ވާހަކަ

ކުރު ވާހަކަ: މަޖުނޫނެއްގެ ހިތް އޮތް ގޮތް

"އަހަރެމެން ދެ މީހުންގެ ދެމެދުގައި އޮތީ ކޯރެކެވެ."
"ފެންކަޅިވި ލޮލުން ފޭބި ކަރުނައިން ހެދިފައިވާ ކޯރެކެވެ."
"ނުވަތަ ހަސަދަލީ މީހުން ރޯކުރި އަލިފާނުގެ ކޯރެކެވެ."
"ދެން އުފެދޭނީ ލޭގެ ކޯރެކެވެ."
"އެކަމަކު ހަނދާން ކުރައްޗެވެ."
"މިއީ އަބަދަށްވެސް، ލޯބީގެ ކޯރެކެވެ."

*** *** ***

މަލައިލާ އާއި މަހުމޫދުގެ ވާހަކަ ފެށެނީ މިހެންނެވެ. ދެ މީހުން މަޝްހޫރުވީ ލައިލާ އާއި މަޖުނޫނުގެ ގޮތުގަ އެވެ.

ވޮށުފިލާގައި އަކުރު އަޅައިދިން އިރު ވެސް މަހުމޫދުގެ ފިލާގައި ލިޔެފައި އޮތީ މަލައިލާގެ ވާހަކަ އެވެ. އޭނާގެ ރީތި ކަމަށް ގަތާފައި އޮތް ތައުރީފެވެ.

އެދުރުބޭ އޭނާ އަތުން އެ ފިލާ ޖަހައިގެން އަޑުހަރުކޮށް ކިޔަން ފެށީމަ މަލައިލާ ޖަންބު މަލަކަށް ބަދަލުވީ އެވެ. އެންމެ ހިމަ ނާރުތައް ވެސް ފާޅުވީ އެވެ.

މަކްތަބުން ނުކުމެގެން ގެއަށް ދިޔަ މަގުމަތީގައި ވެސް މަހުމޫދު ހަދިޔާކުރީ ޅެންބަހުރުވައިގެ ތައުރީފެވެ. ތެޅިގަލުގެ އުވަ ފާރުގައި ވެސް ކަނޑައި ނެގީ ލޯބިވާ ވާހަކަ އެވެ. އެ ވާހަކައިގައި ކުލަ ޖެއްސީ ޝަހާދަށް އިނގިލީގެ ކޮޅަށް ފިނިފެން މަލެއްގެ ކަށްޓެއް ހަރާލައިގެން ފޮޅުވި ލޭގެ ބޮއްކަކުންނެވެ.

ދެ ހިތް ކުރަހައި ފައްތަރުކޮށް، އެއަށް ވެސް ލޭ ފާއްދައިލީ އެވެ. މަލައިލާ އެއްލި ކަތި ނަޒަރަކުން މަހުމޫދުގެ ހިތް ކަތިލެވުނީ އެވެ. މަހްމޫދު އެއްލި ފިނިފެންމާ ނަގައިގެން މަލައިލާ ދުއްވައިގަތީ އެވެ.

ކުއްލިއަކަށް ވެހިގަތް ވާރެއާ އެކު އަސްކަންޏެއްގެ ދަށުގައި ދެ މީހުން ތާށިވި އެވެ. އެ ދެ މީހުން ވަކިވާން ކާއިނާތު ވެސް ނޭދޭ ކަހަލަ އެވެ.

އަސްކަނިން އޮހެމުން ދިޔަ ފެނުގައި މަހްމޫދު އަތުން ޖަހައި މަލައިލާގެ މޫނަށް ބުރުވާލުމުން އޭނާ ރަކިވެގެން ގޮސް އެނބުރިގަތެވެ.

