އަހުމަދު ނިހާން ހުސައިން މަނިކު

ބޭރުގެ ނޫސްވެރިންނަށް ފައިސާދީގެން ރިޕޯޓް ހަދަނީ ކޮން ބައެއްކަން އެނގޭ: ނިހާން

Aug 21, 2016
5

އަލްޖަޒީރާ އިން ތައްޔާރުކޮށްފައިވާ ކަމަށް ބުނާ ރިޕޯޓުން ދިވެހި ކޮރަޕްޝަންގެ އަމަލެއްގެ ސާފު ހެއްކެއް ނުދެއްކޭނެ ކަމަށް ޕީޕީއެމްގެ ޕާލަމދެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ މެންބަރުން މިއަދު މުލިއާގޭގައި ބޭއްވި ބައްދަލުމުކަށްފަހު ބައެއް ނޫސްވެރިންނާއި މައުލޫމާތު ދެއްވަމުން ވިލާމާލޭ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިދާޅުވީ ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓްތައް ޖަހަމުން ގެންދަނީ ބަޔަކު އެކަމަށް ފައިސާ ދީގެން ކަމަށާ އެފަދަ ރިޕޯޓްތަކުގައި ސައްހަ މައުލޫމާތާއި ސާފު ހެކި ނުހުންނަ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މީގެ ކުރިން ރައީސް އަބްދުﷲ ޔާމީނާ ގުޅުވައި އެމްޑީޕީގެ ސަރުކާރުން ފައިސާ ދީގެން ބޭރުގެ ނޫސްވެރިޔަކު މެދުވެރިކޮށް ރިޕޯޓެއް ތައްޔާރު ކުރި ކަމަށާއި އެ ރިޕޯޓް ވެގެން ދިޔައީ އެއްވެސް އަސްލެއް ނެތް ރިޕޯޓަކަށް ކަމަށެވެ. އެހެން ނެރޭ ރިޕޯޓްތަކަށް ސަރުކާރާއި ޕީޕީއެމްގެ ޕީޖީ ގްރޫޕް ހާސް ނުވާ ކަމަށާއި އެކަމުގެ އަޑީގައި ތިބީ ކޮން ބައެއްކަން ވެސް އޮޅޭވަރު ނުވާ ކަމަށެވެ.

ނިހާން މިހެން ވިދާޅުވި އިރު އަލް ޖަޒީރާއިން ތައްޔާރުކުރާ ރިޕޯޓަކަށް ދިވެހި ސަރުކާރުގެ ކޮމެންޓެއް ހޯދަން ވެސް އަދި އެފަދަ ރިޕޯޓަކާ ގުޅޭ އެއްވެސް ވާހަކައެއް ސާފުކުރުމަށް ވެސް އަލް ޖަޒީރާއިން ސަރުކާރާ އެދިފައި ނުވާ ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން އަލް ޖަޒީރާއިން ވެސް މިހާތަނަށް ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ރައީސް އޮފީހުގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން އިބްރާހިމް ހުސެއިން ޝިހާބު މިއަދު ވިދާޅުވީ، އަލް ޖަޒީރާއިން ސަރުކާރާ ގުޅޭ ގޮތުން އެއްވެސް ރިޕޯޓެއް ތައްޔާރުކުރަމުންދާ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ. އަދި އެފަދަ ރިޕޯޓަކަށް ސަރުކާރުގެ ކޮމެންޓެއް ހޯދުމަށް އެދިފައި ވެސް އަދި ގުޅާފައި ވެސް ނުވާ ކަމަށެވެ. ޝިހާބު ވިދާޅުވީ، ސޯޝަލް މީޑިއާގައި ރިޕޯޓެއްގެ ވާހަކަ ދެކެވުނު ކަމަށްވި ނަމަވެސް އަލް ޖަޒީރާއިން އެފަދަ ރިޕޯޓެއް ތައްޔާރުކުރާ ކަމުގެ މައުލޫމާތެއް ވެސް ސަރުކާރަށް ލިބިފައިނުވާ ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ރިޕޯޓް ތައްޔާރު ކުރާ ކަމަށް ބުނާ ދެ ނޫސްވެރިންނަކީ އަލްޖަޒީރާގައި މަސައްކަތް ކުރާ ބައެކެވެ. އެމީހުން ރާއްޖެ އަންނަންވެގެން އެ މީހުން ބޭނުންވާ ކަންކަން ފެސިލިޓޭޓް ކޮށްދިނުމުގައި ރާއްޖެ އިން އުޅުނީ މިނިވަން ނިއުސް ގެ ނަމުގައި ހިންގަމުން އައި މޯލްޑިވްސް އިންޑެޕެންޑް އިންނެވެ. އަދި މި މަސައްކަތް ކޮށްދެއްވާފައިވަނީ ދާދިފަހުން ރާއްޖެ އައިސް އުޅެނިކޮށް ގަވާއިދާއި ހިލާފުވެގެން ޑީޕޯޓްކޮށްލި ދެ ނޫސްވެެރިންކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ.

"ސްޓީލިން ޕެރަޑައިސް"ގެ ނަމުގައި ނެރޭ މި ރިޕޯޓަކީ މި މަހުގެ 30 ވަނަ ދުވަހު ލަންޑަންގައި ޕްރިމިއާ ކުރާ ރިޕޯޓެއް ކަމަށް ސޯޝަލް މީޑިއާގައި ދައުރުކުރަމުން އޮންނަ ޕޯސްޓަރެއްގައި ވެއެވެ.