ވިޔަފާރި

އުރީދޫގެ ހާއްސަ އޮފާތަކާއެކު ސެމްސަންގް ނޯޓް 7 ވިއްކަނީ

Aug 22, 2016
  • އެއް އަހަރުގެ ބޭނުންކުރެވޭނެ ޑޭޓާ
  • މަހުމަހަށް ދައްކައިގެން ފޯނު ނެގޭ
  • އެއް ފަހަރާ ދެއްކުމުން ވެސް ފޯނު ލިބޭ

އުރީދޫ އިން ވަރަށް ހާއްސަ އޮފާތަކާއެކު ސެމްސަންގު އެންމެ ފަހުގެ ފޯން ކަމަށްވާ ގެލެކްސީ ނޯޓް 7 ރާއްޖެއަށް ތައާރަފުކޮށް، ވިއްކަން ފަށައިފި އެވެ.

އެ ކުންފުނިން ބުނީ އެ ކުންފުނިން ވިއްކަން ފެށި ނޯޓް ހަތެއްގެ ފޯނު އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ގަންނަ ކޮންމެ މީހަކަށް 128 ޖީބީގެ އެސްޑީ މެމޮރީ ކާޑެއް ލިބޭނެ ކަމަށެވެ.

އުރީދޫ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެ ކުންފުނިން މަސައްކަތްކުރަނީ ރާއްޖެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ތައާރަފު ކުރުމަށް ކަމަށެވެ.

"އުރީދޫ އިން ޑިޖިޓަލް މޯލްޑިވްސް އަށް ދެމުންގެންދާ އެއްބާރުލުމާއި އެކު، އަޅުގަނޑުމެން މަސައްކަތް ކުރަމުންދަނީ ދިވެހިރާއްޖެއަށް ފަހުގެ ޓެކްނޮލޮޖީތަކާއި ވަސީލަތްތައް ގެނައުމުގެ އެންމެ ކުރީ ސަފުގައި ތިބުމަށް. ސެމްސަންގް އިން އެންމެ ފަހުން ނެރުނު ފޯނުވަނީ ރާއްޖޭގެ ގިނަބައެއްގެ މެދުގައި މަޤްބޫލުކަން ހޯދާފަ. މިގޮތުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި ހަމައަށް މި ފޯނު ގެނެސްދިނުމަށްޓަކައި، އަޅުގަނޑުމެންވަނީ ވަރަށް ފަސޭހަ އަދި އަގުހެޔޮ ޕެކޭޖްތަކެއް ތައާރަފްކޮށްފައި." ސީއީއޯ ވިކްރަމް ވިދާޅުވި އެވެ.

އުރީދޫން ބުނީ ސެމްސަންގް ގެލެކްސީ ނޯޓް 7 ގަންނައިރު، މި ކުންފުނިން ތައާރަފް ކޮށްފައިވާ ޕްލޭން މެދުވެރިކޮށް، ގަތުމުން ފޯނާއެކު އަހަރެއްގެ ތެރޭގައި ބޭނުންކުރެވޭނެ 12 ޖީބީގެ ހިލޭ ޑޭޓާ އާއި ހިލޭ މިނެޓު ލިބޭނެ ކަމަށެވެ. މިގޮތުން ކޮންމެ މަހަކު ވެސް އެއް ޖީބީގެ ހިލޭ ޑޭޓާ އާއިއެކު، 100 މިނިޓުގެ ހިލޭ ކޯލް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ކުންފުނިން ސެމްސަންގް ގެލެކްސީ ނޯޓް ހަތެއްގެ 64 ޖީބީގެ ފޯނެއް ވިއްކަނީ 12،899ރ. އަށެވެ.

ސެމްސަންގް ގެލެކްސީ ނޯޓް 7 ގަންނަ މީހުނަށް އުރީދޫ އިން ވަރަށް ހިތްގައިމު އިންސްޓޯލްމަންޓް ޕެކޭޖްތަކެއް ވެސް ތައާރަފްކޮށްފައިވެ އެވެ.

މީގެތެރޭގައި މަހަކު އެންމެ 890 ރުފިޔާ ދައްކަވައިގެން ފޯނު ބައްލަވައިގަނެވޭނެ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއި، މަހަކު 1،200 ރުފިޔާ ދައްކަވަންޖެހޭ ހަ މަހުގެ އިންސްޓޯލްމެންޓް ޕްލޭން އެއް ހިމެނެ އެވެ. މި ޕްލޭންތައް މެދުވެރިކޮށް ސެމްސަންގް ގެލެކްސީ ނޯޓް 7 ގަނެވޭނީ އުރީދޫ ޕޯސްޓްޕެއިޑް 399 އަށް ވުރެ މަތީ ޕެކޭޖެއް ހިޔާރުކުރާ މީހުންނަށެވެ.