މިފަހަކަށް އައިސް، ބަތަލާ ޖެސިކާ ޓެސްޓެއިން ހަރަކާތްތެރިވެފައިވާ ގިނަ ފިލްމުތަކަކީ އަބަދުވެސް އޮސްކާގެ ފެވަރިޓެވެ. "ދަ ހެލްޕް" އާއި "ޒީރޯ ޑާކް ތާޓީ" އަދި “ޓޭކް ޝެލްޓާ" އާއި "ދަ ޓްރީ އޮފް ލައިފް" އަށް ފަހު އިހަކަށް ދުވަހު ނުކުތް "އިންޓާސްޓެލާ" ވެސް މި ލިސްޓަށް އަރަން ޖެހެ އެވެ.
އެންމެން ވެސް ބުނަނީ 37 އަހަރުގެ މި ބަތަލާ އަކީ ފަހުގެ ތާރީޚެއްގައި ހޮލީވުޑުން ފެނުނު އެންމެ މޮޅު އެއް އަންހެން ބަތަލާ ކަމަށެވެ.
"އަ މޯސްޓް ވަޔޮލެންޓް އިޔާ" ހާއްސަވާ މުހިންމު އެއް ސަބަބަކީ މިއީ އެވެ. އަނެއް ސަބަބަކީ އެމެރިކާގެ ނުފޫޒުގަދަ ނެޝެނަލް ބޯޑް އޮފް ރިވިއު އިން މި ފިލްމު "އަހަރުގެ އެންމެ މޮޅު ފިލްމު" ގެ ގޮތުގައި ކަނޑައެޅުމެ އެވެ.
ދެން ކުޑަކޮށް މި ފިލްމުގެ ވާހަކަ ދައްކާލަމާ ހިނގާށެވެ.
"އަ މޯސްޓް ވަޔަލެންޓް އިޔާ" އަކީ 1981 ވަނަ އަހަރުގެ ސެޓިންތަކެއް ދައްކުވައިދޭ ކްރައިމް ޑްރާމާ އެކެވެ. އޮސްކާ ނޮމިނޭޓެޑް ބަތަލާ ޓެސްޓެއިންއާ އެކު މި ފިލްމުގައި ދެން ލީޑް ރޯލު ކުޅެފައި ވަނީ އޮސްކާ އިސާކް އެވެ.
ފިލްމުގައި ދައްކުވައި ދެނީ 1981 ވަނަ އަހަރުގެ ފިނި މޫސުމުގައި ނިއު ޔޯކް ސިޓީގައި ހިންގާ ޖަރީމާތަކެކެވެ. އެ އަހަރަކީ ނިއު ޔޯކްގެ ތާރީޚަށް ބެލިކަމުގައި ވެސް ފެންނަން އޮތް އެންމެ ކުށް އަދި ހަމަނުޖެހުން ބޮޑު އަހަރެވެ.
ދެން ފެނިގެން ދަނީ ހަމަނުޖެހުންތަކުގެ ތެރެއިން ނިއު ޔޯކްގައި ބާރުގަދަކުރާ އިމިގްރެންޓް އާއިލާއެއް ނުރައްކަލަށް ހުށަހެޅިގެންދާ ގޮތެވެ. ހަމަނުޖެހުމާއި ޚިޔާނާތާއި ފަސާދައިގެ ތެރެއިން ނިއު ޔޯކް ސިޓީ އަޅިއަށް ވަމުންދާއިރު އަމިއްލަ އާއިލާ އާއި ވިޔަފާރީގެ ބާރުތައް ސަލާމަތްކުރުމަށް އެ އާއިލާގެ މެމްބަރުން މަސައްކަތްކުރާ ގޮތެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ ޖޭ. ސީ ޗޭންޑޯ އެވެ. މިއީ ވަރަށް އާ ޑައިރެކްޓަރެކެވެ.
ޗޭންޑޯގެ މި ފިލްމު "އަހަރުގެ އެންމެ މޮޅު" ފިލްމަކަށް ނެޝެނަލް ބޯޑް އޮފް ރިވިއު އިން ހޮވިއިރު އެންމެ މޮޅު އެކްޓަރަކަށް ހޮވުނީ ފިލްމުގެ ބަތަލު އިސާކް އެވެ. އަދި ޖެސިކާ ޓެސްޓެއިން ވަނީ އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑް ހާސިލުކޮށްފަ އެވެ.
ޝަރަފްވެރި ތިން އެވޯޑް މި ފިލްމަށް ލިބިފައިވާއިރު އެންމެ މޮޅު ބޯޑް އޮފް ރިވިއުގެ އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ "އެމެރިކާ ސްނައިޕާ" ގެ ޑައިރެކްޓަރު އަދި މަޝްހޫރު އެކްޓަރު ކްލިންޓް އީސްޓްވުޑެވެ.
އެންމެ މޮޅު ބަތަލާގެ އެވޯޑް ގެންދިޔައީ "ސްޓިލް އެލައިވް" އިން ޖޫލިއަން މޯ އެވެ.
ބޯޑް އޮފް ރިވިއު އިން އެކުލަވައިލި އަހަރުގެ އެންމެ މޮޅު އެހެން ފިލްމުތަކަކީ "އެމެރިކަން ސްނައިޕާ" އާއި "ބާޑްމޭން" އަދި "ބޯއިހޫޑް" އާއި "ފިއުރީ" އާއި "ގޯން ގާލް" ގެ އިތުރުން "ދަ އިމިޓޭޝަން ގޭމް" އަދި "އިންހެރެންޓް ވައިސް" އާއި "ލެގޯ މޫވީ" އާއި "ނައިޓްކްރޯލާ" އަދި އެންޖެލީނާ ޖޯލީ ޑައިރެކްޓްކޮށްފައިވާ "އަންބްރޯކެން" އެވެ.
ބޯޑް އޮފް ރިވިއުގެ އެންމެ މޮޅު ފިލްމަކަށް "އަ މޯސްޓް ވަޔޮލެންޓް އިޔާ" ހޮވުނަސް ގިނަ މީހުން ބުނަނީ އަހަރުގެ އެންމެ މޮޅު ފިލްމު ކަނޑައަޅަން އަދި މާ އަވަސް ކަމަށެވެ.
ހޮލީވުޑްގެ އެވޯޑް ސީޒަން ފެށިފައިވާއިރު ނިއު ޔޯކް ފިލްމް ކްރިޓިކްސް ސާކަލްގެ އެންމެ މޮޅު ފިލްމަކަށް ހޮވިފައި ވަނީ "ބޯއިހޫޑް" އެވެ. ގޮތަމް އިންޑިޕެންޑެންޓް ފިލްމު އެވޯޑްސް އިން އެންމެ މޮޅު ފިލްމަކަށް ހޮވާފައި ވަނީ "ބާޑްމޭން" އެވެ.