~ ~ ~
"ފުރަގަސް ދޭނީ ތާ އަބަދަށް ހެއްޔެވެ؟"
"ފުރަގަސް ބަލަމުން ދާންވީ ހެއްޔެވެ؟"
"ފުރަތަމަ ނަޒަރުން ވެސް ކަތިލީތާ އެވެ."
"ފުރަނަކަތުގެ ވާރޭގައި ތެމި ފޯވީތާ އެވެ."
~ ~ ~

މަލައިލާގެ އަތުގައި އޮތް މަޑު ފިޔާތޮށި ކުލައިގެ ފިނިފެންމާ އަތުލައިގެން ގޮސް އޭނާގެ ބޮލުގައި ހުރި ކަޅުދަތީގައި މަހްމޫދު ހަރުކޮށްލި އެވެ. އޭނާގެ ދެ އަތް ދޫކޮށްލިއިރު މަލައިލާގެ އަތްދަނޑިން ފެށިގެން ހިކަނދިމަސްގަނޑާ ހަމަ އަށް ވަނީ ހީބިހި ނަގައިފަ އެވެ.

ޖަޒުބާތުތައް ހިފެހެއްޓުމުގެ ކުޅަދާނަކަން ގެއްލުމުން އަސްކަނިން ދެމިގެން މަލައިލާ ދުއްވައިގަތެވެ. ފަސް އެނބުރި ބަލަމުން ގޮސް ބޯ ވާރޭގެ ތެރެއަށް އޭނާ ގެއްލުނީ އެވެ.

އެ ފިޔަވަޅުމަތިން ދުވެފައި ގޮސް މަލައިލާ ގެއްލުނު ހިސާބުން މަހްމޫދާ ދިމާވީ އިސްކޮޅުން ބިޔަކޮށް ހެދިފައި ހުރި ކަޅު ފިރިހެނަކާ އެވެ. މަހްމޫދުގެ މޭގައި އަތް އަޅައި ފަހަތަށް ކޮށްޕާލުމަށް ފަހު އެ ފިރިހެން މީހާ މަލައިލާގެ އަތުގައި ހިފައި ލަކި ޖަހަމުން ހިނގައިގަތީ އެވެ.

އެއީ އޭނާގެ ބައްޕަ އެވެ.

މަލައިލާގެ ބޮލުން ވެއްޓުނު ފިނިފެންމާ ނަގައިގެން މަހުމޫދު އެނބުރިގަތީ އޭނާގެ އާންމު މަސައްކަތަށެވެ. ފާރުގައި ކަނޑައި ނަގަން ފެށީ އޭނާގެ ލޯބީގެ ވާހަކަ އެވެ.

~ ~ ~
"ފުރާނަ ދިޔަޔަސް މަށަށް ހެވެ."
"އުރާލައިގެން ފިލަން ވެސް މަ ތައްޔާރެވެ."
"ފުރާވަރުގައި ކުރާ ސަމާސާއެއް ނޫނެވެ."
~ ~ ~

އެއީ ތެދެކެވެ. މަލައިލާގެ އުނގަށް މަހުމޫދު ބަންޑުންކުރި ހިތަކީ ފުރާވަރުގެ ސަމާސާއެއް ނޫނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މަލައިލާގެ ނަން އޮތީ އެ ހިތުގައި ބިންވަޅު ނަގައިފަ އެވެ. އެ ރީތި އަންހެނާއާ އެކު މަހުމޫދު ބެލީ އުމުރު ދުވަހުގެ ހުވަފެނެކެވެ. އަދި ދެން އޮތް ދުނިޔޭގައި ވެސް އޭނާ ބޭނުންވި ދެ ވަނަ އަންހެނަކު ނެތެވެ.

މަލައިލާގެ އަތް އަތުލުމަށް އޭނާގެ ބައްޕަ ގާތަށް ދާން ވެސް މަހުމޫދު ފަސް ނުޖެހުނީ އެހެންވެގެންނެވެ.

ހިތްހަލާކުވާ ހިސާބަކީ މިއީ އެވެ. ކޮސް ނުގޮވުމަށް އެދި މަހްމޫދުގެ މޭގައި އަތް އަޅައި އަނެއްކާވެސް ކޮށްޕާލީ އެވެ.

އޭގެ ހަފުތާއެއްހާ ދުވަސް ފަހުން މަލައިލާ އަށް 18 އަހަރު ފުރުމާ އެކު ރަށުގެ ކަތީބުގެ ދަރިއާ ދެވީ އެވެ.

