ތިން ރަށެއްގެ ކުނި މެނޭޖު ކުރާ ސެންޓަރު ގާއިމްކޮށް ތިން ރަށެއްގެ ކުނި މެނޭޖު ކުރާ ސެންޓަރު އަޕްގްރޭޑް ކުރުމަށް އެންވާރަމަންޓް މިނިސްޓްރީއިން ބަޔަކާ ހަވާކުކޮށްފި އެވެ. ކުނި މެނޭޖު ކުރާ ސެންޓަރު ގާއިމް ކުރަނީ ރ. ފައިނު އާއި ބ. ގޮއިދޫ އަދި ގދ. ގައްދޫގަ އެވެ. ކުނި މެނޭޖު ކުރާ ސެންޓަރު އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވަނީ ށ. ކެނދިކުޅުދޫއާ ރ. އަލިފުށި އަދި ބ. ފުޅަދޫގަ އެވެ. މީގެ އިތުރުން މިއަދު ވަނީ ފަސް ރަށެއްގައި ކުނި މެނޭޖު ކުރާ މަރުކަޒަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ވެސް ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.
އެންވާރަމަންޓ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ މިއަދު ހަވާލު ކުރި ހަތް ކޮންޓްރެކްޓުގެ ޖުމުލަ އަގަށް 4.8 މިލިއަން ރުފިޔާ އަރާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެންވާރަމަންޓް މިނިސްޓްރީގެ އާ ޕޮލިސީގެ ދަށުން ކޮންމެ ރަށެއްގެ ކުނި މެނޭޖު ކުރާ ސެންޓަރު ވަކި ނިޒާމަކަށް ބައްޓަން ކުރަމުން އަންނަ ކަމަށާއި މިހާރު ހެދިފައި ހުރި ކުނި މެނޭޖު ކުރާ މަރުކަޒު ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން 11 ރަށެއްގައި މިހާރުވެސް އަޕްގްރޭޑިންގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން މުޅިން އަލަށް ކުނި ކޮށި އެޅުމުގެ މަސައްކަތްވެސް ޕީއެސްއައިޕީ ބަޖެޓުގައި ހިމެނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީއެސްއައިޕީ ބަޖެޓުން ނުވަ ރަށެއްގައި އަލަށް ކުނި ކޮށި އަޅާނެ ކަމަށާއި މިހާރު އަށް ރަށެއްގައި ކުނި ކޮށި އެޅުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.
"މި މަސައްކަތްތަކުގެ އިތުރުން ބޭރުގެ އެހީގެ ދަށުންވެސް އައިލެންޑް ވޭސްޓް މެނޭޖްމަންޓުގެ މަސައްކަތައް ކުރިޔަށް އެބަދޭ. އޭގެ ތެރޭގައި ރ. ބ. ޅ. އަދި ނ. ގެ ބައެއް ރަށްރަށާއި ލ. އަތޮޅުގެ ހުރިހާ ރަށެއްގައި އަޅޫގަނޑުމެންވާނީ އަކުނި މެނޭޖު ކުރުމުގެ ސެންޓަރުތައް އަޅަމުން. އެއީ ހުސް ބަޖެޓުގެ ބޭރުން ކުރާ މަސައްކަތްތައް،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދެ ރަށެއް ފިޔަވާ އެހެން ހުރިހާ ރަށްތަކުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަނީ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ކަމަށާއި ބޮޑު ހަރަދެއްކޮށްގެން ކުރާ އެ މަސައްކަތުގެ ނަތީޖާ ވަރަށް ފުރިހަމަ ވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭއިން އުފެދޭ ކުނި ރައްކާތެރިކަމައި އެކު މެނޭޖު ކުރެއްވިއްޖެ ނަމަ އެއީ ތިމާވެއްޓަށް ރަނގަޅު ކަމެއް ކަމަށާއި އެއީ އިގްތިސޯދާއި ގުޅިފައި އޮންނަ ކަމެއް ކަމަށެވެ. އެގޮތުން އިގްތިސޯދު ރަނގަޅުކޮށް ގައުމަށް ފައިދާ ކުރުމަށް އެ މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.