ލައިފްސްޓައިލް

ހެޕިލީ އެވާ އާފްޓާއެއްގެ ސިއްރު: ލޯބި ދަމަހައްޓައިދޭ ތިން ކަމެއް

Aug 21, 2016

"އަހަރެން ލޯބި ހޯދާނީ ކިހިނެތް ހެއްޔެވެ."
ޒުވާން އުމުރުގައި ހިތަށް އަރާ ސުވާލަކީ މިއީ އެވެ.

"އަހަރެން އެ ލޯބި އަލުން ހާސިލުކުރާނީ ކިހިނެތް ހެއްޔެވެ؟."
އުމުރު ދެބައިވުމުން ހިތަށް އަރާ ސުވާލަކީ މިއީ އެވެ.

އެހެންވީމަ ލޯތްބަކީ ކޮބައިކަމާއި އެ ލޯބީގައި ދެމިހުންނާނީ ކިހިނެތްކަން، ލޯބިވާން ހިތުއަޅައިގެން ހުރި ކޮންމެ މީހަކަށް ނުވަތަ ލޯބީގައި އާވާރާވަމުންދާ ކޮންމެ ހިތަކަށް ވެސް ވަރަށް މުހިންމެވެ. އެކަމަކު އެ ސިއްރު ދެނެގަންނާނީ ކިހިނެތް ހެއްޔެވެ؟

ހަގީގަތަކީ މިއީ އެވެ. ދެ މީހުން ބައްދަލުވެ އެކަކު އަނެކަކަށް ހިތްބަންޑުންވި ގޮތް އެންމެން ވެސް ވަރަށް ފަރިތަކަމާ އެކު، ހީހީފައި ކިޔައިދެ އެވެ. ލޯބީގެ އެ ވާހަކަ ކިޔައިދޭން އެންމެނަށް ވެސް އެނގެ އެވެ. އެކަމަކު ކާމިޔާބު ލޯތްބެއް ނަމަ އެ ލޯބީގައި ސާބިތުވެ ތިބޭ ނުވަތަ ތިބި ގޮތުގެ ވާހަކަ ކިޔައިދެނީ މަދު ބައެކެވެ.

އެހެންވީމަ، ލޯބީގެ ދަރުބާރުގައި އޮތް ސައިންސަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.

ހެޕިލީ އެވާ އާފްޓާ އަކީ ދަސްކުރަން ފަސޭހަ ޖާދޫއެއް ނޫނެވެ!

ދިރާސާތަކުން ދައްކާ ގޮތުން، ކައިވެނީގެ ފުރަތަމަ އަހަރުގައި އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ނޭވާ 86 ޕަސެންޓް މައްޗަށް އަރައިގެން ދިޔަ ނަމަވެސް ހަތް ވަނަ އަހަރުގައި އެ ޕަސެންޓް 50 ޕަސެންޓަށް ވުރެން ތިރިއަށް ޖެހިލަ އެވެ. އަދި ގާތްގަނޑަކަށް 50 ޕަސެންޓް ބައިވެރިން ވަރިވެ އެވެ. އަނެއް 10 ޕަސެންޓާއި 15 ޕަސެންޓްގެ ބައިވެރިން ވަރިނުވިޔަސް އެކުގައި އުޅުން ހުއްޓާލަ އެވެ.

އަދި ހަތް ޕަސެންޓް މީހުންނަކީ އެކުގައި އުޅުނަސް، އުފަލުގައި ދިރިއުޅޭ ބަޔަކަށް ނުވެ އެވެ.

އެހެންވީމަ ހަގީގަތަކީ، ކައިވެނީގެ ހަޔާތުގައި އޭގެ ތިންބައިކުޅަ ދެ ބައި ނިމިގެންދަނީ "ހެޕިލީ އެވާ އާފްޓާ" އަށް ރީޗްނުވެ ކަމެވެ. ދެން އުފެދޭ ސުވާލަކީ މިއީ އެވެ. ދިގު މުއްދަތަކަށް ކައިވެނީގެ ލޯބި ދިގުދެއްމުން އެހާ އުނދަގޫ ކަމަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟

ލޯބީގެ ސައިންސްވެރިންނާއި ފޮތުގައި އޮތް އެއް ޖަވާބަކީ "އެ ކަމަށް އާދަވުމެވެ." ނުވަތަ އެހެން ގޮތަކަށް ބުނަނީ ނަމަ، "ފޫހިވުމެވެ."