ބޮޑާކަމާއި ކިބުރުވެރިކަމުގައި ނުކުމެ ކަތީބުގެ ދަރި މަލައިލާ ޖަހައިގެން ދިޔަ މަންޒަރު ބަލަން މަހުމޫދުގެ ހިތަކަށް ކެތެއް ނުވި އެވެ.

ޝަހާދަށް އިނގިއްޔަށް ފިނިފެން މަލެއްގެ ކަށިތައް ހަރައިގެން ލިޔުނު ސިޓީއެއް މަލައިލާއާ ހަވާލުކޮށް ދިނުމަށް އެދި އެކުވެރިއެއްގެ އަތަށް ދިނުމަށް ފަހު ކުޑަ ބައްތެއްޔެއްގައި މަހުމޫދު ރަށުން ފުރައިގެން ދިޔައީ އެވެ.

~ ~ ~
"ކަތީބުގެ ދަރިއަށް ހިބަކޮށް ދިނަސް"
"ކަތިވަޅިން ޖަހައި ކަތިލިޔަސް"
"ކަތިވަޅި ގެއްލި، މަރިޔަނބު ގެއްލި، ކޮށި ދަނޑު ގެއްލުނަސް"
"މި ހިތެއް މަރެއް ނުވާނެ އެވެ"
~ ~ ~
"އުއްބައްތިއެއް ހެން ވިރިގެން ދިޔަސް"
"އުއްތަމަ ފަނޑިޔާރު ވިދާޅުވިޔަސް"
"އުންމަތުގެ ޚަލީފާ ނުރުހުންވެ ވަޑައިގަތަސް"
"މި ލޯތްބެއް މަރެއް ނުވާނެ އެވެ."
~ ~ ~
"އުންޑައެއް އަރައި މަރުވިޔަސް"
"ފުން އަނދިރީގައި ހަފުސްވިޔަސް"
"ފުންކަނޑަށް ގެނބި އަރަގުވިޔަސް"
"ދުވަހަކު ވެސް މަރެއް ނުވާނެ އެވެ."
~ ~ ~

ނަމަވެސް އެހިސާބުން މަހުމޫދު ގެއްލުނީ އެވެ. އޮޔާދަނިކޮށް އޭނާގެ ބައްތެލި މަސްދޯންޏަކަށް ފެނިގެން ކަފިޖަހައިގެން ގެނެސް ރަށަށް އެހެލި ގޮތަށް އޮވެ ފީވީ އެވެ.

ބަލި އެނދުގައި އޮތް އޭނާގެ އެކަނިވެރި އަމާ ވެސް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރީ އެވެ. ކަތީބުގެ ދަރިއާ އެކު މަލައިލާގެ ދިރިއުޅުން ވެސް ބަރުބާދުވީ އެވެ. އަދި މަހުމޫދު މަރުވީ ކަމަށް ނިންމައި ރަށު މީހުން އޭނާގެ ވާހަކަ ނިންމާލީ އެވެ. ހަނދާން ވެސް ނައްތާލީ އެވެ.

ނަމަވެސް އޭނަގެ ވާހަކަ އެމީހުން ލިޔެ ނިންމީ ރޯނުބައިކޮށެވެ.

މަހުމޫދުގެ ވާހަކަ ދެން ފެށެނީ އެންމެ އުތުރުގައި އޮތް ތުރާކުނުންނެވެ. އޭނާ ބޭނުންވީ މަލައިލާގެ ހަނދާންތަކުން ސަލާމަތްވުމަށް ދެވުނު އެންމެ ދުރަކަށް ދާށެވެ. އެހެންވެ ޖެހިގެން އޮތް ރަށަށް އަރައި ބައްތެލި ބެހިގެންދާން ދޫކޮށްލުމަށް ފަހު އެ ރަށުގެ ދޯންޏަކަށް އަރައިގެން ދެން އޮތް ރަށަށް ދިޔައީ އެވެ. އެއަށް ފަހު ރަށަކަށް ފަހު ރަށެކެވެ.

