ލައިފްސްޓައިލް

ފަލަވީ ކައިވެންޏަށް ފަހުތަ؟ ވަރިއަށް ފަހުގައިތަ؟

Aug 21, 2016
1

ފަލަވިޔަސް ވަރިހަމަ އެވެ. ސިއްހަތަށް ނުރައްކަލެއް ނެތް ނަމަ މައްސަލައެއް ވެސް ނެތެވެ. ރީއްޗެވެ. ނަލަ އެވެ. އެކަމަކު ކައިވެންޏާއި ވަރި އަކީ މީހެއްގެ ބަރުދަނާ ކުޅުމުގެ އާދަޔާހިލާފު ބާރެއް ލިބިފައިވާ ދެ ހާލަތު ކަމަށް އެންމެން ވެސް އެއްބަސްވާނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުން ނަމަ، އުމުރުން 30 އަހަރުން މައްޗަށް ގޮސްފައިވާ މީހުންގެ މެދުގައި މި ހާލަތްތައް މެދުވެރިވެ ބަރުދަން އިތުރުވެގެން ދާ މިންވަރު މާ ބޮޑަށް ވެސް އާންމެވެ. ނަމަވެސް ވަރި އާއި ކައިވެނީގެ "ފެޓް" ގެ އަސަރު އަންހެނުންނާއި ފިރިހެނުންނަށް ކުރާ ގޮތް ތަފާތެވެ.

ހޯދުންތަކުން އެނގިފައިވާ ގޮތުން ފިރިހެނުން ބޮޑަށް ފަލަވަނީ ވަރިއަކަށް ފަހު އެވެ. އަދި އަންހެނުން ފަލަވަނީ ކައިވެންޏާ އެކުގަ އެވެ. ވަރަށް ގިނަ އަންހެނުންނަށް ވަރި ވެގެން ދަނީ އެމީހުންގެ ގައިން ސަރުބީ އަންދައި ލޫޅާފަތިވެލުމަށް ލިބޭ ބޮޑު ހިތްވަރަކަށެވެ.

ވަރިއަށް ފަހު އަންހެނުން މާ ރީއްޗެވެ!

މިއީ ބައެއް މީހުން ބުނާ ވާހަކައެކެވެ. ފަހަރެއްގައި ތެދަކަށްވުން ވެސް އެކަށީގެންވެ އެވެ. ސަބަބަކީ ކުރިން ވެސް ދެންނެވި ސަބަބެވެ. ވަރިއަށް ފަހު އަލުން ކުރީގެ ހާލަތަކަށް ނުވަތަ ކުރީގެ ބައްޓަމަށް އެނބުރި ދިއުމަށް ބޭނުންވާ އަންހެނުން ގިނަވުމެވެ.

އެކަމަކު ކޮންމެހެން ކަސްރަތު ނުކުރިޔަސް ދިރިއުޅުގެ މި ހާލަތުގައި އަންހެނުން ހިކި، ކުރީގެ ނަލަ ބައްޓަމަށް ރުޖޫއަވެ އެވެ. ބައެއް އަންހެނުން ބުނާ ގޮތުން ނަމަ އެމީހުން ހިކުމަށް މެދުވެރިވާ އެއް ސަބަބަކީ ޑިޕްރެޝަން އެވެ. އޭގެ ސަބަބުން ވަރަށް ގިނަ ބަޔަކު ކެއުންމަތިން ފޫހިވެ ކެއުމާ ދުރަށް ޖެހިލަ އެވެ.

އެހެންވީމަ ވަރިއަށް ފަހު ފިރިހެންނުން ފަލަވަނީ ޑިޕްރެޝަންގައި ޖެހި މާ ގަދަ އަށް ކެވޭތީ ހެއްޔެވެ؟ ފިރިހެނުން ބުނަނީ ކީކޭ ހެއްޔެވެ؟ ވަރިވުމުގެ އަސްލަކަށް، ފިރިމީހާ އަށް ގެއިން ރަނގަޅަށް ކާން ނުލިބުން ވެދާނެ ހެއްޔެވެ؟