ލޯބީގެ ފުރަތަމަ ފަންގިފިލާ އަށް އަރާއިރު ކިޔައިދޭ ލަވަ އާއި ދައްކާ ވާހަކަތަކަކީ ރޮމޭންޓިކް ވާހަކަ އާއި ލަވަ އެވެ. ނަމަވެސް އެއަށް ފަހު އިވޭ ލަވަ އާއި ދެ މީހުން ޖަހާ ލަވަ ވެސް ފޫހި އެއްޗަކަށް ބަދަލުވެގެން ދަނީ އެވެ.

އެހެންވީމަ ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟ ލެކިއުޓަށް ވަދެ، ގުޑް ގާލް ސެންޓްފުޅިއެއް ގަނެލައިގެން ގޮސް އަނބިމީހާ އަށް ސަޕްރައިޒެއް ދޭނީ ހެއްޔެވެ؟

ސަޕްރައިޒް އަކީ ލޯބީގެ ޗަރުކޭހެކެވެ!

އެކަމަކު އަވަސްގައި މިހެން އޮތޭ ކިޔާފައި ގޮސް ލޯބިވެރިޔާ ނުވަތަ އަނބިމީހާގެ ބޮލަށް ބިސްކޭހެއް ތަޅާލާނީކީއެއް ނޫނެވެ.

ލޯބީގެ ވަރުގަދަ ޗަރުކޭހަކަށް ނުވަތަ ޖާދޫއަކަށް "ސަޕްރައިޒް" ވެގެން ދާ ކަމުގެ ވަރުގަދަ އެއް ހެއްކަކީ "އެރޭންޖްޑް މެރިޖެވެ." ފަހަރެއްގައި އެންމެ ރޮމޭންޓިކް ލޯތްބަކަށް އެ ވައްތަރުގެ ކައިވެނި ނުވެދާނެ އެވެ. އެކަމަކު ޔަގީނަށް ވެސް ސަޕްރައިޒްގެ ފައިދާ ދެ މީހެއްގެ ގުޅުމަކަށް ކުރާ ކަމުގެ ނަމޫނާ އެ ގުޅުމުން ދައްކުވައިދެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުން، ރޭވިގެން ގެތިގެން ގޮސް ކައިވެނީގެ ގުޅުމަކުން ގުޅޭ ދެ މީހެއްގެ ދަތުރުގައި ލޯބީގެ ކުލަ ޖެހޭލެތް ލަހެވެ. އެކަމަކު 10 އަހަރު ފަހުން އެ މީހުންގެ ދިރިއުޅުން، ލަވް މެރިޖަކަށް ވުރެން އުފާވެރި އެވެ.

އެކަމަކު އެރޭންޖްޑް މެރިޖުތަކުގައި ވެސް ލޯބި ތަބަކަށް ލައިގެން ގޮސް ދެނީކީއެއް ނޫނެވެ. މަސައްކަތްކުރަނީ އެވެ.

ގޯސް ރަނގަޅުކުރަން ހިފުމަށްވުރެން ރަނގަޅު ކަންތައް އިތުރުކުރުން މުހިންމު

އިނދެގެން އުޅޭ ދެ މީހަކު އެންމެ އާންމުކޮށް ޒުވާބުކުރަން ޖެހޭ ސަބަބަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ދެ މީހުންގެ މިޒާޖުގައި ހުންނަ ދިރިއުޅުމުގެ ވައްޓަފާޅީގެ ހިޔާލާއި ތަފާތުތަކެވެ. މިއީ އުފެދުމުގައި ދެ މީހުންނަށް ލިބިފައިވާ ސިފަތަކެވެ. ބުއްދިވެރިގޮތަކީ ދެ މީހުންގެ އެފަދަ މައްސަލަތައް މައްސަލައަކަށް ނަހަދައި ރަނގަޅު ކަންކަމުން ފެންވެރުމެވެ.

އެކަކަށް ކަމުނުދާ ކަމެއް ރަނގަޅުކުރުމަށް ހިފުމަކީ އެ މައްސަލައެއް އަބަދުވެސް ތަކުރާރުވެ އޭގައި ބެދި ދެ މީހުންގެ ދިރިއުޅުން ހަލާކުވެދާނެ ކަމެކެވެ. ނަމަވެސް އޭގެ ބަދަލުގައި ރަނގަޅު ކަންތައް އިތުރުކޮށް އުފަލަށް މަސައްކަތްކުރާ ނަމަ ނުކުންތަ ނަތީޖާ ފަހުން މާ ފޮނިވާނެ އެވެ.