ބޭރު ކުޅިވަރު

ރަންމެޑެލްއާ އެކު ނޭމާ ބްރެޒިލްގެ ކެޕްޓަންކަމާ ދުރަށް

އޮލިމްޕިކް ފުޓްބޯޅަ އިވެންޓްގެ ރަންމެޑަލް ބްރެޒިލަށް ހޯދައިދިނުމަށްފަހު ޓީމުގެ ތަރި ނޭމާ ސަންޓޯސް ކެޕްޓަންކަން ދޫކޮށްލައިފި އެވެ.

އޭނާ ބުނީ މިއީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ކަމަށާއި އޭނާ އަށް މިހާތަނަށް ކުރިމަވުންއައި ފާޑުކިއުންތައް މިކާމިޔާބީއާއެކު ހުއްޓުމަކަށް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

"އަހަރެންގެ މެސެޖް ކޯޗަށް ފޮނުވާނަން. އަހަރެން ބޭނުންވަނީ މިވަގުތުން ފެށިގެން އޭނާ އާކެޕްޓަނަކު ހޯދުމަށް. މިއަދު އަހަންނަށް ޗެމްޕިއަނަކަށް ވެވިއްޖެ އަދި އަހަރެން ކެޕްޓަންކަން ދޫކޮށްލަން ނިންމީ. ކެޕްޓަން ބޭންޑާއެކު ރަންމެޑަލް ލިބުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. ކެޕްޓަންކަން ދޫކޮށްލަންޖެހުނު ސަބަބަކީ ވެސް މިއީ،" ބާސެލޯނާގެ ފޯވަޑް ބުންޏެވެ.

އަމިއްލަ ގައުމުގައި ބޭއްވި މުބާރާތުގައި ހަތަރު ގޯލު ޖަހައިދިން ފޯވަޑް ބުނީ ބްރެޒިލަށް ފުޓްބޯޅައިން މިހާތަނަށް ނުލިބިއޮތް ހަމައެކަނި ކާމިޔާބީ ޖަރުމަނު ޕެނަލްޓީ ޖަހައިގެން 5-4އިން ބަލިކޮށް ހޯދައިދިނުމަކީ އޭނަގެ ހަޔާތުގައި އެންމެ އުފާވެރި ވަގުތުކޮޅު ކަމަށެވެ.

"އަހަރެންގެ އިހުސާސްތައް ކިޔައިދެވޭވަރަށްވުރެ މާމަތިވެރި. އަހަރެންމިހުރީ ވަރަށް އުފަލުން. އަހަރެންގެ ގައުމު ފަހަރުވެރިކުރެވިއްޖެ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް،" ފައިނަލް މެޗުގައި ޖަރުމަނުކޮޅަށް މޮޅުވި ޕެނަލްޓީ ޖެހި ކުޅުންތެރިޔާ ބުންޏެވެ.

އުމުރުން މިހާރު 24 އަހަރުގެ ނޭމާ އަށް ބްރެޒިލްގެ ކެޕްޓަންކަން ދިނީ ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން 7-1އިން ބްރެޒިލް ބަލިވި މުބާރާތެއް ފަހު އެވެ. ނޭމާ ވަނީ އޭނާގެ އަތާއި ފައިގައި ރިއޯ އޮލިމްޕިކްސް ލޯގޯއާއެކު ޖަހާފައިވާ ޓެޓޫތައް ފައިނަލް މެޗަށް ފަހު ދައްކާލައިފަ އެވެ.