ބޭރު ކުޅިވަރު

ހަތްނަންބަރާއި އަތްދިގު ޖާޒީ ލަނީ ބެކަމް އަށްޓަކައި: ގްރިއެޒްމަން

ފުޓްބޯޅައިގައި އޭނާ އެންމެ ހިތްއެދޭ ކުޅުންތެރިއަކީ އިނގިރޭސި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ކަމަށާއި ހަތްނަންބަރާއި އަތްދިގު ޖާޒީ ލަނީ ވެސް އޭނާއަށް ކުރާ ތާއީދަކާ ހެދި ކަމަށް ފްރާންސްގެ ފޯވަޑް އެންޓޯނިއޯ ގްރިއެޒްމަން ބުނެފި އެވެ.

އެތްލެޓިކޯ މެޑްރިޑުގެ ކުޅުންތެރިޔާ ބުނީ ބެކަމްގެ ސަބަބުން އިނގިރޭސި ޕްރެމިއާ ލީގުގައި ކުޅެން އޭނާ ލޯބިކުރާ ކަމަށެވެ.

"އަހަރެން ވަރަށް ގަޔާވާ ކުޅުންތެރިއެއް އެއީ. އަހަރެންގެ އައިޑޮލް އަކީ ޑޭވިޑް ބެކަމް. މިހެންވެ އަހަރެން އަތްދިގު ޖާޒީ އާއި ހަތްނަންބަރު ލަނީ،" ނިމިގެންދިޔަ ޔޫރޯގެ ރަންބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގްރިއެޒްމަން ބުނެފި އެވެ.

އޭނާ ބުނީ އެތްލެޓިކޯއާއެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓް ނިމުމުން އިނގިރޭސި ލީގަށް ބަދަލުވާން އޭނާ ވިސްނާނެ ކަމަށެވެ. އަދި ހުސްވި ސީޒަނުގައި ޗެމްޕިއަންސް ލީގު ގެއްލުނު ނަމަވެސް އެ މުބާރާތާއި ސްޕެނިޝް ލީގު ހޯދުމަކީ އޭނާ އާއި ޓީމުގެ އަމާޒެއް ކަމަށެވެ.

ގްރިއެޒްމަނަށް ނިމިދިޔަ ސީޒަނަކީ އެހާ ކާމިޔާބެއްނޫނެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެތްލެޓިކޯ މެޑްރިޑް ބަލިވިއިރު ޔޫރޯ ފައިނަލުގައި ފްރާންސް ބަލިވީ ޕޯޗުގަލް އަތުންނެވެ.