ހަބަރު

ކޯޓަށް ފިއްލަވާކަށް ނަޝީދު ނޫޅުއްވާ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހައްޔަރުކުރީ ކޯޓަށް ހާޒިރު ނުވެ، ފިލާފާނެތީ ކަމަށް ކޯޓު އަމުރުގައި ބުނި ނަމަވެސް އެއްވެސް ތަނަކަށް ވަޑައިގެން ފިއްލަވަން ނަޝީދު ނޫޅުއްވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ ބަންދުކުރި މައްސަލައާ ގުޅިގެން ނަޝީދުގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އެ ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ސޮއި ކުރައްވައި، ނެރެފައިވާ އަމުރުގައިވަނީ ނަޝީދު ހައްޔަރުކުރަން އަމުރުކުރީ އެމަނިކުފާނު ކޯޓަށް ހާޒިރުނުވެ، ފިލާފާނެ ކަމަށް ބެލެވޭތީ ކަމަށެވެ. އެކަމުގެ ހެކީގެ ގޮތުގައި އެ އަމުރުގައި ބަޔާންކޮށްފައިވަނީ ހުޅުމާލޭ ކޯޓުގައި އެ މައްސަލަ ކުރިއަށް ދިޔައިރު ނަޝީދު ކޯޓަށް ހާޒިރުވެފައި ނުވުމާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެކެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ކޯޓަށް ހާޒިރުނުވެ، އެއްވެސް ތަނެއްގައި ފިއްލަވަން ނަޝީދު ނޫޅުއްވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ނަޝީދު ކުރެއްވި އެތައް ދަތުރެއްގައި ވެސް އެ ފުރުސަތު ނަޝީދަށް ލިބިވަޑައިގަތް ނަމަވެސް އެކަން އެމަނިކުފާނު ނުކުރައްވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެފަދަ ކަމެއް ނުކުރައްވާނެކަން ކޯޓުތަކަށާއި ޕްރޮސެކިއުޓާ ޖެނެރަލަށް ވެސް ނަޝީދުގެ ފަރާތުން އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ ނަޝީދުގެ އިތުރުން އެމްޑީޕީގެ ބައެއް އެހެން އިސްވެރިން ވެސް ހައްޔަރުކުރަން އަމުރު ނެރެފައިވާ ކަމަށާއި އޭގެ ތެރޭގައި އެ ޕާޓީގެ ބައިނަލްއަގްވާމީ ގުޅުންތަކާ ބެހޭ ތަރުޖަމާނު ހާމިދު އަބްދުލްޣަފޫރު ވެސް ހިމެނޭ ކަމަށެވެ. އަދި ނަޝީދު ހައްޔަރުކުރުމާ ގުޅިގެން ހިނގަމުންދާ މުޒާހަރާތަކުގައި އާންމުންނާ މެދު އެކަށީގެންނުވާ މިންވަރުގެ ބާރު ބޭނުން ކުރަމުންދާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދާއި އިތުރު ބޭފުޅުންތަކެއްގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ދައުވާކޮށް، އެ މައްސަލަ ކޯޓުގައި އޮއްވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ގެނެސް، އެ އެންމެންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އެ މައްސަލައިގައި ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ ޝަރީއަތް މާދަމާ ހަވީރު ފަށަށް ވަނީ ހަމަޖައްސައިފަ އެވެ.