މެންޗެސްޓާ ސިޓީއަށްވުރެ މުއްސަދި ކުލަބަކަށް ލިވަޕޫލަށްވެވޭވަރުގެ ވަރުގަދަ ބިޑެއް އެކުލަބު ގަތުމަށް ޗައިނާގެ ކުންފުންޏަކުން ހުށަހަޅައިފި އެވެ.
ލިވަޕޫލް ގަތުމަށް ހަރަދުކުރަންޖެހެ 700 މިލިއަން ޕައުންޑް ޕްލިލިމިނަރީ އޮފާ މިހާރު ވަނީ އެކުލަބު ހިންގަމުން އަންނަ އެމެރިކާގެ ފެންވޭ ސްޕޯޓްސް ގްރޫޕަށް ހުށަހަޅާފަ އެވެ.
މި ފައިސާގެ ތެރެއިން ބޮޑުބައެއް ހަރަދުކުރަނީ ޗައިނާގެ އިންވެސްޓަމަންޓް ކޯޕަރޭޝަނުންނެވެ. އެކުންފުނީގެ މިލްކިއްޔާތުގައި 620 ބިލިއަން ޕައުންޑްވެ އެވެ.
އިނގިރޭސި މީޑިޔާއުން ބުނާގޮތުގައި ޗައިނާގެ ކުންފުންޏަށް ލިވަޕޫލް ވިއްކާލައިފިނަމަ އަބޫދާބީގެ މަހުޖަނު ޝައިހް މަންސޫރު ހިންގާ މެންޗެސްޓާ ސިޓީއަށްވުރެ މުއްސަދި ކުލަބަކަށް ލިވަޕޫލްވާނެ އެވެ.
ނަމަވެސް ލިވަޕޫލް ހިންގާ ފެންވޭ ސްޕޯޓްސް ގްރޫޕުން ވަނީ ކުލަބު ވިއްކާލުމުގެ ހިޔާލު ނުގެންގުޅޭކަމަށް ކުރިން ބުނެފަ އެވެ. އެހެން ނަމަވެސް ކުލަބުގެ މެޖީރިޓީ ޝެއާ އެމީހުންނަށް ނުގެއްލޭގޮތަށް ހިއްސާގެ ބައެއް ވިއްކާލަން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އިނގިރޭސި ނޫސްތަކުން ބުނަނީ ފެންވޭ ސްޕޯޓްސް ގްރޫޕާ ހިއްސާވެގެން ލިވަޕޫލް ހިންގުމަށް ޗައިނާގެ ކުންފުނިން ޝައުގުވެރިވާ ކަމަށެވެ.
ޗައިނާގެ ކުންފުނިތަކުން ޔޫރަޕުގެ ކުލަބުތަކަށް ގަތުމަށް މަސައްކަތްކުރަމުންދަނީ ކުޅިވަރުން ފައިދާ ހޯދުމަށް އެގައުމުގެ ރައީސް ހުށަހަޅާފައިވާ ބިޑަށް އެއްބާރުލުން ދިނުމަށެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ޗައިނާގެ ކުންފުނިތަކުން ކޮށްފައިވާ އެންމެ ބޮޑު ވިޔަފާރިއަކީ އިޓަލީގެ މަޝްހޫރު އޭސީމިލާން ގަތުމެވެ.