ނަމަވެސް ހައްދުންމަތިން ފެށިގެން ތުރާކުނާ ހަމަ އަށް ދަތުރުކޮށްގެން ވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭ ގޮތެއް ނުވި އެވެ. މަލައިލާގެ ކުލަ ހަނދާންތައް ފޮހެވިގެންދާ ގޮތެއް ނުވި އެވެ. ދަތުރުމަތީގައި މަލައިލާ ކަހަލަ އަންހެނަކާ ދިމާވެދާނެ ކަމަށް އުއްމީދުކޮށްގެން ހުއްޓެއްކަމަކު އެފަދަ އަންހެނަކާ ވެސް ބައްދަލެއް ނުވި އެވެ. ނުވަތަ ދިމާވިޔަސް މަހުމޫދުގެ ޙިއްސަށް އެނގޭވަރު ނުވީ އެވެ.

މަލައިލާ ނޫން އެހެން މީހަކު އޭނާގެ ކުރިމަތީގައި ދުވަހަކު ވެސް ފަތްމިންޏަކަށް ބަދަލުނުވާނެތީ އެވެ. ހިތް ބާއްވާފައި ފުރައިގެން އާދެވުނީތީ އެވެ. މަލައިލާ ފެންނަން ނެތް ދުނިޔެއެއްގައި ކުލަ އާއި ވަހާއި އަޑު ވަކިކުރަން ވެސް މަހުމޫދަށް ނޭނގޭތީ އެވެ.

ތުރާކުނުން އޭނާއާ ބައްދަލުވި ކަސްބީ އަންހެން މީހާ ދޫކޮށް ޅެން ބައިތު ގަތަމުން ފަންރިޔަލުގައި އޭނާ ރަށަށް ފުށީ މަލައިލާއާ އެއްފަސްގަނޑެއްގައި ވުމަށެވެ. ފާރުގައި ކަނޑައި ނެގި ގޮތަށް ދެ މީހުންގެ ވާހަކަ ނުނިމުނަސް އޭނާގެ މޫނު ފެންނަ ހިސާބުގައި ވުމަށް ހިތް އެދި ގޮވަން ފެށީމަ އެވެ.

ކަތިލެވިގެން މަރުވިޔަސް އޭނާ ނެތް ފަސްގަނޑަކަށް ނެތި ނިމިގެންދާން ބޭނުންނުވީމަ އެވެ.

*** *** ***

ބައްތެލިދޯނި ގޮސް ރަށަށް ބީއްސާލުމާ އެކު ދިނރުބާކޮޅުގައި ހުރެފައި ދޮންވެލިގަނޑު މައްޗަށް މަހުމޫދު ފުންމާލި އެވެ. ފިޔަވަޅު ނަގަމުން ރަށު ތެރެއަށް ހިނގައިގަތެވެ.

ފާއިތުވި ފަސް އަހަރު ތެރޭގައި އޭނާގެ ސިފަ އަށް ބަދަލުތަކެއް އައިސްފައިވީ ނަމަވެސް އުފަން ރަށް އޮތީ އޮތް ގޮތަށެވެ. އެ ރަށް އޭނާ އަށް ބީރައްޓެހި ނުވިޔަސް، ރަށަށް އޭނާވީ ބީރައްޓެއްސަކަށެވެ. ކަނދުރާއާ ހަމަ އަށް ދިގުކޮށްފައި އޮތް ބޮލުގެ އިސްތަށިގަނޑާއި ނުކޮށައި ދުވަސްވެފައިވާ ތުނބުޅިއާ އެކު ރަށުގެ އެކަކަށް ވެސް އެއީ ކާކުކަމެއް ނޭނގުނެވެ.

ހޮޅުއަށިތަކާއި ޖޯލިފަތިތަކުން ތެދުވިގެން އައި މީހުން އޭނާއާ ވާހަކަ ދެއްކީ ބީރައްޓެހިންނާ ވެސް މުޙާތަބުކުރާ އުސޫލުންނެވެ. ނަމަވެސް އެމީހުންނަކަށް އޭނާގެ އަތުގައި ވަގުތެއް ނެތެވެ. ކެތްމަދުވެފައި ހުރީ އެންމެ ލޯބިވާ މީހުންގެ މޫނު ދުށުމަށެވެ.

