މެންޗެސްޓާ ސިޓީން ބޭރުކޮށްލަން ބޭނުންވާ އިނގިރޭސި ގައުމީ ކީޕަރު ޖޯހާޓްގެ ދިފާއުގައި އިޓަލީގެ ގައުމީ ކީޕަރު ޖިއާން ލުއިޖީ ބުފަން ވާހަކަ ދައްކައިފި އެވެ.
ޔުވެންޓަސްގެ ކީޕަރު ބުނީ ހާޓަކީ މެންޗެސްޓާ ޔުނައިޓެޑުގެ ސްޕޭން ކީޕަރު ޑޭވިޑް ޑެހެޔާ އާއި ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ނަގާފައި ދުނިޔޭގެ އެންމެ މޮޅު ކީޕަރު ކަމަށެވެ.
"އޭނާ އަކީ އެއްފެންވަރެއްގައި ކުޅޭ ކީޕަރެއް. މިދިޔަ ފަހެއް ނުވަތަ ހަ އަހަރަށް ބަލާއިރު އޭނާއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކީޕަރު. އޭނާ އަށްވުރެ މޮޅުކަމަށް ކިޔަންޖެހޭނީ ޑެހެޔާ އާއި ނޯޔާ. އެއީ ވަރަށް މޮޅު ދެ ކީޕަރުން. އެދެމީހުންނަށްފަހު ހާޓަށްވުރެ ވަކިމޮޅު ކީޕަރަކު ނެތް،" 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބުކޮށްދިން ބުފަން ބުންޏެވެ.
އޭނާ އަދި ބުނީ މޮޅު ކީޕަރެއްގެ ގޮތުގައި ހުރުމަށް 29 އަހަރުގެ ހާޓަށް އަދި ވަރަށް ގިނަ އަހަރުތައް އެބައޮތް ކަމަށާއި މެންޗެސްޓާ ސިޓީގައި އޭނާ ނެތަސް އެކަން ކުރެވިދާނެ ކަމަށެވެ.
"އެކަން ކުރުމަށް ކޮންމެހެން މެންޗެސްޓާ ސިޓީގައި ހުންނާކަށް ނުޖެހޭ. އޭނާ އަކީ މޮޅު ކީޕަރަކަށްވެވޭ ހިތްވަރާއި ގަޓު ހުރި މީހެއް،" ބުފަން ބުންޏެވެ.
ސިޓީގެ ކޯޗުކަމާ މެނުއަލް ޕެލެގްރީނީ 2014 ވަނަ އަހަރު ހަވާލުވުމުން ވެސް ހާޓަށް މަގާމު ގެއްލުނު ކަމަށާއި ނަމަވެސް އަލުން އެއްވަން ކީޕަރުކަން ހޯދައި މަގާމު ދަމަހައްޓާފައިވާކަން ބުފޮން ފާހަގަކުރި އެވެ.
ނަމަވެސް ސިޓީގެ އާކޯޗު ސްޕޭނުގެ ޕެޕް ގާޑިއޯލާ ވަނީ ހާޓް ވިއްކާލަން ނިންމައިފަ އެވެ. ފުރަތަމަ ދެ މެޗުން ވެސް އޭނާ އަށް ޖާގަ ލިބުނީ ބެންޗުންނެވެ. އަދި ހާޓްގެ ބަދަލުގައި ބާސެލޯނާ އަށް ކުޅޭ ޗިލީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ގަތުމަށް މިހާރު ވަނީ ނިންމާފަ އެވެ.
ހާޓްގެ ކުރިމަގާމެދު ސުވާލު އުފެދިފައިވާއިރު އޭނާ ގަރުމަށް ސްޕޭނުގެ ސެވިއްޔާ އާއި އިނގިރޭސި ކުލަބު އެވަޓަންއިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ނަމަވެސް ހާޓް ބޭނުންވަނީ އިނގިރޭސި ބޮޑު ކުލަބަކަށްދާށެވެ. އޭނާ އަށް ކިރިޔާ ވެސް ފުރުސަތެއް އޮތީ ލިވަޕޫލުން ކަމަށް ނޫސްތަކުން ބުނެ އެވެެ.