ރައީސް އޮފީސް

ރިޕޯޓަކާ ގުޅޭ ގޮތުން އަލްޖަޒީރާއިން ވާހަކައެއް ނުދައްކާ: ރައީސް އޮފީސް

އަލް ޖަޒީރާއިން ތައްޔާރުކުރާ ރިޕޯޓަކަށް ދިވެހި ސަރުކާރުގެ ކޮމެންޓެއް ހޯދަން ވެސް އަދި އެފަދަ ރިޕޯޓަކާ ގުޅޭ އެއްވެސް ވާހަކައެއް ސާފުކުރުމަށް ވެސް އަލް ޖަޒީރާއިން ސަރުކާރާ އެދިފައި ނުވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ. ރައީސް އޮފީހުން މިހެން ބުނީ ސަރުކާރުގެ ހިޔާނާތްތައް ފަޅާއަރުވާލާނެ ކަމަށް ބުނާ ރިޕޯޓެއް ޖަޒީރާއިން ތައްޔާރުކުރާ ވާހަކަ ސޯޝަލް މީޑިއާގައި ފެތުރެމުން ދަނިކޮށެވެ.

މިކަމާ ގުޅިގެން އަލް ޖަޒީރާއިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން އިބްރާހިމް ހުސެއިން ޝިހާބު މިއަދު ވިދާޅުވީ، އަލް ޖަޒީރާއިން ސަރުކާރާ ގުޅޭ ގޮތުން އެއްވެސް ރިޕޯޓެއް ތައްޔާރުކުރަމުންދާ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި އެފަދަ ރިޕޯޓަކަށް ސަރުކާރުގެ ކޮމެންޓެއް ހޯދުމަށް އެދިފައި ވެސް އަދި ގުޅާފައި ވެސް ނުވާ ކަމަށެވެ.

ޝިހާބު ވިދާޅުވީ، ސޯޝަލް މީޑިއާގައި ރިޕޯޓެއްގެ ވާހަކަ ދެކެވުނު ކަމަށްވި ނަމަވެސް އަލް ޖަޒީރާއިން އެފަދަ ރިޕޯޓެއް ތައްޔާރުކުރާ ކަމުގެ މައުލޫމާތެއް ސަރުކާރަށް ލިބިފައިނުވާ ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރިޕޯޓް ތައްޔާރު ކުރާ ކަމަށް ބުނާ ދެ ނޫސްވެރިންނަކީ އަލްޖަޒީރާގައި މަސައްކަތް ކުރާ ބައެކެވެ. އެމީހުން ރާއްޖެ އަންނަންވެގެން އެ މީހުން ބޭނުންވާ ކަންކަން ފެސިލިޓޭޓް ކޮށްދިނުމުގައި ރާއްޖެ އިން އުޅުނީ މޯލްޑިވްސް އިންޑެޕެންޑް އިންނެވެ.

"ސްޓީލިން ޕެރަޑައިސް"ގެ ނަމުގައި ނެރޭ މި ރިޕޯޓަކީ މި މަހުގެ 30 ވަނަ ދުވަހު ލަންޑަންގައި ޕްރިމިއާ ކުރާ ރިޕޯޓެއް ކަމަށް ސޯޝަލް މީޑިއާގައި ދައުރުކުރަމުން އޮންނަ ޕޯސްޓަރެއްގައި ވެއެވެ.