ނަތިޖާ ނެރެން ޖެހި ފަހު ޕެނަލްޓީ ނޭމާ ކާމިޔާބުކޮށް، 5-4އިން ޖަރުމަނު ބަލިކޮށް އޮލިމްޕިކް ފުޓްބޯޅަ މުބާރާތުގެ ރަންމެޑަލް ބްރެޒިލް ހޯދައިފި އެވެ.
މިއީ މި މުބާރާތް ބްރެޒިލް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި މިއީ ފުޓްބޯޅައިގައި ބްރެޒިލަށް މިހާތަނަށް ކާމިޔާބު ނުކުރެވި އޮތް ހަމައެކަނި މުބާރާތްވެސްމެ އެވެ.
ބްރެޒިލްގެ ރިއޯޑިޖެނީރޯގެ މަރަކާނާ ސްޓޭޑިއަމުގައި ކުޅިބަލަންތިބި 78000 މީހުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގައި ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނީ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގައި ވެސް ދެ ޓީމު 1-1އިން އެއްވަރުވުމުންނެވެ. މެޗުގެ ފުރަތަމަ ގޯލު 27 ވަނަ މިނިޓްގައި ނޭމާ ބްރެޒިލަށް ޖަހައިދިނީ ލިބުނު ހިލެޖެހުމަކުންނެވެ. މިއީ މުބާރާތުގައި އޭނާ ޖެހި ހަތަރު ވަނަ ލަނޑެވެ. ޖަރުމަނު އެއްވަރުކުރީ ފަހުހާފުގައި މެކްސްމެޔާ އެވެ.
ފަސް ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލް މިހާތަނަށް ވަނީ އޮލިމްޕިކް ފައިނަލުގައި ތިން ފަހަރު ބަލިވެފަ އެވެ. އެއީ 1984 އާއި 1988 އަދި 2012 ވަނަ އަހަރު އެވެ. އަދި މި މެޗަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން ބްރެޒިލް 7-1އިން ބަލިވުމަށްދިން ރަނގަޅު ބަދަލުހިފުމެއް ކަމަށް ވެސް ދުނިޔޭގެ މީޑިޔާތަކުން ފާހަގަ ކުރެ އެވެ. ނަމަވެސް ބްރެޒިލްގެ ކޯޗު ރޮގާރިއޯ އެކަމާ އެއްބަހެއްނޫނެވެ.
"އެއީ ވޯލްޑް ކަޕް. މިއީ އޮލިމްޕިކް ޓީމު. އަހަރެންގެ މި ޓީމުގައި ނެތް އެ މެޗުގައި ކުޅުނު އެންމެ ކުޅުންތެރިއަކު ވެސް. އެހެންވީމާ މި މެޗުގައި އެކަހަލަ އެއްވެސް ބަދަލުހިފުމެއްގެ ރޫހެއް ނެތް،" ކޯޗު ބުންޏެވެ.
ބްރެޒިލްގެ ކީޕަރު ވެވެޓަން ބުނީ މިއީ ނޭމާ އަށާއި ގައުމަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި އޭނާގެ ހަޔާތުގައި އެންމެ އުފާވި ދުވަހަކީ ވެސް މިއަދު ކަމަށެވެ.
މި މުބާރާތުގެ ތިންވަނަ ހޯދީ ނައިޖީރިއާ އެވެ. ތިން ވަނަ ހޮވި މެޗު އެ ގައުމު ކާމިޔާބު ކުރީ ހޮންޑިއުރަސްއާ ވާދަކޮށް 3-2އިންނެވެ. މުބާރާތުގެ އަންހެންބައިގެ ޗެމްޕިއަންކަން ހޯދީ ޖަރުމަނެވެ. އެއީ ސްވިޑްންއާ ވަދަކޮށް ފައިނަލުގައި 2-1އިން މޮޅުވެގެންނެވެ. އަދި ތިން ވަނަ ހޮވި މެޗުގައި ކެނެޑާ އަތުން ބްރެޒިލް ބަލިވީ ވެސް ހަމަ މިނަތީޖާއިންނެވެ.