންނަށް ކުޅެން ފުރުސަތު ނުދެވޭތީވެ އެހަރެން ހިތާމަކުރަން،" މޮރީނިއޯ ބުންޏެވެ.