އަނގައިން ނުބުނެ މިސްކިތްމަގުން ގޮސް އޭނާ ހުއްޓުނީ ރުއްޖެހިގޭ ކުރިމަތީގަ އެވެ. ވީރާނާވެފައިވާ އެ ގެއިން ދިން ޚަބަރާ އެކު މަހުމޫދަށް ރޮވިއްޖެ އެވެ.

ދަބަރަށް ގޮސް ހުސްވެފައިވާ ޓިނު ފުރާޅު ފޮރުވިފައި ވަނީ އެކި ވަރުވަރުގެ ގާބުރިތަކުންނެވެ. ލޫވާ ޖެހި ކުޑަދޮރުތައް ވެސް އެފަދަ ހަމަލާތަކުގައި ސުންނާފަތިވެފަ އެވެ. ފާރުތައް ހަޑިކޮށްފައި ވަނީ ލަދު ހުތުރު ފުރައްސާރައިންނެވެ.

ރުއްޖެހިގޭ ކުރިމަތީގައި ބިއްޖެހިފައި ހުރި ޒުވާނާ އަކީ މަހުމޫދުކަން އެނގުމުން ހިސާބުގަނޑުގައި ކުޅިބަލަން ތިބި މީހުންތައް އެމީހުންގެ ގެދޮރަށް ވަދެ ފިލީ އެވެ.

އޭނާ ފަސްއެނބުރުނުއިރު ލޮލުކޮޅަށް ފެންނަ ހިސާބުގައި ހުރީ ކަތީބުގެ ދަރިއެވެ. މަހުމޫދަށް އެކަން ފަހުމްވި ހިސާބުން ކަތީބުގެ ދަރި ވެސް ފުރަގަސްދީގެން ހިނގައިގަތެވެ.

އޭނާ ފަހަތުން މަހުމޫދު ވެސް ހިނގައިގަތެވެ. ރަތްދަކައައްވާ އެކު އޭނާގެ ލޭ ދިޔައީ ކެކެމުންނެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުމުން މަހުމޫދު އެކުގައި ފިނިވީ އެވެ. މަލައިލާގެ މޫނު އޭނާ އަށް ދެން ދުވަހަކު ވެސް ނުފެންނާނެކަން ކަށަވަރުވި ހިސާބުންނެވެ.

ގަބުރުސްތާނުގެ ބޭރުގައި ކަތީބުގެ ދަރި މަޑުކޮށްލި އެވެ. ދުވެފައި ގޮސް މަހްމޫދު ވެއްޓިގަތީ މަލައިލާގެ މަހާނަ މައްޗަށެވެ.

މަހުމޫދު ނެތް ދުނިޔެއެއްގައި އުޅެން ބޭނުން ނުވާ ކަމަށް ބުނެ ކުފުރުމަރަކުން ވަކިވެގެން ދިޔައީ އެވެ. ގެއްލިގެން ހޯދަނިކޮށް އޭނާގެ ގަބުރު ފެނުނީ ދޮންރުއް ވަލުގައި ދަންޖެހިފައި ހުއްޓަ އެވެ.

މަލައިލާ އަށް ވީގޮތް އެނގުނު ހިސާބުން މަހުމޫދު އަނެއްކާވެސް ގެއްލުނީ އެވެ. ރަށު މީހުން ނިންމީ އޭނާ އަނެއްކާވެސް ފުރައިގެން ދިޔައީ ކަމަށެވެ.

ދޮންރުއް ވަލުގައި ދަންޖެހިގެން މަހުމޫދު ވެސް މަރުވީ އެވެ. ފެނުނުއިރު އޮތީ ކުނިވެ ފުޅަ އަޅައިފަ އެވެ.

ލައިގެން ހުރި ގަމީހުގެ ޖީބުގައި އޮތީ ކުރު ސިޓީއެކެވެ. މަލައިލާއާ އެކުގައިވުމަށް އެދިކޮށްފައިވާ އާދޭހެވެ.

"ހިތް އެދެނީ މަލައިލާ އަށް"
"ހިތްހަށި ވެސް މަލައިލާ އަށް"
"ހިތް ހަށްޓާ ބެދިއްޖެ"
"މި ވާހަކަ ނިމިއްޖެ"