ބްރެޒިލް އަކީ ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނެވެ. ފަސް ފަހަރު ވޯލްޑް ކަޕު ހޯދި ބަޔަކު އެނޫނީ ނެތެވެ. ނަމަވެސް ޕެލޭ އާއި ރޮނާލްޑޯ އަދި ރޮނާލްޑޯނިއޯ އާއި ކަކާ ފަދަ ކުޅުންތެރިންނަށް ފަހު ބްރެޒިލްގެ ނަން ފުޓްބޯޅައިގެ އުދަރެހުން ވަނީ ފަނޑުވާން ފަށައިފަ އެވެ. ތަރިންގިނަވެފައި ކުރިން އޮތަސް ފަހަކަށް އައިސް އުފެދުނު ތަރިއަކީ ނޭމާ އެކަންޏެވެ. އޭނާ ނުލައި ކުޅެން ޖެހުމުން އެންމެ ފަހުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން ބަލިވީ 7-1އިންނެވެ. މިއީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ލަދުވެތި ނަތީޖާ އެވެ.
ބްރެޒިލްގެ ފުޓްބޯޅަ ވަޅުޖެހެން މެދުވެރިވި އެއް ސަބަބަކީ ގައުމުގެ އެތެރޭގެ ހަމަޖެހުން ނެތުމެވެ. ކޮރަޕްޝަނާއި ފަސާދަ އިތުރުވެ، ގައުމުގެ ގިނަ ރައްޔިތުން ބިކަވެ، ނަތީޖާއެއްގެ ގޮތުން ފުޓްބޯޅަ ފެޑަރޭޝަނަށް ވެސް އޭގެ އަސަރުކުރި އެވެ. ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގަ އާއި ނަތީޖާއަށް އަސަރުކުރާ ފަދަ ނޭދެވޭ ކަންތައްތައް ގިނަވެފައިވާކަމަށް ފަހުގެ ތަހުގީގީ ރިޕޯޓްތަކުގައިވެ އެވެ.
ނަމަވެސް މިހާތަނަށް ބްރެޒިލަށް ދުނިޔޭގެ ފުޓްބޯޅައިގެ ލިބިފައިނުވާ ހަމައެކަނި އިނާމް ކަމަށްވާ އޮލިމްޕިކް ގޯލްޑް މެޑަލް އިއްޔެރޭ ފުރަތަމަ ފަހަރަށް ހޯދުމުން ބްރެޒިލްގެ ފުޓްބޯޅަ މަރުން ސަލާމަތްވެއްޖެކަމަށް ގިނަބަޔަކު ވަނީ ގަބޫލުކުރަން ފަށައިފަ އެވެ.
"ބްރެޒިލްގެ ފުޓްބޯޅަ މަރެއްނުވޭ. މިކާމިޔާބީއަކީ އަހަރުމެންގެ ސީނިއާ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް. އަހަރުމެން ޝަރަފާއި އިތުބާރާއެކު ކުރިއަށްދާން ލިބޭނެ ވަރަށް ބޮޑު ހިތްވަރެެއް. މިފަހުން ނެރުނު ނަތީޖާތައް ރަނގަޅު ކުރަން ލިބޭނެ ވަރަށް ބޮޑުވަރެއް،" އޮލިމްޕިކް ފައިނަލް މެޗަށް ފަހު ކޯޗު ރޮގާރިއޯ ބުންޏެވެ.
އޭނާ ބުނީ ބްރެޒިލްގައި ރަނގަޅު ކުޅުންތެރިން އެބަތިބި ކަމަށާއި އޮލިމްޕިކް ޓީމަކީ ބްރެޒިލްގެ ފުޓްބޯޅަ އުޖާލާވަމުން އަންނަ ކަމުގެ ނިޝާނެއް ކަމަށެވެ.
"މި ޓީމުގައި ނެތް ވޯލްޑްކަޕް ސެމީފައިނަލުގައި ކުޅުނު އެކަކުވެސް. އަދި މިއީ 23 އަހަރުން ދަށުގެ ޓީމެއް. އެހެންވީމާ މި ޓީމާއި މިހާރު ސީނިއާކޮށް ތިބި ކުޅުންތެރިން އެކުވުމުން އަހަރުމެންނަށް ވަރަށް ރަނގަޅު ޓީމެއްް ނެރެވޭނެ. އަހަރެން އެކަމާ ޝައްކެއްވެސް ނުކުރަން،" ކޯޗު ބުންޏެވެ.
އޮލިމްޕިކް ފައިނަލަށްފަހު ކެޕްޓަންކަން ނޭމާ ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް ކޯޗު ބުނީ އެއީ މައްސަލައެއްނޫން ކަމަށާއި ޓީމުގެ ކެޕްޓަންކަން ކުރެވޭހާ ގިނަ ކުޅުންތެރިން އުފައްދަންޖެހޭ ކަމަށެވެ. އަދި ނޭމާގެ ނިންމުމަށް އޭނާ އިހްތިރާމްކުރާ ކަމަށާއި ފަހަރުގައި އެނިންމުން އަދި ބަދަލުވެސް ވެދާނެ ކަމަށެވެ.