އޭސީސީ

ދެވަނަ ކްއާޓާގައި ގިނައިން ހުށަހެޅީ ޕްރޮކިޔުމެންޓް މައްސަލަ: އޭސީސީ

މި އަހަރުގެ ދެވަނަ ކްއާޓާގައި ވެސް އެންމެ ގިނައިން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) ގައި ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިޔުމެންޓާ ގުޅޭ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އޭސީސީގެ ވެބްސައިޓުގައި މިއަދު ހާމަކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފާއިތުވެ ދިޔަ މަސްތަކުގައި ޕްރޮކިޔުމެންޓާ ގުޅޭ 65 މައްސަލަ ރަޖިސްޓްރީ ކުރި އެވެ. ނަމަވެސް އެއީ މިދިޔަ އަހަރުގެ ދެވަނަ ކްއާޓާގައި ރަޖިސްޓްރީ ކުރި މިންވަރާ އަޅާބަލާއިރު 25.3 ޕަސަންޓް ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ދެވަނަ ކްއާޓާ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވަނީ އޭގެ 87 މައްސަލަ އެވެ.

އޭސީސީއިން ބުނީ ދެން އެންމެ ގިނައިން ރަޖިސްޓްރީ ކުރީ ވަޒީފާއާގުޅޭ މައްސަލަތައް ކަމަށާއި އޭގެތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާދިނުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަޒީފާއިން ވަކިކުރުމާއި އަދި އުސޫލުތަކުގެ ބޭރުން ޕްރޮމޯޝަން ދިނުން ފަދަ ކަންކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލަތައް ހިމެނޭ ކަމަށެވެ.

ވަޒީފާއާގުޅޭ 20 މައްސަލައެއް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކޮމިޝަންގަ ރަޖިސްޓްރީކޮށްފައިވާއިރު މިދިޔަ އަހަރު އެ މުއްދަތު ތެރޭގައި ރެޖިސްޓްރީކޮށްފައި ވަނީ ވަޒީފާއާ ބެހޭ 39 މައްސަލައެކެވެ.

ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ބިމާއި، ރަށްތަކާއި ގުޅޭ 41 މައްސަލައެއް ރަޖިސްޓްރީކޮށްފައިވާއިރު އެހެނިހެން ތަފާތު ބާވަތްތަކުގެ 63 މައްސަލަ އެއް ދެވަނަ ކްއާޓަރުގައި ރަޖިސްޓްރީ ކުރި އެވެ.